ads
ވީޑިއޯ ރިޕޯޓް:-
ފުލުހުން "ފެއިލް" ވަނީ ބާ؟
މި ފަހަކަށް އައިސް ރޭޕް އަދި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފެންމަތިވާއިރު، ފުލުހުންގެ ކިބައިން އެންމެ ޕްރޮފެޝަނަލްކަން ނުފެންނަކަމީ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދޭ ކަމެކެވެ. ފުލުހުން މަސައްކަތް ނުކުރާ ކަމަށް ބުނެ، ފުލުހުންގެ މުއައްސަސާ ފެއިލްވާ ކަމަށް ބުނެ އިނގިލި ދިއްކުރާ މީހުން ވެސް ވަކި މަދެއް ނޫނެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަބަދުވެސް މި މުޖުތަމައުގައި އަޑު އުފުލާއިރު، މިފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިފައި ނުވަނީ ފުލުހުންނާއި ގައުމުގެ ޖުޑިޝަރީ ފެއިލް ވެފައި ވުމުން ކަމަށް ތުހުމަތު ކުރާ މީހުން މަދެއް ނޫނެވެ.

އާންމުކޮށް މީސް މީޑީއާގައި އެކި ފުރައްސާރައިގެ ޝަކުވާ މީހުން ހިއްސާ ކުރާއިރު، މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން އަމަލު ކުރާ "އަން-ޕްރޮފެޝަނަލް" ކަމުގެ ވާހަކަ ދައްކާ މީހުން އެހާ ގިނައެވެ. މައްސަލައިގެ އަޕްޑޭޓް ނުދިނުމާއި، އަނިޔާ ލިބިފައިވާ ފަރާތް ކުށްވެރިވާ ގޮތަށް ވާހަކަ ދެއްކުމާއި، އަނިޔާ ލިބިފައިވާ ފަރާތަށް އިތުރު ގެއްލުމާ ކުރިމަތިވާ ފަދަ ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމުގެ ތުހުމަތު ފުލުހުންނަށް މީގެ ކުރިން އެތައް ފަހަރަކު ވަނީ އަމާޒުވެފައެވެ.

މީގެ އިތުރުން ތަހުގީގި މަރުހަލާ ދިގުދަންމައިގެން ދިއުމުގެ ސަބަބުން، އިންސާފު ލިބުމުގައި އިތުރު ހުރަސްތަކާ ކުރިމަތިވާތަން ފެނިގެން ދެއެވެ. ފެނިގެން ދަނީ އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދުމަށްވުރެ ކުށް ކުރާ މީހުން ކުށުގެ އަދަބުން ރެކިގަނެގެން ދާތަނެވެ.

މި ހަފްތާގައި ވެސް ރިސޯޓެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ރާއްޖެއިން ފުރުވާލި ކަމަށް ބުނެ ނޫސްތަކަށް އެރުވި ހަބަރާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ނޫސްތަކުގައި ލިޔެފައިވާ މައްސަލައިގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

މިއާއެކު އުފެދޭ ސުވާލަކީ، މީހަކު މަރާލިކަމުގެ ވާހަކަ ނޫހެއްގައި ޝާއިއުކޮށްފި ނަމަ، އެ މައްސަލަ ތަހުގީގު ނުކޮށް ހަމައެކަނި ނޫހުގައި ޖަހާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތުތޯ ކަށަވަރުކުރަން ފުލުހުން މަސައްކަތް ކުރާނެ ތޯއެވެ. ނޫނީ ފުލުހުންގެ އިދާރާއިން އަމިއްލައަށް އިސް ނަގައިގެން މި މައްސަލަ ތަހުގީގު ކުރާނެތޯ އެވެ؟ ހަމަ މި މޭރުމުން އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަކީ ކިހިނެތް ހިނގާފައިވާ މައްސަލައެއްތޯ ފުލުހުން ބަލަން ޖެހެއެވެ. އަދި މި މައްސަލައިގައި ހިމެނޭ މީހަކު ރާއްޖެއިން ފުރުވާލި ކަމަށް ބުނާ ވާހަކަ ތެދު ނަމަ އެކަން ކުރި މީހަކަށް އަދަބު ދޭން ޖެހެއެވެ.

ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ވެސް ހަމަ ކަން ހިނގީ މިފަދަ ގޮތަކަށެވެ. މި މައްސަލައިގައި ވެސް ފުލުހުންނަށް އެކި ތުހުމަތު ކުރި އިރު، ރޭޕް އެވިޑެންސް ކިޓު ބޭނުންކޮށްގެން އެވިޑެންސް ނަގާފައިވަނީ މާ ލަހުން ކަމަށާއި، މި މައްސަލައިގައި ފުލުހުން ފަރުވާ ކުޑަ ކުރިކަމުގެ ތުހުމަތު ފުލުހުންނަށް އަމާޒު ކުރެވުނެވެ. އެ ތުުހުމަތުތައް ފުލުހުން ދޮގު ކުރި ނަމަވެސް، އެ ވާހަކާގައި ފުލުހުންގެ ބަސް ގަބޫލު ކުރާ މީހުންނަށް ވުރެ ބަސް ގަބޫލު ނުކުރާ މީހުންގެ އަދަދު އިތުރުވާނެއެވެ. 

ކާފަ އާއި މުނިކާފަ، ދެއަހަރު ނުވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކީ ވެސް ހަމަ މިފަދަ މައްސަލައެކެވެ. ގއ. ކަނޑުހުޅޫދޫގައި ހިނގި މި ހާދިސާގައި ހިމެނޭ މި ދެމީހުންނަކީ ވެސް އެމީހުންގެ މައްޗަށް އޭގެ ކުރިން އެތައް ތުހުމަތުތަކެއް ކޮށްފައިވާ ބައެކެވެ،. އެ މައްސަލައިގައި އެދެމީހުން ހައްޔަރު ކުރި އިރުވެސް، ކުއްޖާގެ މުނި ކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އޭރުވެސް ޝަރީއަތް ކުރަމުން އައި މީހެކެވެ.

މި މައްސަލައިގައި ވެސް ހުރިހާ ކޮޅަކުން ފެނުނީ އިހުމާލެވެ. އެކި ކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތު އަނިޔާ ލިބުނު ކުއްޖާގެ ކާފަ އާއި މުނިކާފައަށް އެކި ފަހަރު މަތިން ކޮށްފައިވާއިރު، އެ މައްސަލަތައް ނުބެލިފައިވަނީ ގައިމު ވަކި ސަބަބެއް އޮވެގެންނެވެ. 

ދެން އޮތީ މި ފަހުން ފެންމަތިވި ރުގުޔާގެ ނަމުގައި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައެވެ. މި މައްސަލައިގެ ތަހުގީގު އަވަސް ގޮތެއްގައި ނިންމާ، ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރުމަށް މިހާރު ވަނީ ޝަރީއަތަށް ފޮނުވާފައެވެ.

އަވަސް ދުވެއްޔެއްގައި މިކަން ޝަރީއަތަށް ފޮނުވިގެން ދިއުމަކީ ގައިމު މިފަދަ މައްސަލަތަކުގައި އިންސާފަށް އެދިއެދި ތިބި މީހުންނަށް ލިބުނު ކުޑަނަމަ ވެސް ހިތްވަރެކެވެ.

މިފަދަ މައްސަލަތަކުގައި އާންމުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލި، އެތައް ބައެއްގެ ނުރުހުން ފުލުހުންނަށް އަމާޒުވެފައިވާއިރު، ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުތަކުން މިފަދަ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެކަމީ ގަބޫލުކުރެވޭ ކަމެކެވެ.

ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމަށް ގެނައި އިސްލާހުތަކާއެކު، ފުލުހުންގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ހޯމް މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ. އަދި މިގާނޫނުގެ ސަބަބުން ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ކުރެވިގެން ދާއިރު، މި ނިންމުމުގެ ސަބަބުން އަތޮޅުތެރޭގައި ނުނިމި ފުނިޖެހިފައިވާ މައްސަލަތައް ބެލުމަށް ފުލުހުންނަށް ފަސޭހަވެގެންދާނެއެވެ. އަދި މާލެ ސަރަހައްދުގެ ފުލުހުންގެ މަސައްކަތަށް ލުއި ލިބި، މައްސަލަތަކަށް އިތުރަށް ފޯކަސްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ފުލުހުން މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ. އެގޮތުން މިިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 158 މައްސަލައަކާއި، 141 ކުއްޖަކަށް އަނިޔާ ލިބުނުކަމުގެ މައްސަލައާއި، ޖިންސީ ފުރައްސާރައިގެ 34 މައްސަލައަކާއި، ޖިންސީ ފުރައްސާރައިގައި އަނިޔާ ލިބުނުކަމުގެ ހަތް މައްސައެއް ފުލުހުންނަށް ލިބިފައިވެއެވެ. 

މީގެ އިތުރުން 2019 ގައި ޖުމުލަ 53 ބްލެކްމެއިލްގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިއިރު، މިދިޔަ އަހަރު ޖުލައި މަހުގެ ނިޔަލަށް 86 ބްލެކްމެއިލްގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

2018 އިން 2020 ގެ ޖުލައި މަހާއި ހަމައަށް ރިޕޯޓުކޮށް ދައުވާކޮށް، ސާބިތު ކުރެވުނު މައްސަލަތަކަށް ބަލާއިރު، 2018 އިން 2020 އަށް ދައުވާކޮށްފައިވަނީ 23 މައްސަލައެއްގައެވެ. އަދި މީގެ ތެރެއިން ސާބިތު ވެފައިވަނީ އެންމެ ފަސް މައްސަލައެއް ކަމަށް މިދިޔަ އަހަރު ޖުލައި މަހު ޕީޖީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައެވެ. 

ގައިމުވެސް ކުށްކުރާ މީހުން ދޫކޮށްލުމީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. ކުށްކުރާ މީހުންނަށް ހައްގު އަދަބު ދެވެން އޮތީ ފުލުހުން ވެސް އެމީހުންގެ ދައުރު ރަނގަޅަށް އަދާ ކޮށްގެނެވެ. މިކަން ވާން އޮތީ އެ މުއައްސަސާގެ އެތެރޭގެ އެތައް މަސައްކަތެއް ރަނގަޅަށް ހިނގަން ފަށައިގެންނެވެ.

މި ދެންނެވި މައްސަލަތައް ހައްލުކުރަން ފުލުހުންގެ މުއައްސަސާ ވަނީ ފެއިލްވެފައި ނޫންތޯ އެވެ؟ 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް