ads
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޗާޕްކޮށްފައިވާ ވޯޓް ކަރުދާސްތަކެއް-- ފޮޓޯ: ވީނިއުސް
ރޯދައިގެ ކުރިން އިންތިހާބު ބާއްވަން މަސައްކަތް ކުރަނީ
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުތައް ރޯދައިގެ ކުރިން ބާއްވަން މަސައްކަތް ކުރަމުން އެބަ ދެއެވެ.

ކޮވިޑްގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް ކައުންސިލް އިންތިހާބު ވަނީ މި އަހަރަށް ފަސްކޮށްފަ އެވެ. އެ ބިލު ތަސްދީގު ކުރާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އެއީ މި އަހަރުގެ މޭ މަހުގެ ނުވަވަނަ ދުވަހުގެ ކުރިންނެވެ.

އަދި އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށް ވެސް ހާއްސަ ގާނޫނުގައިވާ އިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ )ގެ ހުއްދައާ ނުލައި އިންތިހާބު ބޭއްވުމުގެ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލިބިގެންނެއް ނުވެ އެވެ. 

އީސީއިން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއިން ވަނީ ބުނެފަ އެވެ. 

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވީ ހާއްސަ ގާނޫނުގެ ތިން މާއްދާއަކަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. 

އެގޮތުން ހާއްސަ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ މާއްދާއަށް ބަދަލު ގެނެސް، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އީސީއަށް ލިބޭ ގޮތަށް ބަދަލު ކުރުމާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމުގެ ބާރު އީސީއަށް ލިބިދިނުމުގެ އިސްލާހު ހިމެނެ އެވެ.

މި އިސްލާހުތައް މި މަސް ނިމުމުގެ ކުރިން ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވައިގެން ކަމަށާއި އެހެން ނޫން ނަމަ، ރޯދައިގެ ކުރިން އިންތިހާބު ނުބޭއްވޭނެ ކަމަށް ޝަރީޕް ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް ސުޕަ މެޖޯރިޓީ ލިބިފައިވާ އަދި ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މަޖިލީސް މެންބަރުން ވަނީ ބުނެފަ އެވެ.

އެންމެ ފުރަތަމަ އިންތިހާބު ބާއްވަން ނިންމީ މިދިޔަ އޭޕްރީލް މަހުގަ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުުމުން އިންތިހާބު ވަނީ ފަސްކޮށްފަ އެވެ.

އިންތިހާބު ލަސްކުރަން މަޖިލީހުން ފާސްކުރި "ސަން ސެޓް" ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ވާއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ތިނަކަށް ވަނީ އިތުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް