ads
ރައްޔިތުންގެ މަޖިލިސް--
ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން އަދި ނުނިންމާ
ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް އަދި ނުނިންމާ ކަމަށާއި، އެފަދަ ނިންމުމެއް ނިންމައިފި ނަމަ އާންމުކޮށް އަންގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

މަޖިލީހުން މިހެން ބުނެފައިވާ އިރު، މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އުޅޭ އަޑުތައް ވަނީ ސޯޝަލް މީޑިއާގައި ގަދަވެފަ އެވެ. އަދި އެކި މެމްބަރުންނާ ހަވާލާދީ، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ބައެއް ހުރަސްތަކަށް ހައްލު ހޯދުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް އިސްލާހު  ގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި މި ބިލު އެކުލަވާލާ، ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ރިފްއަތު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޖިލީހުން ސަންސެޓް ގާނޫނެއް ފާސްކުރިއިރު އެ ގާނޫނު ބުނާ ގޮތުން، އެ ތަސްދީގު ކުރާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެެހެންކަމުން، އަންނަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. 

އިންތިހާބާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައިވެ އެވެ. ޝަރީފު މިހެން ވިދާޅުވީ ކުރިން މާޗް މަހު ބާއްވަން ހަމަޖައްސާފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅިގެން މައުލޫމާތު ދެއްވަމުންނެވެ. 

ނަމަވެސް މިއަދު ޝަރީފް ކުރި ޓުވީޓެއްގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ ކަމަށް އިއުލާނު ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް