ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލާފައިވަނީ، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލަތަކަށް ލިބިދީފައިވާ އެންމެހާ ބާރުތައް ނިގުޅައިގަނެ، ސަރުކާރުގެ ނުފޫޒު ކައުންސިލްތަކަށް ފޯރުވޭ ގޮތަށް ކަމަށެވެ.
އިދިކޮޅުން ވަނީ ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާތީ އެއީވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ގުޅިގެން ގާނޫނު އަސާސީގެ 170 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބާރުތައް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 ކިޔާ ގާނުނަކުން ނިގުޅައިގަންނީ ކަމަށް ސިފަކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ބާރު ކަނޑުވާލާ، އެ ކޮމިޝަނުގައި އެ ގާނޫނު މެދުވެރިކޮށް ތަޅު އަޅުވައިގެން ގައިރު ގާނޫނީ އަމަލުތައް ކުރަމުން ގެންދާ ކަަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.
މިދިޔަ މާޗް ހަވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ގާނޫނަކާއެކު އެވެ. އެގޮތުން އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އީސީގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވީ ހާއްސަ ގާނޫނުގެ ތިން މާއްދާއަކަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ހާއްސަ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ މާއްދާއަށް ބަދަލު ގެނެސް، އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އީސީއަށް ލިބޭ ގޮތަށް ބަދަލު ކުރުމާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމުގެ ބާރު އީސީއަށް ލިބިދިނުމުގެ އިސްލާހު ހިމެނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ދިމާވެފައިވާ ގާނޫނީ ބައެއް މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި، މިދިޔަ އަހަރު އެކުލަވާލި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ކަމާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ކަމަށާއި، އަދި ވީހާވެސް އަވަހަށް އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވެސް ވަނީ ވިދާޅުވެފައެވެ.