ads
ފޮޓޯ: ޕީޕީއެމް
އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިތުރަށް ދަމަހައްޓާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި
ކޮވިޑް 19 ގެ ހާލަތު އާންމު ހާލަތަކަށް އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިތުރަށް ދަމަހައްޓާތީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅުން ބުނީ ކޮވިޑް 19 ގެ ހާލަތު އާންމު ހާލަތަކަށް އައިސްފައިވާކަން ގަބޫލުކުރެވޭ އިރު ވެސް، ސަރުކާރުން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިތުރަށް ދަމަހައްޓާ ގާނުނޫ އަސާސީގެ ބާބު ދެއަކުން ކަށަވަރުކޮށްދީފައިވާ އެތައް ހައްގެއް ނިގުޅައިގަނެ، ރައްޔިތުން ރަށު ބަންދުކޮށްފައިވާ ކަމަށެވެ. 

އެހެން ނަމަވެސް ސަރުކާރާއި ސަރުކާރު ނިސްބަތްވާ ސިޔާސީ ބޭފުޅުން ހިމަނައިގެން ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ ބޮޑުންނާއި ކެންޑިޑޭޓުން ހިމެނޭ ގޮތަށް ބޮޑެތި ވަފުދުތައް ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުފަތުރުކޮށް ބޮޑެތި ހަފްލާތަކާއި ރަސްމިއްޔާތުތަށް ބާއްވާ ދައުލަތުގެ ވަސީލަތްތަކާއި ތަކެތި ބޭނުންކޮށްގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ކުރަމުން ގެންދާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަަމަށް ވެސް އިދިކޮޅުން ބުނެފައިވެއެވެ.

"ރައްޔިތުންގެ ޒަރޫރީ މުހިންމު ކަންކަމުގައި ވެސް ރަށްރަށަށް ދަތުރު ނުކުރެވޭ ގޮތަށް ރައްޔިތުން ތަޅުއަޅުވާ ރަށު ބަންދުކޮށްގެން ގެންގުޅުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް. ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ގުޅިގެން ގާނޫނު އަސާސީގެ 170 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބާރުތައް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 ކިޔާ ގާނުނަކުން ނިގުޅައިގަނެ، އިލެކްޝަންސް ކޮމިޝަނުގެ ބާރު ކަނޑުވާލާ، އަދި އެ ކޮމިޝަނުގައި އެ ގާނޫނު މެދުވެރިކޮށް ތަޅު އަޅުވައިގެން ގައިރު ގާނޫނީ އަމަލުތައް ކުރަމުން ގެންދޭ،" ކޯލިޝަނުން ބުނެފައިވެއެވެ.

އެހެންކަމުން، ސަރުކާރާއި ސަރުކާރު ނިސްބަތްވާ ޕާޓީއިން ކުރަމުން ގެންދާ ކެމްޕެއިން ދަތުރުތަކެކޭ އެއްގޮތަށް ސަރުކާރާއި ވާދަވެރި ކޯލިޝަންގެ އެންމެހާ މެންބަރުންނަށް ވެސް ދަތުރުތައް ކުރެވި ކެމްޕެއިން ނުކުރެވޭ ގޮތަށް އަޅުވާފައިވާ ތަޅުތައް ނައްޓާ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. 

ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިނަމަ، ކޮވިޑް ކޮންޓްރޯލްކުރަން ދަތިވެދާނެ ކަަމަށް އެޗްޕީއޭ އިން ބުނެފައިވާތީ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު އިސްލާހުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވަނީ އެދިވަޑައިގަންނަވަފައެވެ.

ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޖިލީހުން ސަންސެޓް ގާނޫނެއް ފާސްކުރިއިރު އެ ގާނޫނު ބުނާ ގޮތުން، އެ ތަސްދީގު ކުރާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެެހެންކަމުން، އަންނަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އެޕްރީލް ތިނެއްގައި ބޭއްވުމަށް އީސީގެ ރައީސް އަހުމަދު ޝަރީފް މިހާރު ވަނީ އިއުލާނު ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް