ads
މިނިސްޓަރު ނަހުލާ-- ފޮޓޯ: ޓްވިޓާ
މިނިސްޓަރު ނަހުލާ އިތުރުފުޅު ހައްދަވައިފި: ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު
އައްޑޫގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން ހިންގަމުންދާ ފްލައިން ސްކޫލްގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އިތުރުފުޅު ހައްދަވާފައިވާ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު ތުހުމަތު ކުރައްވައިފިއެވެ.

ޒުހައިރު ސޮއިކުރައްވައި މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ 5 ޖެނުއަރީ 2021 ވަނަ ދުވަހު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ސްޓޭޓް މިނިސްޓަރާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއް އަސްލެއް ނެތް ވާހަކަތަކެއްކަން ރައްޔިތުންގެ މަޖިލީހުގެ އަދި އެ ކޮމެޓީގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

ސަރުކާރު އެހެން ވުޒާރާތަކުގައި މިނިސްޓަރު ސިޔާސީ އެކި ފަރާތްތަކައި ޒިންމާ އަދި މަސްއޫލިއްޔަތު ހަވާލުކުރައްވާނީ އޮފީސް އިންޓާނަލް މެމޯއިން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ކަމަށްވާއިރު ވަޒީފާއާއި ހަވާލުވީއްސުރެ މިއަދާއި ހަމައަށް އައްޑޫ ފްލައިން ސްކޫލާއި ގުޅޭ ގޮތުން އެއްވެސް މެމޯއެއް މިނިސްޓަރު ނަހުލާ ސޮއިކޮށް ނެރެފައި ނެތް ކަމުގައި ވެސް ޒުހައިރު ވަނީ ވިދާޅުވެފައެވެ. އަދި ވަޒީފާއާއި ހަވާލުވި ފަހުން މިއަދާއި ހަމައަށް މިނިސްޓަރުގެ ފަރާތުން އެއްވެސް ކަމަކާ ގުޅޭ ގޮތުން އެއްވެސް އީމޭއިލްއެއް، އަދި މައްސަލަތަކާ ގުޅޭ ގޮތުން ފޮނުވި އެއްވެސް އީމެއިލްއެއްގެ ޖަވާބުވެސް ލިބިފައި ނެތް ކަމަށް ޒުހައިރު ވަނީ ވިދާޅުވެފައެވެ.

އެ ކޮމެޓީގެ ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ފާހަގަކުރެއްވީ 2020 ވަނަ އަހަރުގެ ފަހުކޮޅު އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ މައްސަލަ ރަސްމީ ސިފައެއްގައި އެކަމަނާގެ ސަމާލުކަމަށް އައި ކަމަށެވެ. 

ނަމަވެސް 2020 ވަނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު މިނިސްޓަރަށް އަދި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ހުސެއިން ޖަލީލަށް ސީސީކޮށް، ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ގަނީ އަށް ވާނީ އީމެއިލްގެ ޒަރިއްޔާއިން އަންގާފައި ކަމަށާއި އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިންގް ސްކޫލްާ ގުޅޭ ގޮތުން ހުރި މައްސަލަތައް ދެނެގަނެ ކުދިންގެ ޝަކުވާތައް އަޑުއަހާ، ދަރިވަރުންގެ ފަރާތުންނާއި ފްލައިން ސްކޫލުގެ ބަސް ހޯދާ، ޑެޕިއުޓީ މިނިސްޓަރު ހަމަދުގެ ބެލުމުގެ ދަށުން ކޮމްޕްރިހެންސިވް ރިޕޯޓެއް ތައްޔާރު ކުރުމަށް އެންގި ކަމަށް ވެސް ޒުހައިރުގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

އަދި އެ ރިޕޯޓު ހެދުމުގައި މިނިސްޓަރީ އޮފް ހަޔާ އެޑިޔުކޭޝަން އަދި ސިވިލް އޭވިއޭޝަންގެ އިސްވެރިންގެ ބަސް ހިމެނުމަށް ދަންނަވާފައި ވާނެ ކަމަށާއި، ހަމަ އެ ދުވަހު ޑެޕިއުޓީ މިނިސްޓަރު ހަމަދު އެ އީމެއިލްއަށް ޖަވާބުދެއްވައި، ދެފަރާތުގެ ދެމެދުގައި ދެއްކި ވާހަކަތަކަށް އެއްބަސްވެ އޭގެ އަނެއް ދުވަހުން ފެށިގެން މަސައްކަތް ފަށާނެ ކަމުގައި ދަންނަވާފައި ވާކަމުގައި ޒުހައިރު ވަނީ ވިދާޅުވެފައެވެ.

ޒުހައިރު ވަނީ މި ސިޓީއާއިއެކު މި އީމެއިލްގެ ކޮޕީއެއް ކޮމެޓީއަށް ހުށަހަޅުއްވާފައެވެ. ޒުހައިރު ވިދާޅުވީ އޭނާ މިހާ ތަފްސީލުކޮށް ކޮމިޓީގެ މެމްބަރުންނަށް މިކަން ހިނގަދިޔަ ގޮތް ކިޔައިދޭން ޖެހުނީ ފްލައިން ސްކޫލްގެ މައްސަލައަކީ ވަރަށް ހައްސާސީ މައްސަލައަކަށް ވެފައި، މިކަމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށް ވާތީ ކަމަށެވެ.

އަދި މިކަމަކީ ޒުހައިރު ނިސްބަތްވާ އައްޑޫ ސިޓީގެ ރައްޔިތުންނާއި ގުޅުން ބޮޑު މައްސަލައެއް ކަމުގައި ވީހިނދު، މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާ ކޮމެޓީގައި ދެއްކެވި ވާހަކައިގެ ސަބަބުން ރައްޔިތުންގެ ނަފްރަތާއި ނުރުހުން އަމާޒުވާނޭ ކަމުގައި ދެކޭތީ ކަމުގައި ވެސް ޒުހައި ވަނީ އެ ސިޓީގައި ވިދާޅުވެފައެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް