ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
އެމްއެމްއޭގެ ޕޭމަންޓް ސިސްޓަމް މަޝްރޫއުއަށް ކޮންސަލްޓަންޓެއް ހޯދަން އިއުލާނުކޮށްފި
ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޕޭމަންޓް ސިސްޓަމް މަޝްރޫއަށް ކޮންސަލްޓަންޓެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެމްއެމްއޭ އިން މައުލޫމާތުދޭ ގޮތުގައި ކޮންސަލްޓަންޓުގެ މަގާމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތައް މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހޭނެ އެވެ. އަދި އެ ތާރީހުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

އެމްއެމްއޭ އިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށްޓަކައި މި މަހުގެ 21 ގެ ކުރިން އެ އިދާރާއަށް ސުވާލުތައް ފޮނުވަން އެމްއެމްއޭ އިން އެދެ އެވެ.

ރާއްޖޭގެ މާލީ މުއާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެމްއެމްއޭ އިން ކުރިއަށްގެންދާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޓިއޭޓޯ އެވްރީ ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭއާ އެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޕޭމަންޓް ސިސްޓަމްތަކުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އެއް ކުންފުނި ކަމަށްވާ ޓިއޭޓޯ އެވްރީން ވަނީ ސްވިޑެންގައި "ސްވިޝް" ގެ ނަމުގައި މޮބައިލް ޕޭމަންޓް ހިދުމަތެއް ގާއިމުކުރުމުގެ އިތުރުން، ފިންލޭންޑުގައި ފުރަތަމަ ގާއިމްކުރި ރިއަލް ޓައިމް މޯބައިލް ޕޭމަންޓްގެ ހިދުމަތްވެސް ގާއިމް ކޮށްފަ އެވެ.

ރާއްޖޭގައި ތައާރަފުކުރާ އެ ހިދުމަތް ބޭނުންކޮށްގެން ކޮންމެ ބޭންކެއްގައި އެކައުންޓެއް ހުޅުވާފައި އޮތް ނަމަވެސް ފަސޭހަ ކަމާއިއެކު ފައިސާ ފޮނުވަން މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެ ޕޭމަންޓުގެ ހިދުމަތް ރާއްޖޭގައި ބޭނުން ކުރަން ފެށޭނީ އަންނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް