ads
ކައިވެނި
ކައިވެނި ކްލަސްޓާ އަދިވެސް ބޮޑުވަނީ، 92 މީހުން ކޮވިޑަށް ޕޮޒިޓިވް
މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 92 އަށް އަރައިފިއެވެ.

ކޮވިޑް 19 ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ހެލްތު މިނިސްޓްރީން ހިންގަމުން އަންނަ ޑޭޝް ބޯޑުން ދައްކާ ގޮތުގައި މިހާތަނަށް މި ކްލަސްޓާއިން 92 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މި ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 260 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން އުފެދުނު މި ކްލަސްޓާއިން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު 12 މީހުން ޕޮޒިޓިވްވި އިރު، މިދިޔަ މަހުގެ 26 ގައި 22 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

އަދި މިދިޔަ މަހު 27 ވަނަ ދުވަހު އަށް މީހަކު ޕޮޒިޓިވްވި އިރު، 28 ވަނަ ދުވަހު އިތުރު ތިން މީހަކު ޕޮޒިޓިވް ވިއެވެ. އެ ކްލަސްޓާއާ ގުޅިގެން 13 މީހުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ޕޮޒިޓިވްވި އިރު، މިދިޔަ ހަފްތާގެ ބުދަ ދުވަހު ޕޮޒިޓިވްވީ އަށް މީހުންނެވެ. އަދި ފާއިތުވި ހުކުރު ދުވަހު ވަނީ ހަތަރު މީހަކު ޕޮޒިޓިވްވެ އަދި ހޮނިހިރު ދުވަހު އާންމު ކުރި މައުލޫމާތަށް ބަލާއިރު ޖުމްލަ 78 މީހަކު ޕޮޒިޓީވްވެފައިވެ އެވެ. އޭގެ ފަހުން އިތުރު 14 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކައިވެނި ހަފްލާއަށް ހައި ރިސްކް މީހުންވެސް ގޮސްފައިވާ އިރު، ޕޮޒިޓިވް މީހުންގެ ތެރޭގައި ހައި ރިސްކް ހަތަރު މީހަކު ހިމެނޭ ކަމަށާއި މި ކްލަސްޓާގައި ހިމެނޭ 10 އަހަރުން ދަށުގެ 15 ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް މިދިޔަ ހަފްތާގައި އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުން ހާމަވިއެވެ.

އެޗްޕީއޭ އިން ވަނީ އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މިފަދަ ހަފްލާތައް ބާއްވާ އިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ މީހުން މާސްކް އެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިނުގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށް އެޗްޕީއޭ އިން އެދިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް