ads
ލަންކާގައި ކޮވިޑާއި ގުޅިގެން މަރުވާ މީހުންގެ ހަށިތައް އަންދާލުމާއި ދެކޮޅަށް އެގައުމުގެ މުސްލިމުން ސުލްހަވެރި އެއްވުމެއް ބާއްވަނީ---
ލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދާލުން ނޫން ގޮތެއް ނެތް: ލަންކާ
ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާ އިން މަރުވާ ރައްޔިތުންގެ ހަށިގަނޑުތައް އަންދާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ޕަވިތްރާ ވަންނިއަރައްޗީ އެހެން ވިދާޅުވީ އެގައުމުގެ މުސްލިމުންނާއި ނަސާރާއިން އެކަމާއި ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގަ އެވެ. މުސްލިމުންނެކޭ އެއްގޮތަށް އެގައުމުގެ ނަސާރާއިން ވެސް ބުނަމުންދަނީ ދީނުގައި އޮންނަނީ މަރުވެފައިވާ ހަށިގަނޑު އަންދާލުމުގެ ބަދަލުގައި ވަޅުލުން ކަމަށެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ކޮވިޑާއި ގުޅިގެން މަރުވާ މީހުން ވަޅުލުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ކޮން ގޮތެއްތޯ ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ޕެނަލް ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމަށްފަހު ލަންކާގެ ހެލްތު މިނިސްޓަރު އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޕެނަލް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ބުނީ ކޮވިޑާއި ގުޅިގެން އެގައުމުން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ މަރުވެފައިވާ މީހުންގެ ހަށިތައް އަންދައިލުން ކަމަށެވެ.

ލަންކާގައި މުސްލިމުން އަންނަނީ ކޮވިޑާއި ގުޅިގެން މަރުވާ އެގައުމުގެ މުސްލިމުންގެ ހަށިތައް އަންދާލުމާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އިސްލާމްދީނުގައި މަރުވާ މީހުންގެ ހަށިތައް އަންދާލުމަކީ ހަރާމް ކަމެކެވެ.

އެގައުމުގެ މުސްލިމް ޖަމާއަތްތަކުން ބުނާ ގޮތުގައި ލަންކާ އިން މިހާތަނަށް ކޮވިޑާއި ގުޅިގެން މަރުވެފައިވާ 200 އަށް ވުރެ ގިނަ މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ނިސްބަތްވަނީ އެގައުމުގެ މުސްލިމުންނަށް ކަމަށްވާއިރު، ހަށިތައް އަންދާލަން ބޭނުންނުވާތީ މަރުވެފައިވާ ބައެއް ހަށިތައް ސިއްރުން ވަޅުލާފައިވާ ވެސް ވެއެވެ.

އދ. އިން ވެސް ވަނީ ލަންކާގައި ކޮވިޑާއި ގުޅިގެން މަރުވާ މުސްލިމުން ވަޅުލުމުގެ ހުއްދަ ދިނުމަށް އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ އަށް ގޮވާލައިފަ އެވެ.

މީގެ ކުރިން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ މަރުވާ މުސްލިމް ރައްޔިތުންގެ ހަށިތައް ރާއްޖެއަށް ފޮނުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަމާއި ގުޅިގެން ލަންކާގެ ގިނަ މުސްލިމުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް