ads
ޝުޖާއު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ--
ޔާމީނަށް ދޭ އަނިޔާގެ ބަދަލު ހިފާނީ ރައީސް ސޯލިހަށް: ޝުޖާއު
އިދިކޮޅަށް ވެރިކަން ލިބުމާއެކު މި ސަރުކާރުން ރައީސް އަބްދުﷲ ޔާމީނަށް ދެމުންދާ އަނިޔާތަކުގެ ބަދަލު ހިފާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިން ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާއިރު އިދިކޮޅުގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު މިނިވަންކުރަން ގޮވާލާއި، އެ ސަރަހައްދުގައި އަޑުއުފުލާފަ އެވެ. 

އެ ސަރަހައްދުން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް ޝުޖާއު ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް ޖުޑީޝަލް ސިސްޓަމްގެ ތެރެއިން ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އިންސާފު ނުލިބޭނެކަން ފެންނަމުންދާ ކަމަށެވެ. 

ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަކީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ހިންގުންތެރި ރައީސް ކަމަށާއި އެގޮތުން އެމަނިކުފާނުގެ މައްޗަށް "ކުޅޭ ކުޅޭ" ދައުވާތައް އުފުލައިގެން ސިޔާސީ މުސްތަގުބަލު ހަލާކުކޮށްލާ ނިޒާމުގެ ތެރެއިން އެމަނިކުފާނު ގެއްލުވާލަން ކުރާ މަސައްކަތަކީ ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ އެންމެ ފިނޑި އަމަލު ކަމަށެވެ. 

"ދިވެހި ރައްޔިތުން ވަރަށް ގާތުން މި ޝަރީއަތް ބަލަމުން އެބަ ގެންދޭ. ދައުލަތުން ކުޅެމުން ގެންދާ ހުރިހާ ހަޑިމުޑުދާރު އަމަލުތަކެއް އަޅުގަނޑުމެންނަށް އެބަ ފެނޭ. އޭގެ ތެރޭގައި މުޅި ދައުލަތުގެ ތެރޭގައި ބޮޑު ސިންގާ ކޮރަޕްޝަނާ ވައްކަމާއި ފަސާދަ އަދި މުޅި މާލިއްޔާ ހުސްކޮށްލަމުން ދާއިރުގަ ރައްޔިތުންގެ ހުރިހާ މިނިވަން މުއައްސަސާތަކެއް ނިދާފައި އޮތް މަންޒަރު ފެންނަނީ."

އެގޮތަށް، އެކަން ދިމާވަމުންދަނީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާތަކެއް ދިނުމަށް ކަމަށް ޝުޖާއު ތުހުމަތު ކުރައްވަ އެވެ. ރައީސް ޔާމީނަށް އިތުރު ދައުވާއެއް އިއްވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ރައީސް ސޯލިހު ޖަލަށްލާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ. 

އެގޮތުން މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ އެކަން އިދިކޮޅަށް ވަނީ ޖޯކަކަށް ކަމަށެވެ. 

"މާދަމާ ނޫންކަމެއް ނޭނގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުން ފައިބައިގެން ދާނީ. ދާއިރު އަޅުގަނޑުމެންނަށް އެނގޭ އިބްރާހީމް މުހައްމަދު ސޯލިހުގެ މުދާތައް.. އިބްރާހީމް މުހައްމަދު ސޯލިހުގެ މުދާތައް އަޅުގަނޑުމެންގެ ވެރިކަމެއްގައި ނަގާނެ. ރައީސް ޔާމީނަށް ނުހައްގުންދޭ ކޮންމެ އަނިޔާއެއްގެ ބަދަލު އަޅުގަނޑުމެން ހިފާނީ އިބްރާހީމް މުހައްމަދު ސޯލިހަށް."

ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ މުދާ ނެގުމަށް މިސަރުކާރުން ކުރާ ކަންކަމުގެ ބަދަލު ހިފާނެ ކަމަށެވެ. އެގޮތުން އިދިކޮޅުގެ ވެރިކަމެއްގައި ފުރަތަމަ ރިޔާސީ ވައުދަކީ ވެސް 100 ދުވަހުގެ ތެރޭގައި ރައީސް ސޯލިހު ޖަލަށްލުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް