ads
ފޮޓޯ: މޯލްޑިވްސް ޓައިމްސް
ތަމްރީނު ފުރިހަމަ ނުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ފައިސާ އަނބުރާ ހޯދަނީ
ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ތަމްރީނުތަކަށް ޕޭލީވް އަދި ނޯޕޭ ލީވް ދީފައިވާ މުވައްޒަފުންގެ ތެރެއިން، ތަމްރީނުތަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަ ނުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ތަމްރީނު ހޯދުމަށް ހަރަދުކުރެވުނު ފައިސާ އަނބުރާ ހޯދުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން މުސާރަ ލިބޭ ގޮތަށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ތަމްރީނުތަކަށް ފޮނުވާ މުވައްޒަފުންގެ ތެރެއިން، އެ ތަމްރީނަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަ ނުކުރާ މުވައްޒަފުންނާ މެދު ކަންތައް ކުރުމަށް އެ ކޮޮމިޝަނުން ނިންމާފައިވާ ގޮތްތައް އާއްމުކޮށްފަ އެވެ.

އެގޮތުން ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފު ފާސް ނުވެއްޖެ ނަމަ، ނުވަތަ އެ ތަމްރީނެއް ނުވަތަ ކޯހެއް ފުރިހަމަނުކޮށްފި ނަމަ، ގާނޫނާއި ގަވާއިދާ އެއްގޮތަށް އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށާއި، މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނުކުރުމަށް ހަރަދުކުރެވުނު ފައިސާ އަނބުރާ ހޯދުމަށް ނިންމާފައިވެ އެވެ. އަދި ވަޒީފާގެ ވާޖިބުތަކާ ގުޅުމެއް ނެތް ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނުވަތަ ކޯސް ފުރިހަމަ ނުކުރާ މުވައްޒަފުން ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ މުވައްޒަފުން، ކުރިން އަދާކުރަމުންދިޔަ މަގާމަށް ރުޖޫއަ ކުރެވޭ ގޮތަށް ނިންމާފައިވެ އެވެ. 

އޭގެ އިތުރުން މަތީ މަގާމެށް ރިޒާވްކޮށްގެން ތަމްރީނުތަކަށް ދޫކުރާ މުވައްޒަފުން، ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ނުކުރާ ނަމަ، ނުވަތަ ފާސްނުވާ ނަމަ، އެ މުވައްޒަފު ވީއްލި އިރު ހުރި މަގާމަށް ވަޒީފާ ހަމަޖެއްސުމަށާއި، އަދި އެ މަގާމަށް މީހަކު އައްޔަންކޮށްފައިވާ ނަމަ، އެ މަގާމާ އެއް ރޭންކެއްގެ މަގާމަކަށް ވަޒީފާ ހަމަޖެއްސުން ހިމެނެ އެވެ. 

އެ މުވައްޒަފަކަށް އިދާރާތަކުން ކޮށްފައިވާ ފައިސާގެ ހަރަދު އަނބުރާ އިދާރާތަކަށް ހޯދުމާ ގުޅޭގޮތުން އަމަލުކުރާނެ ކަމަށް ބަޔާންކޮށްފައިވަނީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުވަތަ މުސާރަ އާއި ސާވިސް އެލަވަންސް ލިބޭ ގޮތަށް ތަމްރީނަކަށް ނުވަތަ ކޯހަކަށް ފޮނުވާފައިވާ މުވައްޒަފެއް ނަމަ، އެ ތަމްރީނަކަށް ނުވަތަ ކޯހަކަށް ހަރަދުކުރެވުނު ފައިސާގެ ބަދަލުގައި، ފައިސާ ހަރަދުކުރި މުއްދަތަށް ރިއާޔަތްކޮށް، ދިވެހި ސިވިލް ސާވިސްއަށް ހިދުމަތްކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، އެ މުއްދަތަށް ހިދުމަތް ކުރާ ގޮތަށް ހަމަޖައްސަން ޖެހެ އެވެ.

އަދި ފައިސާގެ އިތުރުން، ތަމްރީނަކާ ނުވަތަ ކޯހަކާ ގުޅިގެން ކޮށްފައިވާ އިތުރު ހަރަދުތަކަށްވާ ފައިސާ އެ މުވައްޒަފެއްގެ ފަރާތުން އަނބުރާ ހޯދުމަށާއި، އެގޮތުން އެ ފައިސާ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ މަހުން މަހަށް މުސާރައިން އުނިކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، ފައިސާ ހޯދުމަށް ނިންމާފައިވެއެވެ.  

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް