ads
ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު ކްރިމިނަލް ކޯޓު ކައިރީ ކުރިއަށްދާ ސުލަހްވެރި އެއްވުމުގެ ތެރެއިން--- ފޮޓޯ: ޒިޔާން
ހައްޔަރު ކުރި މީހުންގެ ތެރެއިން ނަރީޝް ދޫކޮށްލައިފި
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު، އެ ސަރައްދުގައި އިހުތިޖާޖު ކުރަނިކޮށް ހައްޔަރު ކުރި މީހުންގެ ތެރެއިން ޕީޕީއެމް ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ދޫކޮށްލައިފި އެވެ.

އެ ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ނަރީޝް ވަނީ ދޫކޮށްލާފައި ކަމަށާއި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ފަސް މީހަކު ކަމަށެވެ. 

ކްރިމިނަލް ކޯޓު ކުރިމަތީ ކުރިއަށް ގެންދިޔަ އިހުތިޖާޖުން އެ ޕާޓީގެ ޖުމުލަ ހަ ބައިވެރިން ފުލުހުން ހައްޔަރު ކޮށްފައިވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ތިން މެންބަރެއް ހިމެނެއެވެ. އެއީ، ކައުންސިލް މެމްބަރު އަހުމަދު ނަރީޝްގެ އިތުރުން ކައުންސިލް މެމްބަރު ފާތިމަތު ފަޒްލާ އަދި ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ އެވެ. އެ ދެ މެންބަރުން އަދި ފުލުހުން ދޫކޮށްލާފައެއް ނުވެއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލެއް ބުނީ، އިހުތިޖާޖުން ޕީޕީއެމް ސަޕޯޓަރުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ފަސް މީހުން ކަމަށެވެެ. އެއީ ތިން އަންހެނުންނާއި ދެ ފިރިހެނުންނެވެ. އެމީހުން އަދި ދޫކޮށްލާފައެއް ނުވެއެވެ. 

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާއިރު އިދިކޮޅުގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު މިނިވަންކުރަން ގޮވާލާއި، އެ ސަރަހައްދުގައި އަޑުއުފުލާފަ އެވެ. 

އެ ސަރަހައްދުން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް ޝުޖާއު ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް ޖުޑީޝަލް ސިސްޓަމްގެ ތެރެއިން ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އިންސާފު ނުލިބޭނެކަން ފެންނަމުންދާ ކަމަށެވެ. 

ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަކީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ހިންގުންތެރި ރައީސް ކަމަށާއި އެގޮތުން އެމަނިކުފާނުގެ މައްޗަށް "ކުޅޭ ކުޅޭ" ދައުވާތައް އުފުލައިގެން ސިޔާސީ މުސްތަގުބަލު ހަލާކުކޮށްލާއި ނިޒާމުގެ ތެރެއިން އެމަނިކުފާނު ގެއްލުވާލަން ކުރާ މަސައްކަތަކީ ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ އެންމެ ފިނޑި އަމަލު ކަމަށެވެ. 

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގައި ދައުލަތުގެ ފަރާތުން އެދުނީ ފުއްގިރި ކުއްޔަށްދީގެން ރައީސް ޔާމީން، ރިޝްވަތުގެ ގޮތުގައި ނެގި އެއް މިލިއަން ޑޮލަރާއި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރިކަމުގެ ތުހުމަތުގަ އެވެ. 

ރައީސް ޔާމީންގެ އިތުރުން އެ މައްސަލައިގައި ދައުލަތުން ދެން ދައުވާ އުފުލާގައި ވަނީ އ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ބޭއްވި ދެ އަޑުއެހުމެކޭ އެެއްގޮތަށް މިއަދުގެ އަޑުއެހުމުގައި ވެސް ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ތަކުރާރު ކުރައްވާފައި ވަނީ ލިޔެކިޔުންތައް ނުލިބޭ ކަމަށެވެ. އެކަމަކު ދައުލަތުގެ ވަކީލާ ވަނީ އެ މައްސަލައާ ގުޅިގެން ހުރިހާ ލިޔެކިޔުމެއް ވެސް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ، ލިޔެކިޔުންތައް ނުލިބޭތީ ސާފު ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

އެހެން ނަމަވެސް އެ މައްސަލައިގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުވާގައި ހުރި ސީޑީތަކާއި އޯޑިއޯތައް ބަލާއި ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ކޯޓުން ދީފައިވާ ކަމަށާއި އެހެންކަމުން ޝަރީއަތް ކުރިއަށްދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް