ads
މެޑިޓެރޭނިއަން ކެއުމެއް--
އެންމެ ރަނގަޅީ މެޑިޓެރޭނިއަން ޑަޔަޓު ކަމަށް ނިންމައިފި
މި ފެށުނު 2021 ވަނަ އަހަރުގައި އެންމެ ރަނގަޅު ޑަޔަޓަކީ ފާއިތުވި ހަތަރު އަހަރު ވެސް އެ ލަގަބު ހޯދި މެޑިޓެރޭނިއަން ޑަޔަޓު ކަމަށް ކަނޑައަޅައިފި އެވެ.

އެގޮތަށް ކަނޑައެޅީ ޔޫއެސް ނިއުސް އެންޑް ވޯލްޑް ރިޕޯޓު ވެބްސައިޓުންނެވެ. މި ވެބްސައިޓުގައި ހިމެނެނީ ސިއްހީ އެކި ކަންކަމާ ގުޅޭ މައުލޫމާތެވެ. 

ދެވަނަ މަގާމު ލިބިފައިވަނީ ޑޭޝް ޑަޔަޓަށެވެ. މީގެ ދިގު ނަމަކީ ޑަޔަޓަރީ އެޕްރޯޗަޒް ޓު ސްޓޮޕް ހައިޕަޓެންޝަން އެވެ. މީގެ އިތުރުން ބޮޑަށް ތަރުކާރީއަށް ބަރޯސާވާ ފްލެކްސިޓޭރިއަން ޑަޔަޓަށް ވެސް ވަނީ ދެވަނަ ލިބިފަ އެވެ.

މި ތިން ޑަޔަޓުގެ ވެސް އެއް ގޮތް ކަމެއް ވެއެވެ. އެއީ ޕްރޮސެސްޑް ނުވަތަ ތައްޔާރީ ކާނާ ކެއުން މަދު ކުރުން ނުވަތަ ހުއްޓާލުމެވެ. 

މި އަހަރު ނެރުނު ޑަޔަޓު ރޭންކިންގެ އެންމެ ފުލަށް ގޮސްފައި ވަނީ ޑުކިން އަދި ކީޓޯ ޑަޔަޓެވެ. މި ދެ ޑަޔަޓަކީ ވެސް ކާބޯހައިޑްރޭޓް މަދުކޮށް، ޕްރޮޓީނާއި ފެޓު އިތުރުކުރާ ޑަޔަޓެވެ. 

އެ ދެ ޑަޔަޓު ރޭންކިންގެ ފުލަށް ވެއްޓިފައި ވަނީ އާއްމު ދިރިއުޅުމުގައި އެފަދަ ޑަޔަޓަކަށް އުޅެން އުނދަގޫވުމާއި މާ ހަރުކަށިވުމުގެ ސަބަބުންނެވެ. 

ޑަޔަޓުތައް ރޭންކުކޮށްފައި ވަނީ ކާބޯތަކެއްޗާއި، އެކި ކަހަލަ ބަލިތަކާއި ފިޓްނަސް ފަދަ ކަންކަމުގެ 24 މާހިރުން ހިމެނޭ ޕެނަލަކުންނެވެ. އެމީހުންގެ ދިރާސާ ބިނާކުރީ ސައިންސްގެ ހޯދުންތަކަށެވެ. 

އެއްވަނަ ލިބުނު މެޑިޓެރޭނިއަން ޑަޔަޓަކީ ހަކުރު ދަށްކުރުމާއި، ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމާއި، ޑެމެންޝިއާ އަދި ހަނދާން ނެތުން ފަދަ ސިކުނޑީގެ ބަލިތަކާއި، ޑިޕްރެޝަން އަދި އުރަމަތީގެ ކެންސަރު ފަދަ ކަންކަމާ ދެކޮޅަށް ވެސް އެންމެ ރަނގަޅު ޑަޔަޓު ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި ޑަޔަޓަކީ ގިނައިން ފެހިކުލައިގެ ފަތާއި ތަރުކާރީ ހިމެނޭ ރަނގަޅު ގޮވާމުގެ ބާވަތްތަކާއި މުގު ފަދަ ތަކެތި ހިމެނޭ ޑަޔެޓެކެވެ. ނަޓްސް މަދުން ބޭނުންކޮށް ކެއުންތަކުގައި ގިނައިން އެކްސްޓްރާ ވާޖިން އޮލިވް އޮއިލް ބޭނުން ކުރަނީ މި ޑަޔަޓުގަ އެވެ. އޭގެ އިތުރުން ހަކުރާއި ފުށް މަދުކޮށް، އޮލިވް އޮއިލް ނޫން އެހެން ފެޓުތައް މަދުކުރެ އެވެ. އޭގެ ތެރޭގައި ބަޓަރު ވެސް ހިމެނެ އެވެ. 

މި ޑަޔަޓުގައި ގެރި މަސް ވަރަށް މަދެވެ. އޭގެ ބަދަލުގައި ބޭނުން ކުރާނީ ބިސް އަދި ކަނޑު މަހާއި ފަރު މަސް އަދި ސީފުޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް