ads
ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ----
މުޖުތާޒް އަވަހާރާވުން: ތިން ދުވަހަށް ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރި!
ކޮވިޑް-19 ޖެހިގެން ހާލުކޮޅު ދެރަވެ ފަރުވާ ދެމުންދަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖްތާޒް ފަހުމީ އަވަހާރާވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ޝަރުއީ ދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފި އެވެ.

ޝަރުއީ ދާއިރާއަށް އަދި ގައުމަށް އަގުނުކުރެވޭފަދަ ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ޖަސްޓިސް ރިޓަޔާޑް މުޖުތާޒް ފަހުމީ އަވަހާރަވީ ރޭ ދަންވަރު 2:00 ހާއިރު އެވެ. މުޖުތާޒް އަވަހާރަ ވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތައް ޝަރުއީދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވާފައިވާއިރު އެމަނިކުފާނު އަވަހާރަވި ހިތާމަވެރި މި ދަނޑިވަޅުގައި ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވަނީ ފޮނުއްވާފައެވެ.

އެކަމާއި ގުޅިގެން ޖުޑިޝަރީން ވިދާޅުވީ، މުޖުތާޒް ފަހުމީ އަވަހާރަވުން ވެގެން ދިޔައީ ޝަރުއީ ދާއިރާއަށާއި ގައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައަކަށް ކަމަށާއި އެމަނިކުފާނުގެ އިލްމީ ތަޖުރިބާގެ އަލީގައި ގައުމަށް ކޮށްދެއްވި ހިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކަކުންވެސް ހަނދާން އާކުރަމުން ގެންދާނެ ފަދަ ހިދުމަތްތަކެއް ކަމަށެވެ.

1960 އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު އުފަންވެވަޑައިގެންނެވި މުޖުތާޒް ފަހުމީ ގާނޫނު އަދި ޝަރުއީ ރޮނގުން ތައުލީމު ފުރަތަމަ ހާސިލް ކުރެއްވީ ފަނޑިޔާރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގެވި ކޯހަކުންނެވެ. އަދި އެ ރޮނގުން އިތުރު ޓްރެއިނިން ކޯސްތަކާ ސްޓަޑީ ކޯސްތައްވެސް ރާއްޖެއާ ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވާފައިވެއެވެ.

މުޖުތާޒް ފަހުމީ ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި،1981 އިން 1988 އަށް ކުނަހަންދޫ ކޯޓުގެ ގާޒީކަމާއި، 1988 އިން 1990 އަށް ކޯޓު ނަންބަރު ތިނެއްގެ ގާޒީގެ އެހީތެރިޔާގެ މަގާމާއި، 1990 އިން 1992 އަށް ކޯޓު ނަންބަރު ތިނެއްގެ ގާޒީ ކަމާއި، 1992 ން 1997 އަށް ކޯޓު ނަންބަރު ދޭއްގެ ގާޒީކަން ކުރައްވާފައިވެއެވެ. 

އޭގެ އިތުރުން މަދަނީ ކޯޓުގެ ގާޒީކަމާއި އަދި މަދަނީ ކޯޓުގެ އިސް ގާޒީކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނައިބު ރައީސްކަމާއި، ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި، ލޭންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، އަދި 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ފުރުއްވާފައިވެއެވެ.

އުމުރުފުޅުން 60 އަހަރުގައި މުޖުތާޒު އަވަހާރަވިއިރު މުޖުތާޒަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ އާއިލާއާއެކު ލ. އަތޮޅު ކުޑަފުށީގައި ކަރަންޓީނުގައި ހުންނަވަނިކޮށް ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ލ. ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީން ފަރުވާދިނުމަށް ފަހު ހާލުކޮޅު މާބޮޑަށް ސީރިއަސްވެ އިއްޔެގެ ވަގުތެއްގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފަ އެވެ. އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް