ads
ފޮޓޯ: ހުރިހާ
ރައީސް ޔާމީން މުދާ ދައުލަތައް ނަގަން އެދުމަކީ ގައިރު ގާނޫނީ އެދުމެއް: ޑރ. ޖަމީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދުނު އެދުމަކީ ގައިރު ގާނޫނީ އެދުމެއް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހަައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުން ނިންމާލުމަށްފަހު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްްވެރިންގެ ބައްދަލުވުމުގައި ޑރ. ޖަމީލް ވިދާޅުވީ، ދައުލަތުން އެ އެދުނު އެދުމަކީ ގައިރު ގާނޫނީ އެދިމެއް ކަމަށާއި ރާއްޖޭގެ ގާނޫނީ ނިޒާމު އެބޭފުޅުން ނުދަންނަ ކަމަށެވެ. 

"އެއީ އެބޭފުޅުން އެ ހަވާލާދޭ ގޮތައް މީހެއްގެ އެކައުންޓްގައި ހުރި އެމީހަކަށް އެއީ ކޮން އެއްޗެއްކަން ބުނެ ނުދެވޭ ކޮންމެ އެއްޗެއް ނަގާގޮތަކަށެއް ނެތް އެ ދައުވާގައި އަމުދުން ނެތް. އިނގޭތޯ އެހިސާބަކު ނެތް އަދި މިއަދަކުވެސް ނެތް. ރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައަޅާފަ އެބައޮވޭ މުދާ ހޯދުމާއި ލިބިގަތުމުގެ ހައްގުގެ އިތުރުން ކޮންމެ މީހަކީ މައުސޫމް ބަރީއަ މީހެއްކަމަށް މީހެއްގެ އަތިގައި އެއްޗެއް ހުރުމާއިއެކު އެމީހަކީ ކުށްވެރިވާ މީހެއްގެ ގޮތުގަ ނުވަތަ ނެގެންޖެހޭ އެއްޗެއްގެ ގޮތުގަ ބަޔާންކޮށްފައެއް ނެތް،" ޖަމީލް ވިދާޅުވިއެވެ.

އެހެންކަމުން ޖަމީލް ވިދާޅުވީ އެބޭފުޅުން މަސައްކަތް ކޮށްފައިވާނީ އެ ދައުވާއާއި ހަމަޔަށް ވާސިލްވުމުގެ ކުރިން ރައީސް ޔާމީންނަށް ލިބެންޖެހޭ ހައްގުތަކެއް ހުރިކަން އަންގާދިނުމަށް ކަަމަށެވެ. އެއީ އިސްތިއުނާފު ކުރުމުގެ ހައްގާއި ލިޔެކިޔުންތައް ނުލިބިގެން އުޅޭ ކަމުގެ ހައްގުކަމަށެވެ. 

ދިފާއަށް މުހިންމުވާ ލިޔެކިޔުންތަކާއި އަދި ދިފާއަށް ބޭނުންވާ ލިޔެކިޔުންތައް ލިބެންޖެހޭނެ ކަމަށް ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާގައި ބުނާ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި އެލިޔެކިޔުންތައް ހޯދުމަށްޓަކައި މިހާރު ބުނެދީފައިވާ މަގަކީ މައުލޫމާތު ލިބިގަތުމާއި ހޯދުމުގެ ދަށުން ދިޔުމުންކަން ޖަމީލް ފާހަގަކުރެއްވިއެވެ. ޑރ. ޖަމީލް ވިދާޅުވީ އެއީ ޖިނާއީ އަދުލުގެ ނިޒާމް ދަންނަ ވާހަކައެއް ނޫންކަމަށެވެ. 

"ޖިނާއީ އަދުލުގެ ނިޒާމުގައި މި އޮންނަނީ އެފަދަ މައުލޫމާތު ތަކަކީ ކޯޓު މެދުވެެރިވެގެން ކޯޓުން ދޭ ރީޗެއްގެ ދަށުން މައުލޫމާތެއްގެ ދަށުން ހޯދޭ މައުލޫމާތެއްގެ ދަށުން ހޯދޭ އެއްޗެއް. އެކަމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދިޔައީ. އެ ހައްގު ނުލިބިގެން ހަގީގަތުގަ މިއަދުވެސް މަސައްކަތް ކުރީ" ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތުގެ ފަރާތުން އެދުނީ ފުއްގިރި ކުއްޔަށްދީގެން ރައީސް ޔާމީން، ރިޝްވަތުގެ ގޮތުގައި ނެގި އެއް މިލިއަން ޑޮލަރާއި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށެވެ. 

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖީނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރިކަމުގެ ތުހުމަތުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް