ads
ރާއްޖެއަށް ފަތުރުވެރިން އައުން--
ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ އަދަދު 20000 އިން މަތީގައި!
މިއަހަރުގެ ފުރަތަމަ ހަފްތާ ނިމުނުއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 20000 އިން މަތީގައި އުޅޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ކޮންމެ ދުވަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އުޅުނީ 2000 އިން މަތީގަ އެވެ. އެއާއެކު ފުރަތަމަ ހަފްތާ ނިންމާލާފައި ވަނީ ޖުމްލަ 20،612 ފަތުރުވެރިންނާއެކު އެވެ. 

މިމަހުގެ ފުރަތަމަ ދުވަހު އައި ފަތުރުވެރިންގެ އަދަދު 2005 ގައި އުޅޭއިރު ދެވަނަ ދުވަހު ވަނީ 4160 މީހުން އައިސްފަ އެވެ. އަދި ތިން ވަނަ ދުވަހު އައި ފަތުރުވެރިންގެ އަދަދަކީ 4195 އެވެ. މިއީ މިދިޔަ ހަފްތާގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަސް ވެސް މެއެވެ. 

އޭގެ ފަހުން، ފާއިތުވި ހަފްތާގައި ދެން ކޮންމެ ދުވަހަކު ވެސް އައި ފަތުރުވެރިންގެ އަދަދު އުޅުނީ 2200 އިން މަތީގަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކަށް ބަލާއިރު ލިސްޓުގެ ކުރީގައި އޮތީ ރަޝިއާ އެވެ. އެގައުމުން މިހާތަނަށް 5331 މީހުން އައިސްފައިވާއިރު މިއީ މިހާތަނަށް އައި ފަތުރުވެރިންގެ ނިސްބަތުން ބަލާނަމަ 25.9 އިންސައްތަ މީހުންނެވެ. 

ދެވަނައަށް އެންމެ ގިނަ ބަޔަކު އައީ އިންޑިއާ އިންނެވެ. އެގައުމުން އައި ފަތުރުވެރިންގެ އަދަދު 1816 ގައި އުޅޭއިރު އެއީ 8.8 އިންސައްތަ މީހުންނެވެ. ދެން އެ ލިސްޓުގައި އޮތީ ޔޫކްރެއިންނެވެ. އެގައުމުން އައި މީހުންގެ އަދަދަކީ 1779 އެކެވެ. 

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދިހަ ގައުމުގެ ލިސްޓުގެ ތެރޭގައި ދެން ހިމެނެނީ ކަޒަކިސްތާނާއި ޔޫކޭ އަދި ރޮމެނިއާ އާއި ޖަރުމަނު އަދި ފްރާންސް އާއި ޔޫއޭއީގެ އިތުރުން އުޒްބެކިސްތާނެވެ. 

މިއަހަރުގެ މިހާތަނަށް 565 ޓޫރިސްޓް ފެސިިޓީއަކުން ހިދުމަތް ދެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 141 ރިސޯޓާއި 11 ހޮޓަލާއި 131 ސަފާރީގެ އިތުރުން 282 ގެސްޓްހައުސް އެވެ.

ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފާއި ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް