ads
ސިހުރު--
ހުވަފެނަކީ ބިރުވެރި ހަގީގަތެއް!
ހުވަފެނަކީ ބިލާހެކޭ އެއީ އެންމެން ވެސް ބުނާ އެއްޗެކެވެ. ނަމަވެސް ބައެއް ހުވަފެންތަކަކީ ހަގީގަތެކެވެ. އަދި ފެންނަ ކޮންމެ ހުވަފެނެއްގެ ފަހަތުގައި މާނަ ފޮރުވިފައިވާ އެތައް ކަމެށް ވެއެވެ. މިއީ ގިނަ ބަޔަކު ދަންނަ ވާހަކައެކެވެ. އެހެން ނަމަވެސް މަދު ބަޔަކު ނޫނީ މިކަން ގަބޫލުނުކުރެ އެވެ.

އަހަރެން ވެސް ހިތަށް އެރީ ހުވަފެނަކީ ދުވަހަކު ވެސް ހަގީގަތަކަށް ނުވާނެ އެއްޗެއް ކަމަށެވެ. ނަމަވެސް އަހަރެންނަށް ފެނުނު އެންމެ ބިރުވެރި ހުވަފެންވީ މުޅި ދުނިޔެ ބަދަލުކޮއްލި ހުވަފެނަކަށެވެ. އަހަރެންގެ އުފާވެރި ހަޔާތް އެފުށް މިފުށަށް ޖެހިގެން ދިޔަ އެެވެ.

އެ ހާދިސާއަކީ އަހަރެން ވަރަށް ކުޑައިރު ދިމާވި ކަމެކެވެ. ނަމަވެސް އެ މަންޒަރުތައް ސާފުކޮށް ލޯކުރިމަތީގައި އަދިވެސް ވެއެވެ.

އަހަރެން އޭރު ދިޔައީ ހަވަނަ ކުލާހުގައި ކިޔަވަމުންނެވެ. އަހަރެންނަކީ ކިޔަވަން މޮޅު ބަސްއަހާ ކުއްޖެކެވެ. އަބަދުވެސް ކުލާހުން އެއްވަނަ ހޯދަމެވެ. ނަމަވެސް އަހަރެން ކައިރީގައި ތިބޭ ކުދިންނަކާ ވާހަކައެއް ނުދައްކަމެވެ. އެހެންކަމުން އަހަރެންގެ އެއްވެސް ރަހުމަތްތެރިއަކު ނުހުރެ އެވެ.

ކުލާސް ތެރޭގައި އަހަރެންނަށް އެކަނިވެރިކަން ބައެއް ފަހަަރު އިހުސާސު ވެއެވެ. ނަމަވެސް ފޮތްތަކުގެ ފަހަތުގައި އަހަރެންގެ އިހްސާސުތައް އަހަރެން ހުންނަނީ ފޮރުވައިގެންނެވެ. މިކަމާ ޓީޗަރުން ވެސް ސުވާލު ކުރެ އެވެ. އަހަރެން ވަކި ޖަވާބެއް ނުދެމެވެ.

ނަމަވެސް މި ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އަނާ އަހަރެންގެ ހަޔާތަށް އައުމުންނެވެ. އޭނާއަކީ ސުކޫލަށް އައި އާ ކުއްޖެކެވެ. ޓީޗަރު އޭނާ ބޭންދީ އަހަރެންގެ ކައިރީގަ އެވެ. އަނާ ވަރަށް ވާހަކަ ދައްކަ އެވެ. ނަމަވެސް މަދުން ނޫނީ އަހަރެން ޖަވާބެއް ނުދެމެވެ. މިހެން ކަންތައް ހިނގަމުން ގޮސް ހަތްވަނަ ކުލާހުގެ ދިރާސީ އާ އަހަރު ފެށިއްޖެެ އެވެ.

އަހަރެން މިއީ ވަރަށް ތަފާތު ކުއްޖެއްގެ ގޮތުގައި ހުރިހާ އެންމެން ވެސް ދެކެން ފަށައިފި އެވެ. ކުލާސް ތެރޭގައި ކުދިން އަހަރެންނަށް ވަރަށް އެއްޗެހި ކިޔަ އެވެ. ނަމަވެސް އެ ބަސްތަކަށް އަހަރެން އެއްވެސް ރައްދެއް ނުދެމެވެ. 

މިހު ރިހާ ކަމެއް އަހަރެންނަށް ދިމާވަމުން ދިޔައިރު ވެސް އަނާ އަހަރެންނާ އެކުގައި އުޅުނެވެ. ދެގޮތެއް ނުވެ އޭނާ އަހަރެންނާ ވާހަކަ ދައްކަ އެވެ. އަހަރެންގެ ފަރާތުން ޖަވާބެއް ނުލިބުނަސް ކަމުގަ އެވެ. 

އެ އޯގާތެރިކަމުގެ ސަބަބުން އަހަރެންގެ ހިތް މަޑުމަޑުން ބަދަލުވާން ފަށައިފި އެވެ. އަނާ ބަލިވެގެން ސުކޫލަށް ނައިސްފި ނަމަ އެކަނިވެރިކަން އިހްސާސު ކުރެވެން ފަށައިފި އެވެ. އަހަރެންނަށް މިވަނީ ކިހިނެއްބާއޭ ވެސް ބައެއް ފަހަރު ހިތާ ސުވާލުކުރެވެ އެވެ.

މިކަހަލަ އެތައް އިހްސާސުތަކެއް އަހަރެންނަށް ކުރެވެމުން ދިޔަ އެވެ. ދެން އޮތް ސުވާލަކީ އަނާގެ ހިތުގައި އޮތީ ކޮން އެއްޗެއް ތޯ އެވެ. އަހަރެން އެ ސުވާލު އޭނާއާ ކުރަން ވަރަށް ޖެހިލުން ވެއެވެ. މާޔޫސްކަމާ ކުރިމަތިލާން ޖެހިދާނެތީ އެވެ. އެހެންކަމުން ހިތުގައި އެ ސިއްރު އަހަރެން ބޭއްވީމެވެ.

ދެން އަހަރެންނަށް ދިމާވީ އަހަރެން އެންމެ ބިރުން ހުރި ކަންތަކެވެ. އަހަރެންނަށް ހުވަފެނުން އަނާގެ މަރު ފެނުނެވެ. ރަހުމު ކުޑަކޮށް އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ގޮތް ނޭންގޭ މަހުލޫގެއް ވަކި އަޅަމުން ދާ މަންޒަރު ފެނުނެވެ. އެ ހުވަފެނަކީ މީގެ ދެ އަހަރު ކުރިން މާމަ ނިޔާވުމުގެ ކުރިން އަހަރެންނަށް ފެނުނު ހުވަފެނެވެ. އޭގެ ދުވަސް ކޮޅެއް ނުވެ ހަމަ އެ ހުވަފެނުގައި ފެނުނު ގޮތަށް މާމަ ނިޔާވެގެން ދިޔަ އެވެ. އޭގެ ފަހުން އަހަރެން މީހުންނާ ވާހަކަދެއްކުން މަދުކޮށް އެކަހެރިވީމެވެ. އަހަރެންގެ އެކަނިވެރިކަމުގެ ސިއްރަކީ އެ ހާދިސާ އެވެ. އެއްވެސް މީހަކަށް އެކަމެއް ނޭންގޭނެ އެވެ.

ޖެހިގެން އައި ދުވަހު އަހަރެން ސުކޫލަށް ދިޔައީ ތެޅިތެޅި އޮތް ހިތަކާއެކީގަ އެވެ. އަނާ އޭނާގެ މޭޒުގައި ނެތުމުން އަހަރެން ހާސްވާން ފެށި އެވެ. އަވަސް އަވަހަށް އަހަރެން ގޮސް އޮފީހުން އޭނާގެ މަންމަގެ ނަންބަރު ހޯދައިގެން ގުޅީމެވެ. އަނާ ކޮބާތޯ އެހުމުން އޭނާގެ މަންމަ ފުރަމަތަ ވެސް ފެށީ ރޯށެވެ. އަދި ރޭގެ ވަގުތެއްގައި އަނާ ވަރަށް ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނިއްޖެ ކަމަށް ބުންޏެވެ.

އަހަރެންގެ އަތުން ފޯނު ދޫވި އެވެ. ދެ ލޮލުން ކަރުނަ އަންނަން ފަށައިފި އެވެ. ހަދާނެ ގޮތް ހުސްވެއްޖެ އެވެ. ލީޑިން ޓީޗަރު ކައިރީގައި އަހާފައި އަހަރެން ދިޔައީ ގެޔަށެވެ. އޭރުވެސް އަހަރެންގެ ދެލޯ ހުރީ ކަރުނުން ފުރިފަ އެވެ.

މި މަންޒަރު މަންމައަށް ފެނުމުން ކިހިނެއްވީތޯ އެހި އެވެ. އަހަރެން މަންމައަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ކުށްވެރިއެއް ފަދައިން މަންމަ އިސްޖެހި އެވެ. އަދި އަހަރެންނަށް އާއިލާގެ ބޮޑު ހަގީގަތް ކިޔައިދިނެވެ. މަންމަ ބުނި ގޮތުގައި އާއިލާގެ ކޮންމެ ފިރިހެން ކުއްޖަކު ފުރަތަމަ ލޯބިވާ ކުއްޖާ ވަރަށް ހިތި ގޮތަކަށް ނިމިގެންދެ އެވެ. އެއީ ކާފައާ އަވަލި ޖިންނިއެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށް ބުންޏެވެ.

އަހަރެންނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އަނާ ދުނިޔެއާ ވަކިވެގެން އެ ދިޔައީ އަހަރެންގެ ސަބަބުން ކަމަށް ވާތީ އެވެ. އަހަރެން އަނާގެ ޖަނާޒާއަށް ދިޔައީމެވެ. އަދި ހިތުން އަހަރެންނަށް މައާފުކޮށްދިމުނަށް އެދުނީމެވެ.

އެ ދުވަހުގެ ފަހުން އަހަރެން ހުރިހާ އެންމެންނާ ވަރަށް ބޮޑައް ދުރުވީމެވެ. އަދި ކުއްޖަކު ވާހަކަ ދައްކަން އުޅުނަސް އެ ކުއްޖާ ދުުރުކޮށްލަމެވެ.

މިއަދާ ހަމައަށް ވެސް އަހަރެން މި ހުންނަނީ އެ ހިތި ތަޖުރިބާގެ ސަބަބުން އެކަނި މާ އެކަންޏެވެ.

0%
ކަމުގޮސްފި
83%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް