ads
ްބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހެއް ސަންދޯކަށް ލައިގެން ގެންދަނީ---
މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ މަޝްވަރާ އަދި ނުނިމޭ: ރައީސް އޮފީސް
ކޮވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ މަޝްވަރާތައް ލަންކާ ސަރުކާރާ އެކު އަދިވެސް ކުރެވެމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ، އެކަމުގެ މަޝްވަރާތައް ހުއްޓާނުލާ ކަމަށާއި ސަރުކާރުން އަދިވެސް ދަނީ ލަންކާގެ ސަރުކާރާ އެކު މަޝްވަރާތައް ބާއްވަމުން ކަމަށެވެ. ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމާ މެދު އަދި ވަކި ގޮތެއް ނިންމިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ވިސްނުމާ ދިވެހި ސަރުކާރުން މިހާރު ދެކޮޅު ކަމަށް ލަންކާގެ ނޫހަކުން ވަނީ ވަރަށް ފަހުން ބުނެފަ އެވެ. ދިވެހި ސަރުކާރުގެ ބައެއް މަސްދަރުތަކާ ހަވާލަދީ ސަންޑޭ ޓައިމްސް ނޫހުން ޝާއިއުކުރި ކޮލަމެއްގައި ބުނެފައި ވަނީ މި މައްސަލަ ދިރާސާކުރުމަށް ފަހު އެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ. ކޮވިޑު ޖެހިގެން މަރުވާ އެހެން ގައުމެއްގެ ރައްޔިތުންގެ ގަބުރުސްތާނެއްގެ ގޮތުގައި ރާއްޖެ ސިފަކުރަން ފަށައިފި ނަމަ ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރާ މެދު ދިވެހި ސަރުކާރުން ކަންބޮޑުވާ ކަމަށް އެ ނޫހުގައި ވެއެވެ. 

އެހެން ނަމަވެސް ރައީސް އޮފީހާއި ފޮރިން މިނިސްޓްރީން މިކަމުގައި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައިވާ ނުވާ ކަމަށާއި އެ ނޫހުން ފޮނުވި އީމެއިލްތަކަށް ޖަވާބު ދީފައި ނުވާ ކަމަށް ވެސް ލިޔެފައި ވެއެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން ސީއެންއެމްއަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވަނީ އެ މަޝްވަރާތައް ހުއްޓާ ނުލާ ލަންކާގެ ސަރުކާރާ އެކު ކުރިއަށްދާ ކަމަށެވެ. މިކަމުގައި ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ މައްސަލައަކީ މިހާރު ރައީސް އޮފީހުގެ ބެލުމުގެ ދަށުން ހިނގާ ކަމަކަށްވުމުން އެކަމުގައި ފޮރިން މިނިސްޓްރީން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. 

ކޮވިޑުގެ ސަބަބުން މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް އެދިވަޑައިގެންނެވި އެގައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ. އެކަން ހާމަވުމާއެކު ބޮޑު ބަހުސެއް ކުރަން ފެށި އެވެ. އެއް ބަޔަކު އެކަމަށް ތާއީދު ކުރިއިރު، އަނެއް ބަޔަކު ބުނެފައި ވަނީ އެފަދަ ކަމެއްގެ ސަބަބުން ގެއްލުން ވާނެ ކަމަށެވެ.  

މިކަމުގެ މަޝްވަރާތައް އަދި ނުނިމޭ ކަމަށް ރައީސް އޮފީހުން ބުނެފައި ވާއިރު، މި ހަފްތާގައި ލަންކާއިން ބުނެފައި ވަނީ ކޮވިޑު ޖެހިގެން މަރުވާ މީހުންގެ ހަށިތައް އަންދާލުން ނޫން ގޮތެއް ނެތް ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ތަޖުރިބާކާރުންގެ ޕެނަލަކުން ދިރާސާކުރުމަށް ފަހު ކަމަށް ބުނެފައި ވެއެވެ.

މި ނިންމުމުގެ ސަބަބުން ލަންކާގެ މުސްލިމުންގެ އިތުރުން ނަސާރާ ދީނުގެ މީހުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް