ads
ޓްރަމްޕް--
ޓްރަމްޕް މަގާމުން ވަކިކުރުމުގެ މައްސަލަ: މި ފަހަރު ވާނީ ކިހިނެއް؟
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށް 2019 ވަނަ އަހަރު ޑިމޮކްރެޓުން މަސައްކަތް ފެށުމުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް އެކަން ބަލައިގަތުމަށް ވެސް ފަސް މަސް ނެގި އެވެ. ނަމަވެސް މި ފަހަރު އެކަން ފެންމަތިވުމާއެކު މާ ގިނަ ވަގުތުތަކެއް ނުވެ، ހޯމަ ދުވަހު މައްސަލަ ފަށާނެ ކަމަށް ހައުސްގެ ރައީސް ނޭންސީ ޕިލޯޒީ ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ކެބިނެޓުން އިސް ނަގައިގެން ނުވަތަ ކޮންގްރެސްގެ މަސައްކަތުން ނަމަވެސް އެމަނިކުފާނު މަގާމުން ދުރުކުރަން ޖެހޭ ކަމަށް ނޭންސީ މިހާރު ގަބޫލުކުރައްވަ އެވެ. ނޭންސީ ފަދައިން ގިނަ ސިޔާސީ ލީޑަރުން ޓްރަމްޕްގެ އިސްތިއުފާއަށް ގޮވާލަމުން ދަނީ މިދިޔަ ބުދަ ދުވަހު އެމަނިކުފާނުގެ ސަޕޯޓަރުން ހަތިޔާރާއެކު ކޮންގްރެސް ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް އިމާރާތަށް ވަދެގަނެ ހަމަނުޖެހުން ހިންގާ، އިންތިހާބުގެ ނަތީޖާ ބަދަލުކުރަން މަސައްކަތް ކުރުމުންނެވެ.

ބުދަ ދުވަހުގެ ހަމަނުޖެހުންތައް އުފެދުނީ ވައިޓް ހައުސް ކައިރީގައި އޮތް އެއްވުމެއްގައި ސަޕޯޓަރުން ކޮންގްރެސްއަށް ދިޔުމަށް ޓްރަމްޕް ހިތްވަރުދެއްވާފައި ވަނިކޮށެވެ. އެހެންކަމުން ހަމަނުޖެހުން އުފެއްދުމުގެ ފަހަތުގައި ހުންނެވީ ޓްރަމްޕް ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. މި ސަބަބާ ހުރެ ޑިމޮކްރެޓުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ޓްރަމްޕް ރައީސްކަމުން ދުރުކުރުމަށެވެ. 

ނަމަވެސް ހައުސްގެ މަސައްކަތުން ޓްރަމްޕް މަގާމުން ދުރުވާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ އެފަދަ ނިންމުމެއް ފާސްކުރަން ސެނެޓުގެ ތާއީދު ވެސް ބޭނުންވާތީ އެވެ. މި މަސައްކަތް ފަށަން ނިންމާފައި ވާއިރު، ޓްރަމްޕް ރިޔާސީ ދައުރު ޖެނުއަރީ 20 ގައި ހަމަވާނެ އެވެ. އަދި އެ ދުވަހު ޑިމޮކްރެޓިކް ޕާޓީ ޖޯ ބައިޑަން ރައީސްކަމުގެ ހުވާ ކުރައްވާނެ އެވެ.

ޓްރަމްޕްގެ ދައުރު ނިމެން ދެ ހަފްތާއަށް ވުރެ ވެސް ކުޑަ މުއްދަތަކަށް ވެފައި ވާއިރު، އެމަނިކުފާނުގެ ރިޕަބްލިކަން ޕާޓީން ކޮންޓްރޯލް ކުރާ ސެނެޓުން އެމަނިކުފާނު ދުރުކުރަން ނިންމުމެއް ނިންމާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ހައުސްގެ ތެރެއިން މިގޮތަށް ފާސްކޮށްފި ނަމަ، ޓްރަމްޕް ވެގެން ދާނީ އެމެރިކާގެ ތާރީހުގައި ދެ ފަހަރު މަގާމުން ވަކިކުރުމުގެ މައްސަލައާ ކުރިމަތިލާން ޖެހުނު ފުރަތަމަ ރައީސް އަށެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ޓްރަމްޕާއި ޔޫކްރެއިނުގެ ރައީސްއާ ދެމެދު ކުރި މުއާމަލާތްތަކުގެ މައްސަލާގައި ޓްރަމްޕް މަގާމުން ވަކިކުރުމުގެ މައްސަލަ ފުރިހަމައަށް ދިރާސާކޮށް ހައުސްގައި ވޯޓަކާ ހަމައަށް ދިޔުމަށް ތިން މަސް ނެގި އެވެ. ނަމަވެސް މި ފަހަރުގެ ހާދިސާ ހިނގީ މެމްބަރުންގެ ކުރިމަތީގައި ކަމަށް ވާތީ ތަހުގީގުތަކެއް ކުރުމެއް ނެތި އަވަސް ވޯޓަކަށް ދިޔުން އެކަށީގެންވެ އެވެ.

އެހެން ވެއްޖެ ނަމަ މި ފެށޭ ހަފްތާގެ ތެރޭގައި ޓްރަމްޕް މަގާމުން ވަކިކުރަން ހައުސްއިން ނިންމާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މި ނިންމުން ސެނެޓުން ފާސްކުރަން ޖެހެ އެވެ. 2019 ގެ މައްސަލާގައި ސެނެޓުގައި ޓްރަމްޕާ ދެކޮޅަށް ވޯޓު ދިނީ ރިޕަބްލިކަން ޕާޓީގެ އެންމެ މެމްބަރެކެވެ. މި ފަހަރު އިތުރު މެމްބަރުން ވޯޓުލުން އެކަށީގެންވި ނަމަވެސް، މި ވަގުތު ސެނެޓު އޮތީ ޗުއްޓީގަ އެވެ.

ސެނެޓުގެ ޖަލްސާތައް ފަށަން ނިންމާފައި ވަނީ ޓްރަމްޕްގެ ދައުރު ނިމޭ ދުވަހު އެވެ. އެހެންކަމުން އެ ދުވަހު އަވަސް އަރުވާލައިގެން ޓްރަމްޕް މަގާމުން ދުރުކުރުމަށް މަސައްކަތްކޮށްފި ނަމަ ގައުމުގައި އިތުރު ހަމަނުޖެހުން އުފެދިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ބައެއް ރިޕަބްލިކަނުން ބުނެ އެވެ. ނަމަވެސް ޑިމޮކްރެޓުން ބުނަނީ ރައީސެއްގެ މަގާމުގައި ހުންނަވައިގެން ހަމަނުޖެހުމަށް ހިތްވަރު ދެއްވި ބޭފުޅަކާ މެދު ފިޔަވަޅު ނާޅައިފި ނަމަ ގައުމުގެ ޑިމޮކްރަސީގައި ނުބައި ސަގާފަތެއް އުފެދިގެން ހިނގައިދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް