ads
ވެމްކޯ މުވައްޒަފުން--
މިއަދުން ފެށިގެން ކުނި ނަގާނީ ރޭގަނޑު 10 ގައި!
މިއަދުން ފެށިގެން މާލޭ ސަރަހައްދުގައި ކުނި ނަގަމުންދާނީ ރޭގަނޑު ދިހައަކުން ފެށިގެން ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ބައެެއް ފަރާތްތަކުން މާލޭގެ މަގުތަކަށް މި ވަގުތު ވެސް ކުނި ކޮތަޅުތައް ނެރެމުންދާތީ އެކަމާ ގުޅިގެން ވެމްކޯ އިން ކުރި ޓްވީޓެއްގައި ވަނީ ރޭގަނޑު 10:00 ގެ ކުރިން ކުނި ގެެއިން ނުނެރުމަށް އެދިފަ އެވެ. 

މިއަދުން ފެށިގެން ވެމްކޯ އިން ކުނި ނަގަން ހަމަޖައްސާފައި ވަނީ ރޭގަނޑު 10:00 އިން ފެށިގެން ރޭގަނޑު 12:00 އާ ހަމައަށެވެ. އެހެންކަމުން، ކުނި ނެރެން ޖެހޭނީ އެ ދެ ގަޑިިއިރުގެ ތެރޭގަ އެވެ. 

މާލޭ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތްކުރަމުން އަންނަ ވެމްކޯ އިން ކޮވިޑް-19 އާ ގުޅިގެން އެ މަަސައްކަތް ކުރަމުން އައީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު 12:00 އާއި 2:00 އާ ދެމެދުގަ އެވެ.

ކުނި ނެގުމުގެ ވަގުތަށް ބަދަލު ގެނެސްފައި މިވަނީ މެންދުރުގެ ވަގުތަކީ، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދާއި، އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ވަގުތެއް ކަމަށް އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައި ވާތީ އެވެ. އަދި ކުނި ބޭލުމަށް ހަމަޖެހިފައިވާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުނި ގިނަ އަދަދަކަށް ޖަމާކޮށްފައި ހުންނަ މައްސަލަ ވެސް ފާހަގަކުރެވޭ ކަމަށް ވެމްކޯ އިން ބުނެ އެވެ. 

ކުރިޔަށް އޮތް ދުވަސްތަކުގައި ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިދިނުމަށް މަޝްވަރާކުރަމުން ދިޔުމާއި އެކު، ވެމްކޯގެ އޮޕަރޭޝަނަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

ވެމްކޯ އިން ބުނީ ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ ކުރިއެކޭވެސް އެއްފަދައިން އިމާރާތުގެ ބޭރުން، ދޮރުމަތިން ކަމަށާއި އެ ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ނާރާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް