ads
ކޮވިޑަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ބޭއްވި ޑްރިލްއެއް (ފައިލް ފޮޓޯ)
ކޮވިޑާ ދެކޮޅަށް ކުރި ހޭދަ ތިން ބިލިއަން ރުފިޔާއާ ގާތަށް
ކޮވިޑް-19 އާ ދެކޮޅަށް ދައުލަތުން ކުރި ޖުމްލަ ހޭދަ 2.89 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ދައުލަތުން ކޮވިޑާ ދެކޮޅަށް 2.89 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ސިއްހީ އަދި އިޖުތިމާއީ ގޮތުން 1.40 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އިކޮނޮމިކް ރިލީފް ޕެކޭޖުގެ ދަށުން އެކި ފަރާތްތަކަށް 1.49 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ސިއްހީ އަދި އިޖުތިމާއީ ގޮތުން ކުރި ހޭދަތަކަށް ބަލާލާއިރު، އެންމެ ގިނަ ހޭދައެއް ކޮށްފައިވާ މުއައްސަސާއަކީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެއީ 784 މިލިއަން ރުފިޔާ އެވެ. ހެލްތު މިނިސްޓްރީން 273.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އައިޖީއެމްއެޗުން 88.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ކޮވިޑާއި ގުޅިގެން ކުރި ހޭދަތަކަށް ބަލާއިރު، ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ތަކެތި ގަތުމަށް 561.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މުއައްސަސާތަކުން ވަނީ ހިންގުމުގެ ހަރަދުގެ ގޮތުގައި 184.4 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އިކޮނޮމިކް ރިލީފް ފަންޑުގެ ދަށުން ދައުލަތުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ވިޔަފާރިތަކަށެވެ. އެގޮތުން ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ލޯނުގެ ގޮތުގައި ވިޔަފާރިތަކަށް 1.15 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ކޮވިޑް ރިކަވަރީ ސްކީމްގެ ދަށުން އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ ބީއެމްއެލުން ކަމަށްވާ އިރު، 411 ވިޔަފާރިއަކަށް ބޭންކުން 578.5 މިލިއަން ރުފިޔާ އަދި އަށް މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ. އަދި އެސްއެމްއީ ވިޔަފާރިތަކަށް ލޯނު ދޫކުރާ އެސްޑީއެފްސީން 2،053 ފަރާތަކަށް 346 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދައުލަތުން ވަނީ ކޮވިޑާއި ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ 17،147 ފަރާތަކަށް 221.1 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އަދި 98،722 ގޭބިސީއެއްގެ ކަރަންޓު ބިލުތަކުގެ ޑިސްކައުންޓުގެ ގޮތުގައި 48.2 މިލިއަން ރުފިޔާ ދައްކާފައިވާ އިރު، 46،392 ގޭބިސީއެއްގެ ފެން ބިލުތަކުގެ ޑިސްކައުންޓުގެ ގޮތުގައި 10.2 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް