ސީއެންއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފް އެހެން ވިދާޅުވެފައި ވާއިރު، ލޯކަލް ކައުންސިލް އިންތިހާބު ލަސްވުމާ ގުޅިގެން އިދިކޮޅުން ދަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމުގައި ގާނޫނުގައި ބަޔާންކުރާ ގޮތް ނޫން އިތުރު ގޮތަކަށް އިލެކްޝަންސް ކޮމިޝަންނުން އަމަލު ނުކުރާނެ ކަމަށެވެ.
އެގޮތުން ކެމްޕެއިން ކުރުމަށް ދޭން އޮންނަ މުއްދަތު ކަމަށްވާ، އިންތިހާބު އޮންނަ ދުވަހުގެ ކުރިއަށް 28 ދުވަހުގެ މުއްދަތެއް ނުދެވޭނެ ނަމަ އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އީސީގައި މި ވަގުތު ތިއްބެވި މެމްބަރުން ތިއްބެވީ، އިންތިހާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނާ މައްސަލަ "ކޮމްޕްރިމައިޒް" ކުރާ ގޮތަކަށް ނޫން ކަމަށެވެ.
އެގޮތުން އިންތިހާބު ބާއްވައި ނިމުމުން އިންތިހާބު ސައްހަ ނޫން ކަމަށް ތުހުމަތުކޮށް އިންތިހާބު ބާތިލް ކުރުމަށް ކޯޓު މަރުހަލާއަށް ދާން ޖެހޭނެ ފަދަ ޖާގައެއް ދޭން ބޭނުން ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައުމަށް އީސީން ހުށަހަޅާފައިވާ ކަންތައްތަކާއި އޭޖީ އޮފީހުން ހުށަހަޅާފައިވާ ކަންތައްތަކުގައި ތަފާތެއް އެބަހުރި ކަމަށެވެ.
ޝަރީފް ވިދާޅުވީ، ގާނޫނަށް އިސްލާހު ގެނައުމަށް އީސީން ހުށަހަޅާފައި ވާނީ، އިންތިހާބު ބޭއްވުމަށް އީސީއަށް މި ހާލަތުގައި ފަސޭހަވާނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ.
އެހެންކަމުން އިސްލާހު ގެނައުމަށް މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި އީސީން ބޭނުންވާ ކަންތައްތައް ހުށަހަޅައި އެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ލަސްވާ މައްސަލަ އާއި އިންތިހާބަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނާ މައްސަލައަކީ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލަ އެވެ.
އެގޮތުން ކައުންސިލް އިންތިހާބު ސަރުކާރުން ފަސްކުރަނީ ރާވައިގެން ކަމަށާއި، އެގޮތަށް އެކަން ކުރަނީ އިންތިހާބު ބާއްވައިފި ނަމަ ސަރުކާރު ފެއިލް ވެފައިވާ މިންވަރު ހާމަވެދާނެތީ ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.