ads
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނިއުސް ކޮންފެރެންސްގެ ތެރެއިން-- ފޮޓޯ: ޕީޕީއެމް މީޑިއާ
މަތި މައްޗަށް ދައުވާ ކުރިޔަސް އަދުރޭ ފަސް ނުޖެހޭނެ: އިދިކޮޅު
މަތި މައްޗަށް ދައުވާ ކުރިޔަސް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސިޔާސީ މަސައްކަތް ހުއްޓާ ނުލައްލައްވާނެ ކަމަށާއި ހުންނަވާނީ ސާބިތުކަމާއެކު ކަމަށް އިިދިކޮޅުން ބުނެފި އެވެ.

މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ ކްރިމިނަލް ކޯޓު ސަރަހައްދުގައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގެ ޝަރީއަތް މި މަހުގެ 31 ވަނަ ދުވަހަށް ތާވަލުކޮށްފައި ވާތީ އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ އަދުރޭއަށް ސިޔާސީ ގޮތުން ބިރުދައްކައިގެން ފަހަތަށް ޖެއްސޭނެ ކަމަށް ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. 

އަދި އެ ކޯލިޝަންގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންވާ ބޭފުޅުންނާއި އެ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންވާ ބޭފުޅުންނާ ގުޅޭ ގޮތުން ތަފާތު ވައްތަރުގެ މައްސަލަތައް އުފައްދާ ދައުވާ ކުރުމަށް ކޯޓުތަކަށް ހުށަހަޅަމުން ގެންދަނީ މި ސަރުކާރު ބަލިކަށިވެ ރައްޔިތުންގެ ތާއީދު ގެއްލި ރައްޔިތުންގެ ނަފްރަތު އިތުރުވެ ހަދާނެ ނަހަދާނެ ގޮތެއް ނޭނގޭ ހިސާބަށް ކަންކަން ދިއުމުން ކަމަށް ވެސް އިދިކޮޅުން ތުހުމަތު ކުރެ އެވެ. 

އިދިކޮޅުގެ ބަޔާނުގައި ބުނީ މިވަގުތު ޖުޑީޝަރީގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވައިގެން އެ ކޯލިޝަންގެ ވެރިންނާއި އާންމު މެންބަރުންނަށް ތަފާތު ދައުވާތައްކޮށް ހުކުމް ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ކޯލިޝަނަށް ލިބިގެންދާނެ ބޮޑު ކާމިޔާބީ ތަސައްވުރު ކުރެވޭތީ އެ ކޯލިޝަން ބަލިކަށިކޮށް ބައިބައިކުރުމުގެ މަގްސަދުގައި ކަމަށެވެ. 

"މި ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަޙީމް އަބްދުﷲ އަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. މަތި މައްޗަށް ދައުވާ ކުރެއްވި ނަމަވެސް އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ހުއްޓަވާ ނުލައްވައި ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކު އެވެ. ހަމައެގޮތުގެ މަތިން މި ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް ބޭފުޅަކީ ސަރުކާރުން ދައްކާ ބިރަކަށް ފަސް ޖެހޭނެ ބައެއް ނޫން ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަމެވެ." ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން އިދިކޮޅުގެ ބަޔާނުގައި ބުނީ އެއްވެސް ފަސްޖެހުމެއް ނެތި، އެ ކޯލިޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި އަދި ކުރިއަށް ހުރި އިންތިހާބުތައް ކާމިޔާބު ކުރުމަށް އެ ކޯލިޝަން ނުކުންނާނީ އެއަށް ވުރެ ވަރުގަދަކޮށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް