ads
ރައްޔިތުންގެ މަޖިލިސް--
ގާނޫނަށް އިސްލާހު ގެނައުން: އީސީ އާއި އޭޖީގެ ހުށަހެޅުމުގައި ތަފާތުތަކެއް!
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅާ ކަންކަމާއި އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާ ކަންކަމުގައި ބައެއް ތަފާތުތައް އެބަހުރި ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ގާނޫނަށް އިސްލާހު ގެނައުމަށް އޭޖީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަންކަމާއި އީސީން ހުށަހަޅާ ކަންކަމުގައި ބައެއް ތަފާތުތައް އެބަހުރި ކަމަށެވެ. ނަމަވެސް މަޖިލީހުގެ މަރުހަލާގައި އީސީން އެކަންކަން ހުށަހަޅައި މަޝްވަރާ ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވީ އެ ގާނޫނަށް އީސީން ހުށަހަޅާ އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ އިންސާފުވެރިކޮށް އިންތިހާބު ބޭއްވުމަށް އީސީއަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދުން ކަމަށެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި އެ ގާނޫނުގެ ހަތްވަނަ މާއްދާއަށް ވަނީ ބައެއް އިސްލާހު ހުށަހަޅާފައެވެ. އެގޮތުން އިންތިހާބު ބޭއްވުމަށް އީސީން ވާންޖެހޭ ތައްޔާރީތައް، ގާނޫނަށް އިސްލާހު ގެންނަތާ ހަފްތާއެއްގެ ތެރޭގައި ފަށަން ޖެހޭ ގޮތަށް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅާފައެވެ.

މި ގާނޫނަށް އިސްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަންއިން ހުށަހަޅާނެ ކަމަށް މީގެ ކުރިން ބުނެފައިވާ ބައެއް ކަންކަމުގެ ތެރޭގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އީސީއަށް ލިބޭ ގޮތަށް ބަދަލު ކުރުމާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އިންތިހާބު ބޭއްވުމުގެ ބާރު އީސީއަށް ލިބިދިނުން ހިމެނެއެވެ. 

މިކަންކަމާއި ގުޅޭ ގޮތުން އޭޖީ އޮފީހުން މިހާތަނަށް ބުނެފައިވަނީ، އިލެކްޝަން ކޮމިޝަނުން ހުށަހަޅާ ކަންކަން އަދި ރަސްމީ ސިފައެއްގައި އެނގިފައި ނުވާ ކަމަށާއި، އެކަންކަން އަޅާ ކިޔަން އެނގޭނީ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލީހުން ފެށުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް