ads
ވާރޭތެރޭގައި--
ވާރޭގެ ތެރެއިން ދިމާވި ފުރޭތަ
ފިނި މޫސުމަކީ ގިނަ ބައެއްގެ ހިތްތަކާ ކުޅެލާ މޫސުމެކެވެ. އުފާވެރިކަމާއި ހިތްގައިމުކަން ގެނެސްދޭ ދުވަސްވަރެކެވެ. ނަމަވެސް އެ މޫސުމުގައި އަހަރެންނަށް ކުރިމަތިލާން ޖެހުނީ ވަރަށް ހިތި ތަޖުރިބާއަކާ އެވެ. ބިރުވެރި ނާމާން ކަންތައް ގަނޑަކާ އެވެ.

އެރޭގެ ހަނދާންތައް އަދިވެސް އަހަރެންގެ ސިކުނޑީގައި ހަރުލާފައިވެ އެވެ. އެ ހާދިސާގެ ސަބަބުން އަހަރެންގެ ގައިގައި ލަކުނެއް ވެސް ލެވިފައިވެ އެވެ.

އެ ރެޔަކީ އާދައިގެ މަތިން ވިއްސާރާ ރެއެކެވެ. ޖެހެމުން ދިޔަ ބާރު ވައި ރޯޅިތަކާއެކު ހީވަނީ ދެންމެ ދެންމެ ގަސްތައް ބިމުން ލުހިލައިފާނެ ހެންނެވެ. ވެހެމުން ދިޔަ ވާރެއިން މުޅި ރަށް ފެން ބޮޑު ކުރަމުން ދިޔަ އެވެ. މި މަންޒަރު ބަލަން އަހަރެން އިނީ ފަޅުގެއެއްގެ އަސްކަނި ދަށުގަ އެވެ. ގެޔަށް ނުދެވިފަ އެވެ.

އަހަރެން އެތަނުގައި ތާށިވީ އެކްސްޓްރާ ކްލާސް ނިންމާލުމަށް ފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ. ބޯވާރޭ އޮއްސާލީ އަހަރެން ސަމާލުކަން ނުދީ ހުއްޓަ އެވެ. އަހަރެން އެއްކޮށް ތެމުނެވެ. ދުވަމުން ދުވަމުން ގޮސް ފަޅު ގެއެއްގެ އަސްކަނި ދަށަށް އަހަރެންނަށް ވަދެވުނީ އެވެ.

މާހައުލަށް ވެރިވެފައިވާ ފިނީގެ ސަބަބުން އަހަރެން ދިޔައީ ހީކަރުވަމުންނެވެ. އަސްކަނި ދަށުގައި އަހަރެން ހުރި ނަމަވެސް ވާރޭގެ ތިކިތަކުން އަހަރެން ދިޔައީ ތެމެމުންނެވެ. އަސްކަނީގައި ހުރި ޓިނުގަނޑުތައް ހަލާކުވެފައި ހުރީމަ އެވެ.

ވާރޭ ހުއްޓާލާނެ އިރަކަށް އަހަރެން ދިޔައީ އިންތިޒާރު ކުރަމުންނެވެ. ނަމަވެސް ވިއްސާރަ އިތުރަށް ދިޔައީ ބޯކުރަމުންނެވެ. އަހަރެން ހުރީ އެކި ހިޔާލުތަކަށް ގެއްލިފަ އެވެ. ކުއްލިޔަކަށް ވަރަށް ބާރު ގުގުރިއެއް ޖެހި އެވެ. އަހަރެން ސިއްސައިގެން ދިޔަ އެވެ. ހިތުގައި އަތް އަޅައިގެން އަހަރެން ހުރީ އަވަހަށް އެތަނުން ދެވޭނެ އިރަކަށް އިންތިޒާރު ކުރާށެވެ. 

ކުއްލިޔަކަށް އަހަރެންގެ ނަން ގަދަ ވައިގެ ތެރެއިން އިވުނުހެން ހީވި އެވެ. ނަމަވެސް އެއީ ކުށް ހީއެއް ކަމަށް ހީކޮށް އަހަރެން އެހާ ބޮޑަށް އަޅައެއް ނުލަމެވެ. ނަމަވެސް ދެވަނަ ފަހަރަށް ވެސް އެ އަޑު އަހަރެންނަށް އިވުނެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. ރޭގަނޑުގެ ކަޅު ތޫފާނުގެ ތެރޭގައި އަހަރެންނަށް އެ ގޮވަނީ ކާކުބާއޭ ވެސް ހިތަށް އެރި އެވެ. ބިރުން އަހަރެން ހުރީ ގުޑިލާން ވެސް ނޭނގިފަ އެވެ.

ކުއްލިޔަކަށް ފަހަތުގައި މީހަކު އުޅޭ ކަމުގެ އިހްސާސް އަހަރެންނަށް ވާން ފެށި އެވެ. މަޑުމަޑުން އަހަރެން ފަހަތް ބަލާލީމެވެ. މުޅި މީހާ ގަނޑުވި އެވެ. ފެނުނީ ބިރުވެރި ފުރޭތަ އެކެވެ. ދުއްވައިގަންނަން ވެސް އަހަރެންނަކަށް ނޭނގުނެވެ. ހަދާނެ ގޮތް ހުސްވެފައި އަހަރެންނަށް ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ވެސް ނޭނގެ އެވެ. އޭތި އަހަރެންނާ ދިމާލަށް ފިޔަވަޅެއް އެޅި އެވެ. އަހަރެންނަށް ހަމަ ބުއްދި ލިބުނެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި އަހަރެން ދުއްވަގީމެވެ.

ވާރޭ ތެރޭގައި އަހަރެން ދުވަމުން ވެއްޓެމުން ގޮސް ގެއަށް ވަނީމެވެ. އަވަހަށް މަންމައަށް ގޮވާ ވެގެން އުޅޭ ގޮތް ރޮމުން ރޮމުން ކިޔައި ދިނީމެވެ. މަންމަ ވަގުތުން މުދިންބެއަށް ގުޅާ ގެޔަށް ގެނަ އެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެމުން ދިޔަ އެވެ.

މުދިންބެ ގެޔައް ވަދެފައި އެންމެ ފުރަތަމަ ވެސް ޝަހާދަތް ކިޔެވެ. އަދި އަހަރެން ކައިރީގައި ހުރިހާ ކަމެއް ވީ ގޮތް ކިޔައިދިނުމަށް އެދުނެވެ. އަހަރެން ކިޔައިދިނީމެވެ.

މުދިންބެ ދަބަހުން ފޮތެއް ނަގައި އެ ބަލައިގެން ކޮންމެވެސް އެއްޗެއް ކިޔަން ފެށި އެވެ. އަދި ފެން ކިޔަވާފައި އަހަރެންނަށް ބޯން ދިނެވެ. އަދި އަޅާނެ ތަވީދެއް ވެސް ދިނެވެ. އިރުއޮއްސޭ ގަޑީގައި ބޭރަށް ނުނިކުތުމަށާއި ނަމާދުކޮށް ގުރުއާން ކިޔަވަން ވެސް އެދުނެވެ. އެހެން ނޫނީ އަހަރެން އެ ޖިންނީގެ ކިބައިން ސަލާމަތް ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އަހަރެން އެގޮތަށް އަމަލުކުރީމެވެ. އަދިވެސް އެ ތަވީދު އަހަރެންގެ އަތުގައި އެބަ އޮތެވެ. އޭގެ ފަހުން އެކަހަލަ ކަމެއް ދިމައެއް ނުވެ އެވެ. ނަމަވެސް އަހަރެންގެ ހިތުގައި އަދިވެސް ބިރު އެބަ އޮތެވެ.

7%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ކޮމެންޓްސް