ads
ވީޑިއޯ ރިޕޯޓް-
އެރި "އޮޅުމުން" އުފެދުނީ ބޮޑު ކްލަސްޓާއެއް!
މާލޭގައި ކޮވިޑްގެ ކަންކަން މަޑުމަޑުން ހަމައަކަށް އެޅެމުން އަންނަ މިދަނޑިވަޅުގައި އަތޮޅު ތެރޭގެ ބައެއް ސަރަހައްދުތަކަށް މިވަނީ ބަލީގެ ނުރައްކާތެރިކަން ބޮޑުވެފަ އެވެ. ގއ. ދެއްވަދޫން މިދިޔަ ޑިސެމްބަރު މަހުގެ 23 ގައި ކޮވިޑްގެ ފުރަތަމަ ކޭސް ފެނިގެންދިޔައިރު އޭގެ ފަހުން އެކި ރަށްރަށް ހިމެނޭ ގޮތަށް އެ ކްލާސްޓާއާ ގުޅިގެން 22 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މި ކްލާސްޓާގައި ހިމެނޭ ރަށްތަކަށް ބަލާއިރު ލ. ފޮނަދޫ އާއި ހުޅުމާލެ ވެސް ހިމެނެ އެވެ. މި ކްލާސްޓާ އާއި ގުޅިގެން ފޮނަދޫ އާއި ގަން އަދި ދެއްވަދޫ ވެސް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު ދެއްވަދޫއަށް ކޮވިޑް ދިޔަ ގޮތާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އެންމެ ފުރަތަމަ ބެލެވުނީ ފުރަތަމަ ޕޮޒިޓިވްވި ފަރާތަށް ނެގެޓިވް ކަމަށް އެންގުމުން އެމީހުން ބޭރަށް ނިކުތް ފަހުން ޕޮޒިޓިވް ކަމަށް އެންގުމުންވީ ގޮތެއް ކަމަށެވެ. އެހެންނަމެވެސް ރޭގެ ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވެފައި ވަނީ އޭގެ ކުރިން ވެސް ރަށުގައި ބަލި އޮތް ކަމަށް މިހާރު ބެލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ރަށަށް ބަލި ދިޔައީ ކިހިނެއްކަން އެނގިފައެއް ނުވާ ކަމަށް ވިދާޅުވި އެވެ. 

ވާނުވާ ނޭނގި ކުއްލިއަކަށް ދެއްވަދޫގައި ކޮވިޑް ފެތުރި ގިނަ ބަޔަކަށް ހާސްކަން ގެނުވާފައިވާއިރު މީގައި އިހުމާލުގެ މައްސަލަތަކެއް އުޅޭކަމަށް ވަނީ އަޑު ފެތުރިގެންގޮސްފަ އެވެ. އެއީ އަރައިގެންވާނެ ވަރަށް ވުރެ ބޮޑު އޮޅުމެއްކަމަށް ހުދު ޑރ. ނަޒްލާ ވެސް ވިދާޅުވިއިރު މި އޮޅުމާއެކު އެންމެން ބިރުވެރިކަމަަކަށް ވެއްޓުނީ އެވެ. މީގެ ކުރިން ވެސް ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

މިސާލަކަށް މީގެ ހަ މަސް ދުވަސް ކުރިއަށް ބަލާލާއިރު ރ. ދުވާފަރު ވެސް ދެއްވަދޫގެ ހާލަތަށް ވެއްޓުނެވެ. ރަށުގައި އަޑު ފެތުރިގެންދިޔައީ ހޯމް ކަރަންޓީނުގައި ތިއްބާ ތިން މީހަކު އެ ބައްޔަށް ޕޮޒިޓިވްވި ކަމާއި އެމީހުން ކަރަންޓީނުގައި ތިބެ، ބޭރަށް ވެސް ނިކުތް ހަބަރެވެ. އެކަމަކު ކަން ހިނގީ މުޅިން އިދިކޮޅަށެވެ.  ނެގެޓިވް ކަމަށް އަންގައި، ގޭގައި ދަމާފައި އޮތް ޓޭޕް ވެސް ނައްޓާލުމުން، އެމީހުން ބޭރަށް ނިކުތް ފަހުން، އެތަނުން އެކަކަށް އެންގީ ޕޮޒިޓިވްވި އިތުރު ޓެސްޓެެއް ހަދައި، ނަތީޖާ ޕޮޒިޓިވްވި ހަބަރެވެ.

މި ހާދިސާގައި ވެސް ކަންވީ ގޮތް ބަލާނެ ކަމަށް ބުންޏަސް މިއަދާއި ހަމައަށް ވެސް އެނގެން އޮތީ އެވަރެވެ. އެެމީހުން ވެސް ޕޮޒިިޓިވްވީ ބަޔަކަށް އެރި އޮޅުމެއްގެ ސަބަބުން ކަަމެވެ. 

ރާއްޖޭގެ ހާލަތު ރަނގަޅުވަމުން އަންނަ މިދަނޑިވަޅުގައި މިފަދަ ބޮޑެތި "އޮޅުންތައް" އަރާއި ނަމަ އަނެއްކާ ވެސް ދިވެހިންނަށް ބޮޑު ބިރުވެރިކަމެއް ބައްދަލުކުރުން ވަރަށް ގާތެވެ. މިހެންކަމުން، އާންމުންނެކޭ އެއްގޮތަށް ކަމާއި ބެހޭ އިދާރާތަކުން ވެސް މިކަމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ. 

ވަކިން ހާއްސަކޮށް، ކަރަންޓީނުގެ އުސޫލާއި ހިލާފުވާނަމަ އާންމުންނަށް ފިޔަވަޅު އަޅަމުން އަންނަ ބީދާއިން މިފަދަ އިހުމާލުތައްވާ ފަރާތްތަކަށް ވެސް ފިޔަަވަޅެއް އަޅައިގެން ނަމަވެސް މިކަމަށް ހައްލެއް ހޯދުމަކީ މުހިއްމުކަމެއް ކަމަށް އަހަރެން ދެކެމެވެ.

17%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް