ސިޔާސީ އެކި ފަރާތްތަކުން މިހާރު ވެސް ދަނީ އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭ އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކަމުންނެވެ. އެގޮތުން އައްޑޫއަށް މިހާތަނަށް ލިބިފައިވާ ތަރައްގީ އާއި ކުރިއަށް އޮތް ތަނުގައި އަންނާނެ ތަރައްގީގެ ވާހަކަ ދަނީ ދައްކަމުންނެވެ.
އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ވެރިކަން ކުރާ މައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވެރިކަމެއްގައި އައްޑޫއިން ފެންނަނީ ވީރާނާކަން ކަމަށެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ އިންތިހާބަކަށް ވެސް އެމްޑީޕީއިން ޖަހަނީ އެއް ލަވައެއް ކަމަށާއި ފާއިތުވި ދެ އަހަރު ވެސް ގައުމު ވީ އިތުރަށް ފަގީރު ކަމަށެވެ. އެމްޑީޕީއަށް ވެރިކަމާއި މަޖިލިސް ލިބުނު ނަމަވެސް އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެކި ނޫސްތަކުން ލިޔެފައި ހުރި ހަބަރުތަކުގެ ސުރުހީތައް ފެންނަ ފޮޓޯތަކާއެކު ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އައްޑޫއިން ފެންނަން އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީ ކަމަށެވެ. އަދި އައްޑޫގައި އެމްޑީޕީގެ ރަމްޒަކީ ވީރާނާ ކުރުމާއި ފްލައިން ސްކޫލު ކަމަށް ޖަމީލް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އައްޑޫގެ ތަރައްގީއާ ގުޅުވައިގެން ވާހަކަ ދައްކަވާފަ އެވެ. އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޒައާމަތެއްގައި އައްޑޫއަށް އޮތީ ކޮން ކުރިއެރުމެއްތޯ ސުވާލުކުރެއްވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ. އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި އެ މަގާމަށް ވާދަކުރައްވަނީ މުހައްމަދު ލަތީފެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ލަތީފް ދާދި ފަހުން ވިދާޅުވެފައި ވަނީ އައްޑޫގައި މިހާރު ހުރި ޕޮލިސް އެކަޑަމީ އިމާރާތް ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި އައްޑޫގައި އިންޑިއާ ސިފައިން އުޅޭ ކަމަށް ބުނެ މި ސަރުކާރަށް ފާޑުވިދާޅުވި އެވެ.
މުހައްމަދު ލަތީފް-- ފޮޓޯ: ސަން
އެކަމަށް ފާޑުވިދާޅުވެ ނިޒާރު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ދުވާ ޓްރެކަކަށް ހަދަން ވެސް އިދިކޮޅުން ވައުދުވެދާނެ ކަމަށެވެ. އަދި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރާއި، ސިޓީ ސްކޮޔާ އާއި ދޮންދީނާ ބިނާ އާއި މަރަދޫ އަދި ފޭދޫގެ މަގުތަކަށް ނިމިދިޔަ ޕީޕީއެމްގެ ސަރުކާރުން ހެދި ގޮތް އައްޑޫ ރައްޔިތުންނަށް ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.