ads
ޝަމާއު ޝަރީފް--
ބޯކޮށް ވާރޭ ވެހުނަސް ކަނބާ އައިސާ ރަނި ހިނގުމުގައި ފެންބޮޑެއް ނުވޭ: ޝަމާއު
މާލެއަށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް ތަރައްގީ ކުރުމަށް ފަހު މި މަހު ހުޅުވި ކަނބާ އައިސާ ރަނި ހިނގުމުގައި ފެންބޮޑު ނުވާ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސްޓްރީޓްސްކޭޕިން" ޕްރޮޖެކްޓުގެ ދަށުން ދާދި ފަހުން ތަރައްގީ ކުރުމަށް ފަހު ކަނބާ އައިސާ ރަނި ހިނގުމުގެ އެއް ބައި ހުޅުވާފައި ވާއިރު، މިއަދު ބޯކޮށް ވާރޭ ވެހުނު ނަމަވެސް އެތަނުގައި ފެންބޮޑު ނުވާ ކަމަށެވެ. 

"މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޝަމާއު ވިދާޅުވި އެވެ. އޭނާ ވަނީ މާލެ ސިޓީ ކައުންސިލާއި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަނާއި އެ މަސައްކަތުގައި އުޅުނު ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ. 

މާލޭގައި އެންމެ ފަހުން ތަރައްގީ ކުރި ކަނބާ އައިސާ ރަނި ހިނގުން ހުޅުވާފައި ވަނީ 2021 ވަނަ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުންނެވެ.

މާފަންނުގައި އޮންނަ މި މަގަކީ ކުރިން ވަޅުގަނޑުތައް ގިނަ އަދި ކުޑަކޮށް ވާރޭވެހުނު ނަމަވެސް އާއްމުކޮށް ފެންބޮޑުވާ މަގެކެވެ.

މިއީ ސިޓީ ކައުންސިލުގެ "ސްޓްރީޓްސްކޭޕިން" ޕްރޮޖެކްޓުގެ ދަށުން އެންމެ ފުރަތަމަ ތަރައްގީ ކުރަން ފެށި މަގެވެ. އެ މަގު އަލުން ހުޅުވީ ބޮޑު ބަދަލުތަކާއެކު އެވެ.

އެގޮތުން ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތެއްގެ މަތިން މަގު ހަދާ، ހިތްފަސޭހަކަން ގެނެސްދިނުމަށް ގަސް އިންދާފައިވާ ގަސްމުށިތަށް އަރިމަތީގައި ބަހައްޓާފައި ވެއެވެ.

އޭގެ އިތުރުން އެކިއެކި ބޭނުމަށް މަގު ކޮނުމުގައި މަގުގެ މެދުން ނުކޮނެ، އަރިމަތިން މަގު ކޮނެވޭވެ ފަރުމާއެއް ގެނެސްފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ. 

މަގާ ގުޅިފައިވާ ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ޕާކުރުމަށް ހާއްސަ ސަރަހައްދުތައް ހަދާ، މަގުގައި މުދާ އަރުވާ ބޭލުމަށް އަދި ޓެކްސީ ހޯދުމަށް ހާއްސަ ސަރަހައްދު ކަނޑައަޅާފައި ވެއެވެ. 

މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް "ސްޓްރީޓްސްކޭޕިން" ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައި ދެއްވީ ފެބްރުއަރީ 17 2020 ގައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް