ads
ހާލިދު--
އަލިފާނުގެ ހާދިސާގައި ފިހުނު ހާލިދު، އެހީތެރިކަަމަށް ބޭނުންވެފައި!
މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު، ތިލަފުށީ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހަކު ފިހި، އިތުރު ފަރުވާއަށް މާލެއަށް ގެންނަން ޖެހުނެވެ. އޭގެ ތެރެއިން 25 އިންސައްތައަށް ފިހުނު ކ. ތުލުސްދޫ އަހުމަދު ހާލިދަށް އައިސީޔޫގައި ފަރުވާދޭން ޖެހުނުއިރު އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ ބޭބެ، މުހައްމަދު ޝިހާމް ސީއެންއެމްއަށް ބުންޏެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށް ފަހު، މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ހާލިދު ވަނީ އެތަނުގެ ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފަ އެވެ. ޝިހާމް ބުނީ، ޕްރައިވެޓް ރޫމަކަށް ކޮއްކޮ ބަދަލުކުރިއިރު އޭނާގެ ހަށިގަނޑުން ފިހިފައިވާ ގުނަވަންތަކަށް ފަރުވާދެމުން އަންނަނީ ވަކި ފިނިހޫނުމިނެއްގައި ބަހައްޓައިގެން ކަމަށެވެ. އަދި ކޮވިޑްގެ މި ހާލަތުގައި ވޯޑަށް ބަދަލުކުރުން ރައްކާތެރި ނޫން ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.

"އަައިސީޔޫގަ ބާއްވާފަ ރޫމަށް ބަދަލުކުރީ ޑޮކްޓަރު ލަފާދެއްވީ ވަކި ޓެމްޕަރޭޗަރެއްގަ ބާއްވައިގެންނޭ ކޮއްކޮއަށް ފަރުވާދެވޭނީ. އެއީ ވޯޑަށް ބަދަލުކޮށްފިއްޔާމުން އިންފެކްޝަން ވެދާނެކަމަށް ފެންނާތީ،" އޭނާ ބުންޏެވެ. 

ޝިހާމް ބުނި ގޮތުގައި އާސަންދައިން ލިބޭ މިންވަރު ކެނޑުމަށް ފަހު ކޮންމެ ހަތަރު ދުވަހަކުން 1000 ރުފިޔާ ރޫމަށް ދައްކަން ޖެހެ އެވެ. އަދި ކޮއްކޮއަށް ފިހިގެން ލިބުނު ގެއްލުމާއި ހުރެ ޑޮކްޓަރުން ދީފައި ވަނީ ވެސް ވަކި ހާއްސަ މެނޫއެކެވެ. އެއަށް ވެސް ދުވާލެއްގެ މައްޗަށް 500 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ހިނގަ އެވެ. 

މިހެންކަމުން، މިދަނޑިވަޅަކީ އާއިލާގެ އަތްމަތި ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްކަމުން މިކަމުގައި އާންމުން އެހީތެރިވުމަަށް ޝިހާމް އެދެ އެވެ. 

"އިރާދަކުރެއްވިއްޔާ ހާލު އަންނަނީ ރަނގަޅުވަމުން. ދެން އެހީއަކަށް އެދެން މި ޖެހުނީ ބައެއް ކަހަލަ ބޮޑެތި ހަރަދުތައް ކުރަންޖެހިގެން،" އޭނާ ކިޔައިދިނެވެ. 

ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު، ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި އެ އަލިފާނުގެ ހާދިސާ ހިނގިއިރު މި ހާދިސާގައި ބޮޑުވަރުވީ ހާލިދަށެވެ. އިތުރު ފަރުވާއަށް މާލެއަށް ގެނައި ދެވަނަ މީހާއަށް ފަރުވާ ކުރުމަށް ފަހު، ހާދިސާ ހިނގިތާ ދެވަނައަށްވީ ދުވަހު ވަނީ ދޫކޮށްލާފަ އެވެ. 

މި ހާދިސާގައި ހާލިދުގެ ވައަތް ފަޅި ބޮޑަށް ފިހުނުއިރު އޭނާގެ ބޭބެ ބުނީ މޫނާއި މޭމަތި އަދި އަތާއި ފައި ވެސް ފިހިފައިވާ ކަމަށެވެ.

މީގެ ކުރިން ކައިވެންޏެއްކޮށް ހާލިދުގެ ދެ ދަރިން ވެސް ތިބިއިރު އެ އާއިލާއިން އެދެނީ ހާލިދުގެ ފަރުވާއަށް އެމީހަކަށް ވެވުނު މިންވަރަކުން ނަމަވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށެވެ. 

އިތުރު މައުލޫމާތު: 

އެކައުންޓް ނަންބަރު: 7703218739101 - މުހައްމަދު ޝިހާމް (ބޭބެ)

އިތުރު މައުލޫމާތު ހޯދުމަށް: 7584448 - މުހައްމަދު ޝިހާމް

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް