ads
ބޮޑުފިނޮޅުގައި ރަހީނުކުރި ދިވެހިން ސަލާމަތްކުރަން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ފުލުހުން
ރިޒްގެ މައްޗަށް ތުހުމަތުކުރާ ހިއުމަން ޓްރެފިކިންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި
ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލަ، ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހަޅައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ފުލުހުންގެ ފަރާތުން ވަނީ ރިޒް ކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

މުސާރަ ނުދޭ މައްސަލައާ ގުޅިގެން ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް ވެގެން ވަނީ އެތަނުގައި ތިބި ދިވެހިންތަކެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރަހީނުކޮށްފަ އެވެ. 

އެ މައްސަލައާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކުރިއިރު އެމީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ވަނީ އެކަން ހިނގާދިޔަ ގޮތް ވަރަށް ސާފުކޮށް ކޯޓުގައި ކިޔައިދީފަ އެވެ. 

އެގޮތުން މުސާރަ ހޯދުމަށް އާދޭސްކުރުމުން، ބިރު ދައްކައި މަރުގެ އިންޒާރުދިން ކަމަށް އެމީހުން ވަނީ ބުނެފަ އެވެ. މުސާރަ ނުލިބޭތާ ހަ މަސް ދުވަސްވާތީ އެކަމުގެ ޝަކުވާކުރުމުން، މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވައި، އެ މީހުންނަށް ބިރު ދައްކާފައިވާ ކަމަށާއި މުސާރަ ނުދީ އެމީހުން ފޮނުވާލާނީ މާލެއަށް ކަމަށް ވެސް ބުނެފައިވާ ކަމަށް އެމީހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އޭގެ އިތުރުން، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތި ކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވާފައިވާ މައްސަލަ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އޭރު ވަނީ ބުނެފަ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މަސައްކަތްތެރީންގެ ތެރެއިން މުސާރަ އާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް