ads
ވަކީލުން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ ގަވާއިދަށް އަމަލު ކުރަން ފަށައިފި
ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވާއިދަށް އަމަލު ކުރަން ފަށައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އާ ގަވާއިދެއް އެ އޮފީހުން އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ގަވާއިދަށް އަމަލު ކުރަން ފެށުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން ކަމަށް ބުނެފައިވެއެވެ.

އެގޮތުން މި ގަވާއިދަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ށ) އާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅާ، އެފަދަ މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އަދި މި ގަވާއިދުގެ ދަށުން މިދިޔަ އަހަރު ނޮވެމްބަރު މަހު އަމަލު ކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނު ދަށުން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތް ހާލެއްގައި އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ އުސޫލުތައްވެސް މި ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، މި ގަވާއިދުގެ ދަށުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ މީހުންގެ ޝަރުތު ފުރިހަމަވުމަށް، އެމީހަކު ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށަކީ މި ގަވާއިދުގެ ފަސްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށަކަށް ވާންޖެހޭ ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އަދި ގަވާއިދުގެ ޖަދުވަލު އެކެއްގައިވާ ކުށުގެ ތުހުމަތުގައިވާ މީހާއަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތަކުން ޝަރުތުވެސް ފުރިހަމަވާންޖެހޭނެ ކަމަށް އޭޖީން ބުނެއެވެ. 

ގާނޫނީ ވަކީލަކު ހަމަޖެއްސުމަށް އެދި ދައުލަތަށް ހުށަހަޅަނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްނަމަ، އެ ކުއްޖާއަށް ގާނޫނީ ވަކީލެއް ހަމަޖެއްސެއް ނެތް ހާލަތެއްގައި މި ގަވާއިދުގެ ދަށުން ގާނޫނީ ވަކީލެއް ހަމަޖައްސައިދޭނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ. 

ވަކީލަކު ހޯދުމަށް ދައުލަތުގެ އެހީ ބޭނުންވާ މީހުންނަށާއި ކުދިންނަށް މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު އޭޖީ ވެބްސައިޓުން ލިބޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް