ads
މާރިޔާދީދީ--
"ބޮޑެތި ގައުމުތަކާ ދިވެހި ސިފައިންގެ ގުޅުން ދަނީ ބަދަހިވަމުން"
އަސްކަރީ ގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކާ ދިވެހި ސިފައިންގެ ގުޅުން މިއަދު ދަނީ ބަދަހިވަމުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ "މިނިސްޓަރުގެ ގަލަންކޮޅުން'' ގައި މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ ދުނިޔެއަށް އަންނަ ތަރައްގީއާއެކު، އަސްކަރީގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުމުތަކާ ދިވެހި ސިފައިންގެ ގުޅުން އަދު ދަނީ ބަދަހިވަމުން ކަމަށާއި އަސްކަރީ ބޮޑެތި ގައުމުތަކާއެކު ދިވެހި އަސްކަރިއްޔާއިން ބާއްވަމުން ދާ ރަހުމަތްތެރިކަމުގެ ގުޅުމާއެކު، ދިވެހި އަސްކަރިއްޔާގެ ކުރިމަގު ފެންނަމުން ދަނީ ތަފާތު އާ އިތުރު ހަރުފަތްތަކާ އެކުގައި ކަމަށެވެ. 

އަދި ރައީސް އިބްރާހީމް މުހައްމަދު ސޯހިލް ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުޅާއެކު، ދިވެހި އަސްކަރިއްޔާ ކުރިއަރުއްވާ ތަރައްގީ ކުރެއްވުމަށް، ފަންނީ އަދި މާލީ އެހީތައް މިއަދު ދިވެހި އަސްކަރިއްޔާއަށް މެދުނުކެނޑި ލިބެމުންދާތީ އެކަމަށް އިންތިހާއަށް އުފާކުރާކަމަށާއި އެއީ ދިވެހި އަސްކަރިއްޔާއަށާއި، ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބޭ އުފަލެއްކަމާއި ހިތްވަރެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އޭގެ އިތުރުން އަސްކަރީ ގޮތުން ކުރިއަރާފައިވާ ދުނިޔޭގެ ބޮޑެތި ގައުމުތަކާއެކު ތަފާތު ދާއިރާތަކުން ސިފައިން ބިނާކުރުމަށް މިއަހަރުވެސް ސިފައިންގެ ލީޑާޝިޕުން ނިންމާ އެކަމުގެ މަޝްވަރާތައް މިހާރު ވެސް ދަނީ ކުރެވެމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ލީޑާޝިޕަށް މިނިސްޓަރު މާރިޔާ ވަނީ މަރުހަބާ ކިޔުއްވާފައެވެ.

އަސްކަރީ ބޮޑެތި އެތަކެއް ބާރުތަކާއެކު ދިވެހި ސިފައިން މިއަދު މިބާއްވާ ރަހުމަތްތެރިކަމުގެ ގުޅުމުން ދިވެހި ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގިނަ ހޯދުންތައް ހޯދައިފައިވާ ކަމަށާއި ނިރުބަވެރި ހަމަލާތަކާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ހަރުދަނާ ކުރިއެރުންތައް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. 

އަދި ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަންތަކުގައި އާ ތަޖުރިބާ އާއި ކުރިއެރުން ވެސް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އޭގެ ފޮނިމީރުކަން ސިފައިންނަށް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ދިވެހި ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް ސިފައިންނަށް ބޭނުންވާ ތަމްރީންތައް ކުރިއަށްގެންދިޔުމުގައި ފާއިތުވެދިޔަ އަހަރަށް ވުރެ ގިނަ އޮޅިތަކެއް ގިރާކުރަން މިއަހަރު ވަނީ ނިންމާފައި ކަމަށާއި އެގޮތުން ކަންކަމަށް ދުރާލައި ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ ހުނަރާއި ތަމްރީންތައް ލިބިފައިވާ ގާބިލް ލަޝްކަރަކަށްވުމަށް އަބަދުވެސް ބަދަހި ކަމާއެކު ދިވެހި ސިފައިން ތިބޭ ތިބުމާ މެދު މުޅި ގައުމު ފަހުރުވެރިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް