ads
ފޮޓޯ: މިހާރު
ފަށާ ތައުލީމުގެ މުދައްރިސުން ތަމްރީން ކުރަން ހިލޭ ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
ފަށާ ތައުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ހަރަދުކުރާ ގޮތަށް 15 ސްކޮލަޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފި އެވެ.

އެ ސްކޮލަޝިޕަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ގައުމީ ޔުނިވާސިޓީއިން، މިވަގުތަށް ގައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. 

އެ ސްކޮލަޝިޕާއެކު ދެވޭ އިނާޔަތްތަކުގެ ތެރޭގައި އެލަވަންސްއެއްގެ ގޮތުގައި މަހަކު 5000 ރުފިޔާ އާއި، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ސެމެސްޓާއަކު 5000 ރުފިޔާ އާއި، ސްކޮލަޝިޕް ލިބޭ ފުރަތަމަ މަހު އެސްޓޭބްލިޝްމަންޓް ގްރާންޓެއްގެ ގޮތުގައި ދެވޭ 5000 ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން އެ ސްކޮލަޝިޕަށް ހޮވޭ ފަރާތްތަކުގެ އެކޮމޮޑޭޝަން ގައުމީ ޔުނިވާސިޓީގެ ދަނާލުން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. 

އެ ސްކޮލަޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ހަފްތާއަކު 20 ގަޑިއިރަށް ވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާ ނުކުރުން ހިމެނެއެވެ. މިނިސްޓްރީން ބުނީ އެގޮތަށް ނިންމާފައިވަނީ އެ ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުން އުނގެނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމަށް ކަމަށެވެ. 

އެ ސްކޮލަޝިޕްތައް އަމާޒުކޮށްފައިވަނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކަށެވެ. އެ ޕްރޮގްރާމްގެ ދަށުން ޖުމްލަ 30 މުދައްރިސުން ތަމްރީން ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ހަރަދުކުރާ 15 ސްކޮލަޝިޕްގެ އިތުރުން ގައުމީ ޔުނިވާސިޓީއިން ވެސް 15 ފަރާތަކަށް ސްކޮލަޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް