ads
ރައީސް އަދި މަބްރޫކް
ރައީސް އޮފީހުން ޕްރެސް ކޯޕްސްއެއް އެކުލަވާލަނީ
ރައީސް އޮފީހުން ޕެރެސް ކޯޕްސްއެއް އެކުލަވާލަން މަސައްކަތްކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލުކުރެއްވުމަށް ފަހު، ތަރުޖަމާނު މަބްރޫކް ވިދާޅުވެފައިވަނީ ދުނިޔޭގެ އެތައް ގައުމުތަކެއްގައި އެކުލަވާލައިފައިވާ ޕެރެސް ކޯޕްސް ރާއްޖޭގައިވެސް އެކުލަވާލަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

ސީއެންއެމްއައް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ޕްރެސް ކޯޕްސް އުފެއްދުމަށް ޓަކައި ވަރަށް އަވަހަށް ހުރިހާ މީޑިއާތަކާ އެކު މަޝަވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޕްރެސް ކޯޕްސް އުފައްދާނީ ހުރިހާ މީޑިއާތަކުގެ މަޝަވަރާގެ މަތިން ކަމަށެވެ.

އަދި ޕްރެސް ކޯޕްސް އުފެއްދުމުގެ މަގްސަދަކީ މީޑިއާތަކަށް ފަސޭހައިން ސަރުކާރުގެ ފަރާތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށާއި އެކި ފްރެސްތަކުގައި މައުލޫމާތު ދިނުމުގެ ބަދަލުގައި އެހެން ގޮތްގޮތަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ރައީސް އެދިލައްވާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. 

އޭގެ އިތުރުން މަބުރޫކް ވިދާޅުވީ ރައީސް އޮފީހާއި މީޑިއާއާ ދެމެދު އޮންނަ ގުޅުމާއި މައުލޫމާތު ހާމަ ކުރެވޭނެ ފަސޭހަ ގޮތްތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށާއި އެގޮތުން އަންނަ މަހުން ފެށިގެން ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މަހަކު ދެ ފަހަރު ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ރައީސް އޮފީހުން ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ނިންމިއިރު، އެ އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްތާ މިހާރު ގާތްގަނޑަކަށް ހަތް މަސްވެއްޖެ އެވެ. އެންމެ ފަހުން ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރު ޖޫން މަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް