ads
ވީޑިއޯ ރިޕޯޓް-
ތިން ވަނަ ރާޅު ބިންދާލަނީ ސްކޫލުތަކުން؟
ކޮންމެ ދުވަހަކު ފެންނަ ކޮވިޑް-19 ގެ ކޭސްތައް މަދުނަމަވެސް މިވަގުތު މި ކޭސްތައް ފެންމުންދާ ގޮތަށް ބަލާއިރު މި ބަލީގެ ތިން ވަނަ ރާޅެއް ދިވެހިންނާއި އަރާއި ހަމަނުކުރާނެ ބުނަން ދައްޗެވެ. މިވަގުތު ވެސް ވާނުވާ ނޭނގި ގއ. ދެއްވަދޫގައި ކޮވިޑް ފެތުރެމުންދާއިރު އެކްލާސްޓާ ވެސް މިދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. އެ ކްލާސްޓާއާ ގުޅިގެން ދެއްވަދޫ އާއި ދާންދޫ އަދި ވިލިނގިއްޔާއި ލ. ފޮނަދޫ އަދި އެ އަތޮޅު ގަން ވެސް މޮނިޓަރިންގައި އޮތުމާއެކު ސްކޫލުތަކުގެ ކިޔެވުން ވެސް ވަނީ މެދުކަނޑާލަން ޖެހިފަ އެވެ.

ގާތްގަނޑަކަށް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، މިމަހުގެ ދިހަ ވަނަ ދުވަހު، ހުރިހާ ގްރޭޑްތަކަށް ކިޔައިދޭން ފެށީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނަމަވެސް ކޮވިޑްގެ ކޭސްތައް މިފެންނަން ފެށިގޮތުން ބެލެނިވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެ އެވެ. އެ ކުދިން ސްކޫލަށް ފޮނުވުމަށް ފަސް ޖެހިދާނެ އެވެ. 

ސްކޫލުތައް ހުޅުވުނުތާ އަދި ހަފްތާއެއް ވެސް ނުވާއިރު މިފަހުން ވަނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދެމުން އައި ޓީޗަރެއް ޕޮޒިޓިވްވެފަ އެވެ. އޭނާއާ އެއްވެސް ދަރިވަރަކު ބައްދަލުނުވި ނަމަވެސް ކޮންޓެކްޓުންގެ ގޮތުގައި ޓީޗަރުން ފާހަގަކުރެވިފައިވެ އެވެ. 

އަނެއްކޮޅުން މިއަދު އިރުއަރައިގެން އައި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 12 އަށް ކިޔަވަމުން އަންނަ ދަރިވަރަކު ޕޮޒިޓިވްވެ، އެ ސްކޫލު ބަންދުކުރަން ޖެހުނު ހަބަރުންނެވެ. ފަހުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް އެ ރަށަށް ވެސް އަރާއި ފޭބުން މަނާކުރެވިގެންދިޔަ އެވެ. 

ސްކޫލު ހުޅުވުނުތާ މާ ދުވަސްތަކެއް ނުވެ، ސްކޫލުތަކުން މިފަދަ ގޮތަކަށް ކޮވިޑްގެ ކޭސްތައް ފެންނަމުންދާތީ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. ވަކިން ހާއްސަކޮށް ހުރިހާ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން އެކުދިންނަށް ކިޔަވައިދެމުންދާ މިދަނޑިވަޅަށް ބަލާއިރު ޑރ. ޝީނާ މޫސާ ލަފާކުރައްވާ ގޮތުންނަމަ މިމަހުގެ ފަހުކޮޅު ކޮވިޑްގެ ކޭސްތައް މިހާރު މި ފެންނަ މިންވަރަށް ވުރެ ކުޑަކޮށް އިތުރުވެގެންދާނެ އެވެ. 

ރާއްޖޭގެ ހާލަތު ރަނގަޅު ހިސާބެއްގައި ހުރެފައި ޖެނުއަރީގައި ކޭސްތައް އިތުރުވާނެ ކަމަށް ބެލެވެނީ ދީފައިވާ ލުއިތަކާ އެކު، ބައިވަރު ހަރަކާތްތައް އާ އަހަރު ފެށުނު އިރު ހިނގާފައި ހުރުމުންނެވެ. އެ ސަބަބާހުރެ މާލޭ ސަރަހައްދުގެ ހާލަތު ވަރަށް ގާތުން އެޗްޕީއޭ އިން ބަލަމުންދާނެ ކަަމަށް ވެސް ވިދާޅުވި އެވެ. 

ކޮވިޑްގެ ކޭހެއް ފެނި މާލޭ ސަރަހައްދު މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ލޮކްޑައުންކުރެވިގެންދިޔައިރު މިއަދާއި ހަމައަށް ވެސް މި ލޮކްޑައުން އުވާލެވިފައެއް ނުވެ އެވެ. އެހެންނަމަވެސް ބޮޑެތި ލުއިތަކެއް މިއަދާ ހަމައަށް ވެސް ވަނީ ދީފަ އެވެ. 

މާލޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ކޮވިޑް ޖެހޭ މީހަކު ނުފެންނަ ހަމަ އެއް ދުވަސް ވެސް އަދި ފާއިތުވެގެންނުދާއިރު މިދަނޑިވަޅުގައި ހުރިހާ ގްރޭޑެއްގެ ކުދިން ސްކޫލުތަކަށް ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތްތޯ ސުވާލު އުފެދެ އެވެ. 

އެއްގޮތަކަށް ވެސް ސްކޫލަށް ދަރިން ފޮނުވުމަށް ދެކޮޅު ހަދަނީކީ ނޫނެވެ. އެފަދަ އަންދާޒާއެއް ޑރ. ޝީނާ ކުރައްވާފައިވަނިކޮށް ހުރިހާ ގްރޭޑެއްގެ ކުދިން ސްކޫލަށް ގެންދާތީ އެކަމުގައި ކަންބޮޑުވުންތަކެއް ވެސް ހުރީ އެވެ. މިހާރު ރާއްޖޭގެ ހާލަތު ހުރި ގޮތަށް ބަލާއިރު ރައްކާތެރިކަމުގެ ފިޔަަވަޅުތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހެ އެވެ. ބޮޑު ގައިޑްލައިނަކާއެކު މިވަގުތު ކިޔަވައިދެމުން އަންނައިރު އަކުރުން އަކުރަށް މިގައިޑްލައިނަށް ބޯލަނބައިގެން ވިޔަސް، ސްކޫލުތަކުން ތިން ވަނަ ރާޅު ބިންދާލިޔަ ދީގެން ނުވާނެ އެވެ. 

18%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް