ads
ވީޑިއޯ ރިޕޯޓް-
ރައީސް ޔާމީންގެ މުދާ، ދައުލަތަށް ނެގިދާނެތަ؟
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މި ސަރުކާރުގެ ވެރިކަމުގައި ވަނީ ގިނަ ތުހުމަތު ތަކެއް ކޮށްފައެވެ. އަދި އެމަނިކުފާނު މިހާރުވެސް ޖަލުގައި ހުންނެވިއިރު، މިމަހު ބޭއްވި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިފައެވެ. އެއާއެކު އިދިކޮޅުން އަންނަނީ މިއީ ބޭއިންސާފުން ހިނގާ، ގައިރު ގާނޫނީ އެދުމެއް ކަމަށް ބުނެފައެވެ.

މިމަހުގެ ހަތްވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ، ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ ރ. ފުއްގިރި ކުއްޔަށްދީގެން ރައީސް ޔާމީން، ރިޝްވަތުގެ ގޮތުގައި ނެގި އެއް މިލިއަން ޑޮލަރާއި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށެވެ.

އެގޮތުން މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އިއްވި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައި ވަނީ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް ޖަމާކޮށް، ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާތީއެވެ. 

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުގައި ހުރި 1.1 މިލިއަން ޑޮލަރާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށްވެސް އެ ދައުވާގައިވެއެވެ.  

މިކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ރައްދުދެއްވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ މި ފަދަ އަމުރަކަށް އެދުމަކީ ގައިރު ގާނޫނީ އެދުމެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ ގާނޫނު އަސާސީގައި މުދާ ހޯދުމާއި ލިބިގަތުމުގެ ހައްގުގެ އިތުރުން، ކޮންމެ މީހަކީ މައުސޫމް، ކުށުން ބަރީއަ މީހެއްކަމަށާއި މީހެއްގެ އަތުގައި އެއްޗެއް ހުރުމާއިއެކު އެމީހަކީ ކުށްވެރިވާ މީހެއްގެ ގޮތުގަ ނުވަތަ ނެގެންޖެހޭ އެއްޗެއްގެ ގޮތުގަ ބަޔާންކޮށްފައެއް ނެތް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން މުދާ ހޯދުން، މިލްކުކުރުން، ވާރުތަކުރުން، ދިނުން އަދި މުދަލުން މުއާމަލާތު ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވެއެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ކޯޓަކުން ކުރާ ހުކުމަކުން ނޫނީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުން ނެތި ދައުލަތަށް ނުނެގޭނެ ކަމަށްވެއެވެ.

މި މާއްދާގެ (ނ) ގައި ބުނެފައިވަނީ ގާނޫނާއި ހިލާފަށް ހޯދާ މުދާ، ނުވަތަ ދުޝްމިނެއްގެ މުދާ ބަދަލު ދިނުމަކާ ނުލާ ދައުލަތަށް ނެގުމަށް ހުކުމް ކުރުމުގެ ބާރު ކޯޓުތަކަށް ލިބިދޭފަދަ ގާނޫނެއް ހެދުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. 

މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަލާލާއިރު، އެ ގާނޫނުގެ 192 ވަނަ މާއްދާގައިވާ ގޮތުން، ދައުވާ ލިބޭ މީހާ ކުރާ ކުށެއްގެ ސަބަބުން އެ މީހަކަށް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ގާނޫނަކުން ކަނޑައަޅާފައިވާނަމަ އެގޮތަށް އެކަން ކުރުމަށް ކޯޓުން އަމުރުކުރަން ޖެހެއެވެ. އަދި އެ މުދަލާއި ފައިސާ ބޭނުންކޮށްގެން އިތުރު މުދަލާއި ފައިސާ ހޯދާފައިވާކަން ޝަރީއަތަށް ސާބިތުވެއްޖެނަމަ އެ ފައިސާއާއި މުދާ ދައުލަތަށް ނެގުމަށްވެސް ކޯޓުން އަމުރުކުރަން ވާނެ ކަމަށް މި މާއްދާގައިވެއެވެ. 

މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ)ގެ ދަށުން މަނީ ލޯންޑްރިންގެ ކުށަކާ ގުޅިފައިވާ ފައިސާ ދައުތަލަށް ނެގުމަށް ކޯޓު އަމުރެއް ނެރެވޭނެ އެވެ.

ކަން މިހެން ހުރިއިރު، ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގެން އޮތީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާތައް ކޯޓުގައި ސާބިތު ވުމުންނެވެ. އެމަނިކުފާނު މިހާރުވެސް ހުންނެވީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް ކުރެއްވި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވުމުން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް ޖަލުގައެވެ. މި މައްސަލަ ހައިކޯޓުގައި ކުރިއަށް ދާއިރު، ވަކި ގޮތަކަށް މައްސަލަ ނުނިމެނީސް ރައީސް ޔާމީންގެ މުދާ ދައުލަތަށް ނެގުމީ އެންމެ އެކަށޭނެ ގޮތްތޯ އެއީ އުފެދޭ ސުވާލެކެވެ. 

ދެން އުފެދޭ ސުވާލަކީ ކުރިން ކުރި ކުށަކަށް ފަހުން ހަދާ ގާނޫނަކުން އަދަބު ދެވިދާނެތޯއެވެ؟ މި ސުވާލަށް ޖަވާބެއް ހޯދުމަށް ގާނޫނު އަސާސީ އަށް ބަލާލާއިރު، ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ކުށެއް ކުރިއިރު، އެކުށަށް ކަނޑައެޅިފައިވާ އަދަބަށްވުރެ ބޮޑު އަދަދެއް ކުށްކުރި މީހާއަށް ދީގެން ނުވާނެ ކަމަށެވެ. އަދި ކުށެއް ކުރިފަހުން އެކުށެއްގެ އަދަބަށް ގާނޫނުން ލުޔެއް ގެނެސްފި ހާލަތެއްގައި އެ މީހަކަށް ފަހުން ހެދުނު ގާނޫނުގައިވާ އަދަބބު ދިނުމަށްވެއެވެ. މިހެން އޮތް އިރު، ކުރިން ކުރި ކުށަކަށް ފަހުން ހަދާ ގާނޫނަކުން އަދަބު ދެވެން އޮތީ އެއީ ކުރީގެ އަދަބަށް ވުރެ ލުއި އަދަބަކަށް ވާނަމަކަން ހާމަވެއެވެ.

ކޮންމެއަކަސް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައަކީ ބޮޑުން ގުޅިގެން ދިވެހި ރައްޔިތުންގެ ފައިސާ ލޫޓުވާލި، އެކަމަށް އަދިވެސް ހައްލެއް ނުލިބިވާ މައްސަލައެކެވެ. އެ މައްސަލައަކަށް ރައްޔިތުން ފުރިހަމަ އިންސާފަށް އެދި އެދި ތިބި މައްސަލައެކެވެ. ޖަލު ހުކުމަކުން ފުއްދާލުމުގެ ބަދަލުގައި މި މައްސަލައިގައި ސާބިތުވަ މީހުންގެ މުދަލުގައި ހިމެނޭ ދިވެހި ރައްޔިތުންގެ މުދާ، ދިވެހި ދައުލަތުގެ މުދާ އަނބުރާ ދައުލަތަށް ނަގަން ޖެހެއެވެ. މިއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި ގާނޫނީ ގޮތުން ވެސް އެކަން ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. 

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް