ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްފި
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ، ގޮއިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމު އާއި މެނޭޖިން ޑިރެކްޓާ ހަސަން ޝާހު އެވެ.

އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ގޮއިދޫއަށްގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު އެ މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 30 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމްގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 15.9 ކިލޯ މީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯކް ޣާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 300 ކިއުބިކް މީޓަރުގެ ދެ ތާންގީ ބެހެއްޓުން ހިމެނެ އެވެ. 

އޭގެ އިތުރުން، ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ އެވެ. އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 8.7 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމާއި، 1.1 ކިލޯ މީޓަރގެ ފަންޑިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކުނެކްޝަން ގުޅައިދީ އެގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ އެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ. 

ޕްލޭނިން މިނިސްޓްރީން ގޮައިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު އެއީ 22 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ އަގަކީ 46 މިލިއަން ރުފިޔާ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް