ads
ވީޑިއޯ ރިޕޯޓް:-
ސްކޫލުތައް ބަންދުކުރުން ނޫން ގޮތެއް ނެތީ ބާ؟
ނިމިދިޔަ 2020 ވަނަ އަހަރަކީ ކަޅު އަނދިރި އަހަރެކެވެ. ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ފުރަބަންދުގެ ސަބަބުން ރައްޔިތުންނަށް އެތައް އެތައް ދައްޗަކާއި ތުރާލެއް ކުރިމަތިވި އަހަރެކެވެ. ގޮންޖެހުންތަކުގެ އިތުރަށް އެތައް ހައްގަކުން އެތައް ބަޔަކު މަހުރޫމް ވެގެންދިޔަ އަހަރެކެވެ.

ފުރަބަންދުގެ ސަބަބުން އުނިވެގެންދިޔަ، ނުވަތަ ބުރޫ އަރައިގެންދިޔަ ހައްގުތަކުގެ ވާހަކަ ދައްކާނަމަ އެންމެ ފުރަތަމަވެސް ސަމާލުކަމެއް ދޭންވީ ތައުލީމު އުނގެނުމުގެ ހައްގަށެވެ. ފުރަބަންދުގެ ސަބަބުން އެންމެ ބޮޑު އުނިކަމެއް ލިބިގެންދިޔައީ އެތައް އެތައް ދަރިވަރުންނެއްގެ ތައުލީމު އުނގެނުމުގެ ހައްގަށެވެ. މިކަމާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ހިނދު މި ދާއިރާގެ އިސްވެރިންނާއި އަދި ސަރުކާރުގެ އެންމެ މަތީ ފަރާތްތަކުން މިކަން ގަބޫލުކުރާކަމީ ވެސް ހަގީގަތެކެވެ. 

ކޮވިޑާއި ގުޅިގެން އެންމެ ފުރަތަމަ މުޅި ރާއްޖެ ލޮކްޑައުންއަކަށް ދިއުމާއިއެކު އެހެން ބައިވަރު ހިދުމަތްތަކެއް ހުއްޓުމަކަށް އައި ފަދައިން ތައުލީމު އުނގެނުމުގެ ހިދުމަތް ވެސް، ނުވަތަ ސްކޫލުތަކާއި މަތީ ތައުލީމުދޭ ކޮލެޖުތައް ވެސް ބަންދުވެގެން ދިޔައެވެ. ނަމަވެސް މުޅިން ހުއްޓުމަކަށް ގެނެސްފައި ބޭއްވުމުގެ ބަދަލުގައި، އޭރު ފެނިގެންދިޔައީ، މުދައްރިސުންނާއި އަދި އެ ނޫން ވެސް ފަރާތްތަކުގެ މިންނެތް މަސައްކަތުން ކޮންމެވެސް ސިފައެއްގައި ދަރިވަރުންނަށް އުނގަންނައިދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ތަނެވެ. އޮންލައިން ކްލާސްތައް މެދުވެރިކޮށް ދަރިވަރުންނަށް ގޭގައި ތިބެގެން ފިލާވަޅުތައް ނަގައިދިނުމުގެ ކަންކަން ގޮންޖެހުންތަކާއި އެކުގައި ވެސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އިމްތިހާންތައް ޖެހުނީ ފަސްކުރާށެވެ. 

ރާއްޖޭގައި ކޮވިޑުގެ ހާލަތު، ނުވަތަ ކޭސްތައް ފެންނަ މިންވަރު ދަށްވެއްޖެ ކަމަށް އަންގައި މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އަލުން ސްކޫލްތައް ހުޅުވާލެވުނެވެ. ނަމަވެސް މުޅި ރާއްޖޭގައި ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުން ވެގެންދިޔައީ ދަރިވަރުންނާއި ބެލެނިވެރިން ފަހަރުގައި އެންމެ ބޭނުންވި ގޮތް ނޫން ކަމަށް  ބުނެވިދާނެއެވެ. އެކަން އެނގިގެންދަނީ އޭރު އެންމެ ހާއްސަކޮށް ބެލެނިވެރިން އުފައްދަމުން ދިޔަ ސުވާލުތަކާއި ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކުންނެވެ. 

ކޮވިޑުގެ ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން އަލުން ފެށުން އެންމެ ބުއްދިވެރިތޯ، ނުވަތަ ސްކޫލް މާހައުލު މި ހާލަތުގައި ރައްކާތެރިތޯ އެތައް ބެލެނިވެރިންނެއް ސުވާލު އުފެއްދިއެވެ. އަދި އެގޮތަށް އެކަން ނުވެއްޖެނަމަ ޒިންމާ ނަގާނީ ކާކުތޯވެސް ސުވާލު އުފެއްދިއެވެ. ކުޑަމިނުން ތިމާގެ ދަރިފުޅު ސްކޫލަށް ފޮނުވާނަންތޯ ވެސް ސުވާލު އުފެއްދި ބެލެނިވެރިން މަދެއް ނޫނެވެ. ނަމަވެސް އެއްވެސް ބެލެނިވެރިއަކު، ދަރިވަރުންނަށް އުނގެނުމުގެ ހައްގު އުނިވެފައި އޮންނާކަށް ބޭނުމެއް ނުވާނެއެވެ. 

މިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ދިނީ ދަރިވަރުންނާއި ބެލެނިވެރިންނަށް ވަރަށް ވެސް އުންމީދީ ޖަވާބެކެވެ. މިނިސްޓްރީން ބުނީ، ސްކޫލްތައް ވާނީ ކޮވިޑުން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތައް އަޅާފައި ކަމަށާއި ކުދިންގެ ލާނިން އެރޭންޖްމެންޓްސް އާއި ހެލިފެލިވެ އުޅޭ ގޮތްތައް ވެސް ވަނީ ވަކި އިންތިޒާމެއްގެ ދަށުން ފުރިހަމައަށް ގާއިމްކުރެވިފައި ކަމަށެވެ. އަދި ސްކޫލުތަކުގައި ދަރިވަރުން ތިބޭނީ ގައިދުރުކޮށް މާސްކް އަޅައިގެން ކަމަށާއި ކްލާހުގައި ދަރިވަރުން ގައިގޯޅިިވެ އުޅޭ ކަހަލަ ހަރަކާތްތައް ވާނީ ވީހާވެސް މަދުކޮށް ބޭއްވޭ ގޮތަށް ހަމަޖައްސާފައި ކަމަށެވެ. 

ނަމަވެސް ސްކޫލްތައް ހުޅުވިގެން ހަފްތާއެއްގެ ތެރޭގައި މި ފެނުނީ އެއްވެސް ބެލެނިވެރިއެއް ނުވަތަ ދަރިވަރެއް ވެސް ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ސްކޫލްތަކުން ޓީޗަރުންނާއި ދަރިވަރުން ޕޮޒިޓިވް ވާން ފެށި މަންޒަރެވެ. މިހާތަނަށް ކޭސްތައް ފެނުނު ސްކޫލްތަކާއި އަދަދުތައް ހިމަނާ ނުލި ނަމަވެސް ހަބަރުތަކުގެ ސުރުހީތަކުގައި މިއަދު އޮތީ މުޅިން ވެސް އެ ވާހަކައެވެ. 

މިހާ ހިސާބުން އުފެދޭ ސުވާލުތަކަކާއި އަދި ޔަގީންވާ އެއް ކަމެއްވެސް އެބަ އޮތެވެ. އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ، މި ފަހަރު ވެސް ހައްލަކީ ސްކޫލްތައް އަނެއްކާވެސް ބަންދުކުރުން ތޯއެވެ. ނުވަތަ ހައްލަކީ ރާއްޖޭގައި ވެސް ހޯމް ސްކޫލިންނަށް ފުރުސަތު ދިނުންތޯއެވެ. މިކަމުގައި އަނެއްކާވެސް މިނިސްޓްރީގެ ބައެއް ހޯދާލުމަށް ކުރި މަސައްކަތުން، މިނިސްޓްރީން މިހާތަނަށް ބުނެފައި ވަނީ، ސްކޫލްތަކުގެ ކިޔެވުން އަލުން މެދުކަނޑާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. 

މި ހާލަތުގައި ޔަގީންވާ އެއްކަމަކީ، ކޮވިޑް ފަދަ ބަލިމަޑުކަމެއް ނުވަތަ އެ ނޫން ވެސް ބޮޑު ކަމެއް ދިމާވެއްޖެ ނަމަ، ތައުލީމު ފޯރުކޮށްދޭނެ ނިޒާމެއް ރާއްޖޭގައި ހަގީގަތުގައި ވެސް ނެތް ކަމެވެ. 

25%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް