ads
ސިންތިޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---
ސިންތެޓިކް ޓްރެކަކީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ހާއްސަ ތަނެއް ނޫން: ރައީސް
މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކަކީ ހަމައެކަނި އެތުލީޓުން ތަމްރީނުކުރުމަށް ހާއްސަ ތަނެއް ނޫން ކަމަށާއި އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ އާންމު ސިއްހަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މާލޭ ކުލިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ކުޅިވަރުގެ ރޮނގުން ދެކޭ ހުވަފެންތައް، ހަގީގަތަކަށް ހެދޭނެ މަގު، ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ. އަދި ތޮއްޖެހިފައި އޮތް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ސިއްހަތު ރަނގަޅުކުރުމަށްޓަކައި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ކޮށްދިނުމަކީވެސް އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެހެންކަމުން އެ ޓްރެކަކީ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ހާއްސަ އިސްކަމެއްދީގެން ކޮށްފައިވާ މަސައްކަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ، ދޮށީ ޢުމުރުގެ ބޭފުޅުންނަށްވެސް، ރައްކާތެރިކަމާއެކު މިތަނުގައި ހިންގަވައި ކަސްރަތުކުރެއްވޭނެ ގޮތަށް، ރަނގަޅު ފެންވަރުގައި ހަދާފައި އޮތް ޓްރެކެއް. މިހާތަނަށް ކަސްރަތު ނުފަށްޓަވާ ބޭފުޅުންވެސް މިތަނަށް ވަޑައިގެން، ހަށިހެޔޮ ދިރިއުޅުމަކަށް މަސައްކަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއް" ރައީސް ވިދާޅުވިއެވެ.

އެކުވެނި ސަރަހައްދުގައި އެންމެ ފުރަތަމަ ޓްރެކެއް ހުޅުވުނީ 1998 ވަނަ އަހަރުއެވެ. ރައީސް ވިދާޅުވީ އޭރުން ފެށިގެން، މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް، އެތަނުގައި އޮތީ ވެލި އަޅައިގެން ހަދާފައި އޮތް ޓްރެކެއް ކަމަށާއި، ކޮންމެފަހަރަކުވެސް ޓްރެކް ހަލާކުވުމުން ވެލިއަޅައިގެން ހަރުކުރުމަށްފަހު އެއްވަރުކޮށްލަނީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް، އެ ފެންވަރުގައި ހުރެގެން، ކުޅުންތެރިންނެއް ނުއުފެއްދޭނެ ކަމަށެވެ. 

ޒުވާން ކުޅުންތެރިން، ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް މަދުނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުޅުންތެރިން އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް، އެފަދަ ކާމިޔާބީތަކާ ފައިހަމަވާ މިންވަރާ ގާތަށްވެސް ތަރައްގީކުރެވިފައެއް ނެތް ކަމަށެވެ. 

"ޓްރެކްތަކާއި، ފަތާ ފެންގަނޑުތަކާއި، ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޖިމްފަދަ ވަސީލަތްތައް، އެކަށީގެންވާ މިންވަރަކަށް ތަރައްގީ ކުރެވިފައެއް ނެތް. މާލޭގެ ފަތާ ޓްރެކް އެއޮތީ މިތަނާ މާ ދުރަކު ނޫން. އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު، އެތަން އޮތް ގޮތް ހުރިހާ ބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ. އަތްވާއި ވާރެއިން ހިޔާވެވޭނެ ގޮތެއް އެތަނަކު ނެތް. އެކަށީގެންވާ ޗޭންޖިން ރޫމެއްވެސް ނެތް. އެއީ، ފަތަން ދާ މީހުންނަށާއި، ފެތުމުގެ މުބާރާތްތަކަށް ފަރިތަކުރާ އެތުލީޓުންނަށްވެސް އެކަށީގެންވާ ގޮތަކަށް އޮތް ތަނެއް ނޫން. މިހާރު އެތަން ތަރައްގީކުރުމަށް ކުރިއަށްދާ މަޝްރޫއު، އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ކުރީކޮޅު ނިމުމަކަށް އަންނާނެ. އޭރުން އެތަނުގައި ހުންނާނީ ހިޔާވެވޭނެ ގޮތަށް ހެދިފައި. އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިން ރޫމްތަކާއި، ފާހާނާއާއި، ފެންވަރާނެ ތަންތަން އެތަނުގައި ހުންނާނެ. އޭރުން، އެތަން ބޭނުންކުރުމުގައި މިހާރު ދިމާވާ، ވަރަށް ގިނަ މައްސަލަތައް ޙައްލުވެ، އެތުލީޓުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ކުރިން ވަރަށް އާދައިގެ ގޮތަކަށް އޮތް އެ ޓްރެކަށް ގެނެވުނު ބަދަލުގެ ސަބަބުން، ރާއްޖޭގައި ބާއްވާ ގައުމީ ކަސްރަތު މުބާރާތްތަކާއި، ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު، އެތައް ގުނައަކަށް ރަނގަޅު ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެެވެ. އަދި ބޭރުގެ މުބާރާތްތަކަށް އެތުލީޓުން ތައްޔާރުކުރުމަށްވެސް، ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ޓްރެކްގެ މަސައްކަތަކީ ވަރަށް ދީލަތި ފަރާތްތަކެއްގެ އެހީތެރިކަމާއެކު، ފުރިހަމަކުރެވުނު ވަރަށް ބޮޑު މަސައްކަތެއްކަމަށެވެ. އެމަނިކުފާނު ވަނީ އެ ފަރާތްތަކަށްވެސް ޝުކުރުދަންނަވާފައެވެ. އެގޮތުން އެ މަޝްރޫއު ފުރިހަމަކުރުމުގައި، އިންޑިއާގެ ވަރަށް ދީލަތި އެހީތެރިކަމެއް ލިބިފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އެއީ، ދޭދޭ ގައުމުތަކާއެކު ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމަށް، ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ތަރައްގީއަށާއި، ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގައި، އިންޑިއާއިން ދެމުން އަންނަ އެހީތެރިކަމުގެ އަގުވަޒަންކޮށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، އިންޑިޔާ ސަރުކާރަށް، އެމަނިކުފާނު ވަނީ ޝުކުރުދަންނަވާފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް