ads
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގާނޫނަށް އިސްލާހު ގެނަޔަސް އިންތިހާބު އަވަސް ނުވެދާނެ: ނިޔާޒް
ލޯކަލް ކައުންސިލްތަކާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް އިންތިހާބު ލަސްވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރަގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިހެން ވިދާޅުވީ، ލޯކަލް ކައުންސިލްތަކާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް މިއަދު ބޭއްވި ދައުރުން ބޭރުގެ ހާއްސަ ޖަލްސާގައި ގާނޫނަށް ގެންނަ އިސްލާހު ހުށަހަޅުއްވަމުންނެވެ. 

ނިޔާޒް ވިދާޅުވީ، ގާނޫނަށް އިސްލާހު ގެނައި ނަމަވެސް، އެހެން އިދާރާތަކުގައި ހުރި އިންތިހާބާއި ބެހޭ ކަންކަން ވެސް ނިންމަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ ގާނޫނު އިސްލާހު ކުރި ނަމަވެސް އިންތިހާބު ފަސްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ، މި އިންތިހާބާއި ގުޅޭ ގޮތުން ކޯޓުގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. 

އެގޮތުން ނިޔާޒް ވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން ކޯޓުގައި އޮތް ތިން މައްސަލައެއް ފާހަގަކުރައްވާފައެވެ. އެއީ ކައުންސިލުތަކުން ވަކި އަދަަދަކަށް ގޮނޑި އަންހެނުންނަށް ހާއްސަކުރި މައްސަލައާއި، އަލުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަ ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލު ކުރި މައްސަލައެކެވެ. 

ޕީޕީއެމްގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލައަށް އަޅިއަޅުއްވާލައްވައި ނިޔާޒް ވިދާޅުވީ، މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް ޕީޕީއެމްއިިން ވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށާއި، ގާނޫނަށް އިސްލާހު ގެނައުމުގެ އިތުރަށް، ކޯޓުތަކުގައި ހުރި މައްސަލަތައް ނިންމައި، އިންތިހާބު ބޭއްވޭނެ މާހައުލެއް ތަނަވަސް ކުރަން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން ނިޔާޒް ވަނީ، އިންތިހާބަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި އިލެކްޝަން ކޮމިޝަނުން ހިޔާލު ތަފާތުވާ ކަންތައްތަކެއް ނުވަތަ އިލެކްޝަން ކޮމިޝަނުން ބޭނުންވާ ކަންތައްތަކެއް ވެސް ހިމެނޭނެ ކަމަށާއި، އެހެންކަމުން ވީ އެންމެ އަވަހަކަށް ކޮމެޓީގައި މަސައްކަތްތައް ވެސް ފަށަން ޖެހޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް