ads
ސަންޖޭ ސުދީރު--
އިންޑިއާގެ ކޮވިޑް ވެކްސިން ރާއްޖެއަށް ވަރަށް އަވަހަށް ލިބޭނެ: ސަންޖޭ ސުދީރު
އިންޑިޔާ އިން ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެހީގައި ހެދި ސެންތެޓިކް ޓްރެކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސަފީރު ވަނީ ވެކްސިން ދިނުމަށް ދުނިޔޭގައި ވެސް ހިންގާ އެންމެ ބޮޑު އެއް ޕްރޮގްރާމު އިންޑިއާގައި އިއްޔެ ފަށާފައިވާކަން ފާހަގަކުރައްވާފަ އެވެ. 

ސަފީރު ވިދާޅުވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިއާއަކީ ބޭސް އުފައްދާ އެންމެ ބޮޑު އެެއް ގައުމަށްވެފައި އަވަށްޓެރި ގައުމުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ ވަރަށް އަވަހަށް ވެކްސިން ރާއްޖެއާ ހިސާބަށް ފޯރާނެ ކަމަށެވެ. 

"އިންޑިއާގެ ފަރާތުން ވަރަށް އަވަހަށް ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެ. އަނެއްކާވެސް އިންޑިއާއިން މި ސާބިތުކޮށްދެނީ އިންޑިއާއިން އަބަދުވެސް އިމަޖެންސީ ހާލަތްތަކުގައި އެހީވާން އެންމެ ފުރަތަމަ ނިކުންނަ ގައުމަކަށް ވާނެކަން،" ސަފީރު ވިދާޅުވި އެވެ.

އިންޑިއާގެ ވެކްސިން ދިނުމުގެ ޕްރޮގްރާމު އިއްޔެ ފައްޓަވައިދެއްވީ އެގައުމުގެ ބޮޑުވަޒީރެވެ. އިންޑިއާގައި ދެ ވެކްސިނަކަށް ހުއްދަދީފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އޮކްސްފޯޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފެއްދި ކޮވިޝީލްޑާއި އިންޑިއާގެ ބާރަތު ބަޔޯޓެކުން އުފެއްދި ކޮވެކްސިން އެވެ.

ރާއްޖެއަށް މިމަހުގެ 26 ވަނަ ދުވަހު ކޮވިޑް ވެކްސިން ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުން ރާއްޖެއަށް ގެންނަން މަސައްކަތްކުރަނީ ސިންގަޕޫރުގެ އެސްޓްރަޒެނެކާ އާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑުން ގުޅިގެން ތައްޔާރުކުރި ވެކްސިނެވެ. އެހެންނަމަވެސް ވެކްސިން ގެނައުމުގެ ކަންކަމާއި ގުޅޭ ގޮތުން އެޗްއީއޯސީގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް މިހާތަނަށް ބަހެއް ލިބިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް