ads
ޑރ. މުހައްމަދު އަލީ-- ފޮޓޯ: ވަން
ކޮވިޑް ވެކްސިނުގެ ސައިޑް އިފެކްޓާ ގުޅޭ ގޮތުން ޑޮކްޓަރެއްގެ ޖަވާބު!
މީގެ އަހަރެއްހާ ދުވަސް ކުރިން ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދެ މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އެ ބައްޔަށް މިއަދު މި ވަނީ އެތައް ބައިވަރު ވެކްސިނެއް އުފައްދާފަ އެވެ. ގައުމުތަކުން ވެކްސިން ދިނުމުގެ ޕްރޮގްރާމުތައް ފަށައިގެން އުޅޭއިރު، ވަރަށް އަވަހަށް ރާއްޖޭގައި ވެސް ވެކްސިން ދޭން ފަށާނެ އެވެ.

ވެކްސިންގެ އަޑު ގަދަ ވާން ފެށުމާއެކު ވެކްސިނާ މެދު ތަފާތު އެކި ގޮތް ގޮތަށް މީހުން ވަނީ ހިޔާލު ފާޅުކުރަން ފަށާފަ އެވެ. އެގޮތުން އެއް ބަޔަކު ބުނަނީ ވެކްސިނުގެ ސަބަބުން ދިގު މުއްދަތުގައި ކުރާނެ އަސަރު ނޭނގޭއިރު ވެކްސިން ނުޖަހާނެ ކަމަށެވެ. 

އެގޮތުން މިހާރު ވެކްސިން ދިނުމުގެ ސައިޑް އިފެކްޓް ދިމާވާ ހާލަތްތަކުގެ ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ. މި ފަހަރު ސޯޝަލް މީޑިއާގައި އެފަދަ ވާހަކައަކަށް ރައްދު ދެއްވާފައި ވަނީ އައިޖީއެމްއެޗުގެ ޑރ. މުހައްމަދު އަލީ އެވެ. 

ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ހަބަރެއް ހިއްސާކުރެއްވުމަށް ފަހު ޑރ. އަލީ ޓެގު ކުރައްވާ ވަނީ އެ ހަބަރުގެ ކުޑަ ހުލާސާއެއް ލިޔުއްވާފަ އެވެ.

އޭގައި ވަނީ ފައިޒާގެ ކޮވިޑް ވެކްސިން ޖެހިތާ ދުވަސްކޮޅެއްގެ ތެރޭގައި ނޯވޭގައި 23 މީހުން މަރުވި ކަމަށެވެ. އަދި އޭގެ ތެރެއިން 13 މީހުން މަރުވީ ވެކްސިނުގެ ސައިޑް އިފެކްޓުގެ ސަބަބުން ކަމަށެވެ. އެ އެންމެންނަކީ ވެސް އުމުރުން 80 އަހަރުން މަތީގެ، އުމުރުން ދުވަސްވީ މީހުންގެ މަރުކަޒުގައި ތިބި މީހުން ކަމަށް ވެސް ވެއެވެ.

އެ ޕޯސްޓަށް ކުރި ކޮމެންޓުގައި ޑރ. އަލީ ވިދާޅުވީ ވެކްސިނެއްގެ ސައިޑް އިފެކްޓެއް އުޅޭ ނަމަ އެކަން ސިއްރެއްގެ ގޮތުގައި ނޯންނާނެ ކަމަށެވެ. އަދި ތަހުގީގަށް ފަހު އެކަން ދިމާވި ސަބަބު ދެނެގަނެވޭނެ ކަމަށް ވިދާޅުވި އެވެ. 

"ވެކްސިނެއްގެ ސައިޑް އިފެކްޓެއް އުޅޭ ނަމަ އެކަން ސިއްރެއްގެ ގޮތުގައެއް ނޯންނާނެ. މި ކޭސްގައި، ފުރިހަމަ ތަހުގީގަކަށް ފަހު ސައިޑް އިފެކްޓް ދިމާވާން މެދުވެރިވި ސަބަބު ދެނެގަނެވޭނެ. އެއީ މި ވެކްސިން ދިނީ ނޯވޭގައި އެކަންޏެއް ނޫން. ވެކްސިން ދިން އެހެން ގައުމުތަކުގައި މިފަދަ އަސަރުތަކެއް ކޮށްފައެއް ނުވޭ،" ޑރ. އަލީ ވިދާޅުވި އެވެ.

ކޮންމެއަކަސް ފާހަގަކުރަން ޖެހޭ ކަމަކީ ވެކްސިން ޖެހުމަކީ ސިއްހީ މާހިރުން ލަފާދޭ ކަމެއް ކަމެވެ. ކޮވިޑް ވެކްސިން ވެސް ގައުމުތަކުގައި އެންމެ ފުރަތަމަ ދެނީ ސިއްހީ އެހީތެރިންނަށެވެ. ޑޮކްޓަރުންނާއި ނަރުހުންނަށެވެ. އަދި ފްރަންޓްލައިނުގައި އުޅޭ ފުލުހުންނާއި ސިފައިންނަށެވެ. އެއަށްފަހު މި ބަލީގެ ހައި ރިސްކު ގްރޫޕު ކަމަށްވާ އުމުރުން ދޮށީ މީހުންނާއި ސީރިއަސް ބަލިތަކުގެ މީހުންނެވެ. އެހެންކަމުން ގިނަ ސިއްހީ އެހީތެރިން އިތުބާރު ކުރާ ވެކްސިނަކަށް ދެކޮޅު ހަދަންވީ ކީއްވެ ހެއްޔެވެ؟

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
37%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް