ads
ވީޑިއޯ ރިޕޯޓް: -
އިދިކޮޅުން އުޅެނީ އިންތިހާބު އަވަސްވޭތޯއެއް ނޫން، ރައީސް ޔާމީން މިނިވަން ކުރެވޭތޯ!
ރާއްޖޭގެ ސިޔާސީ މައިދާނުގައި މިއަދު އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވި ލަސްވާ މައްސަލަ އެވެ. ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކުރި ނަމަވެސް، އަދި އެކަމުގެ ކުންނުގައި ކޮންމެ ސަބަބައް އޮތް ކަމުގައިވީ ނަމަވެސް މި މައްސަލާގައި ޒިންމާ ނަގަން ޖެހޭ ފަރާތަކީ ސަރުކާރު ކަމަށް ގިނަ ބަޔަކު އިއްތިފާގު ވާނެ އެވެ.

ލާމަރުކަޒީ ގާނޫނުގައި އިންތިހާބު ބޭއްވުމަށް ވަކި ތާރީހެއް ކަނޑައަޅާފައި އޮތް ހިނދު، ލާމަރުކަޒީ ނިޒާމަށް ރާއްޖެ ހިންގުމުގެ ގޮތުން ކައުންސިލްތަކަށް ބާރުތަކެއްދީ، ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ދަށުން ރައްޔިތުން ރުހުންދޭ ނުވަތަ އިންތިހާބު ކުރާ ކައުންސިލަކަށް ވަކި ދައުރެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވީހިނދު، އަދި މި ދެންނެވި ނިޒާމު، ނުވަތަ ލޯކަލް ގަވަނޭންސް ނިޒާމު ހުއްޓުމަކަށް އައިސްފައިވާކަން މިއަދު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވެސް ގަބޫލުކުރައްވަ އެވެ. 

އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ، އިންތިހާބު ގިނަ ދުވަސްތަކަށް ފަސްވެގެން ދިއުމާއިއެކު، އޭގެ ސަބަބުން އެ ގެއްލެނީ، ގާނޫނުން ރައްޔިތުންނަށް ލިބެންވާ ހައްގެއް ކަމާއި، އަދި އިންތިހާބު ފަސްވާނަމަ ކައުންސިލްތަކަށް ލިބޭ ބާރުތަކަށް ނުވަތަ ކައުންސިލްތަކަށް ގާނޫނީ ގޮތުން އެތައް އުނިކަމެއް އަންނަ ކަމަށް ހަރު އަޑުން ގޮވަމުން ދިޔައީ މިއަދު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަމެވެ. ކަން ވާން ޖެހޭނީ ވެސް އެހެނެވެ. ސަބަބަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ވިސްނާނަމަ، ސަރުކާރު ޒިންމާދާރު ކުރުވުމުގެ އަދި ޖަވާބުދާރީ ކުރުވުމުގެ އެންމެ އިސް ފަރާތަކަށް ވާން ޖެހޭނީ އެ އިރެއްގައި ސިޔާސީ ގޮތުން އިދިކޮޅުގައި އޮންނަ ބަޔަކަށް ވުމުންނެވެ. 

އިދިކޮޅު ކޯލިޝަނުން އިންތިހާބު ލަސްވާ މައްސަލާގައި އެތައް އެތައް ތުހުމަތުތަކެއް ސަރުކާރަށް ކުރި އެވެ. ސިޔާސީ އެތައް ތުހުމަތު ތަކެކެވެ. އިންތިހާބުގައި ސަރުކާރުން މަރުތަޅު އަޅުވައިގެން އުޅޭ ކަމުގެ ތުހުމަތެވެ. އިންތިހާބު ފަސްކުރަނީ ސަރުކާރު ފެއިލްވެފައިވާކަން ހާމަވެދާނެތީ ކަމަށް ބުނާ ތުހުމަތެވެ. އަދި އިންތިހާބު ފަސްކޮށްގެން ސަރުކާރުން އުޅެނީ ރައްޔިތުންގެ އެތައް އެތައް ހައްގަކަށް އަރައިގަންނަން ކަމުގެ ތުހުމަތެވެ. މިހެން ބުނެ އިދިކޮޅުން ހުއްޓުމެއް ނެތި ގޮވަމުން ދިޔައީ ގާނޫނަށް އިސްލާހު ގެނެސްގެން ވެސް އިންތިހާބު އަވަސް ކުރުމަށެވެ. އަދި އެކަން ކުރުމަށް ދައުރުން ބޭރުން ވެސް ޖަލްސާއެއް ބޭއްވުމަށެވެ. 

ނަމަވެސް ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން އިދިކޮޅު ބައެއް ފަރާތްތަކުގެ އަމަލުތައް ހުރި ގޮތުން، އިދިކޮޅުން ސަރުކާރު ބަދުނާމުކޮށް ކުރަމުންދާ ޑިމާންޑުތަކުގެ ފަހަތުގައި ސިޔާސީ ވަރަށް ބޮޑު ބޭނުމެއް އެބަ އޮތްކަން ދޭހަވެއްޖެ އެވެ. ޖަލްސާގައި ބައެއް މެމްބަރުން ދެއްކެވި ވާހަކައިން ވެސް އެކަން އެބަ ދޭހަވެ އެވެ. ހަގީގަތުގައި ވެސް ޖަލްސާގެ ތެރެއިން ފެނިގެން ދިޔައީ، އިދިކޮޅުން ސަރުކާރަށް ކުރަމުންދިޔަ ތުހުމަތުތަކަށް ހައްލެއް ގެންނަން މަސައްކަތް ކުރާ ތަނެއް ނޫނެވެ. ދެއްކެވީ ގާނޫނުން ރައްޔިތުންނަށް ލިބިދޭ ހައްގުތަކެއް އުނިވާ ވާހަކައެއް ނޫނެވެ. އުޅުއްވީ އިންތިހާބުގައި އަޅުވާފައިވާ ކަމަށް ބުނާ މަރުތަޅު ނެއްޓުވޭތޯއެއް ނޫނެވެ. 

ބަދަލުގައި އިދިކޮޅުން އުޅުއްވީ ރައީސް ޔާމީން އިންނެވި ޖަލު ގޮޅީގެ ތަޅު ނެއްޓުވޭތޯ އެވެ. ދެއްކެވީ އެމަނިކުފާނުގެ ހައްގުތަކުގެ ވާހަކަ އެވެ. ކުރެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށް ޑިމާންޑެވެ. ހިއްޕަވައިގެން ތިއްބެވީ ރައީސް ޔާމީން މިނިވަންކުރަން އެދި ޝުއޫރު ފާޅުކުރާ ބޯޑެވެ. ކުރު ގޮތަކަށް ޖަލްސާއަށް ނަޒަރު ހިންގާލަމާތޯ އެވެ. 

ޖަލްސާ ފެށިގެން ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެވެ. ބިލު ހުށަހަޅުއްވާ ނުނިމެނީސް އަޑު ގަދަވާން ފަށައިފި އެވެ. މާލޭ ކުރީގެ ބަކަރިކޮށި ހުރި ބިމުން އެ ވަގުތު އިވުނީ އާދައިގެ މަތިން ރައްޔިތުންގެ މަންދޫބުންގެ ހަޅޭކުގެ އަޑެވެ. ގައިމު ޔަގީނެވެ. ފުރަތަމަ ވެސް އިވެން ފެށީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންގެ އަޑެވެ. 

މެމްބަރު އަލީ ނިޔާޒް އެ ބިލު ހުށަހަޅުއްވަމުން ގެންދަވަނިކޮށް ވެސް ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ނަސޭހަތްތެރިވާން ވެސް ޖެހުނެވެ. ނަން އިއްވަން ޖެހިދާނެކަމުގެ އިންޒާރު ވެސް ދެއްވަން ޖެހުނެވެ. 

މި މަންޒަރު ފެނުމުން އަޅުގަނޑަށް ހަނދާންވީ އަހަރު ފެށުނުއިރު ވެސް އިދިކޮޅުން ވިދާޅުވި ވާހަކައެކެވެ. އެއީ މި އަހަރު ވެސް އިދިކޮޅުން އެންމެ އިސްކަމެއް ދޭނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތަށް ކަމަށް ވިދާޅުވި ވާހަކަ އެވެ. އިދިކޮޅުން ޖަލްސާގައި ވެސް އެ ދެއްކީ އެބަހުގައި އެބޭފުޅުން ހިއްޕަވައިގެން ތިއްބެވި ކަމެވެ. މި މަގުން ކަންވުމުން ހަމަ ރަނގަޅަށް ވެސް އަޅުގަނޑަށް ގަބޫލު ކުރެވުނީ އިދިކޮޅުން އިންތިހާބު އަވަސް ކުރެވޭތޯ ނޫޅޭ ކަމަށެވެ. އެއީ ބަހަނާއަކަށް ހައްދަވައިގެން ވެސް އަސްލު މަގްސަދަކީ ރައީސް ޔާމީން މިނިވަންކުރުން ކަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް