ads
އަލީ ނިޒާރު
އަހަރަކަށް މަޖިލިސް ސަސްޕެންޑް ކޮށްގެން 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ނިޒާރު
އަހަރަކަށް މަޖިލިސް ސަސްޕެންޑްކޮށްގެން ދައުލަތައް 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ގެ ސަބަބުން ދައުލަތުގެ މާލި ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި އިންތިހާބު ބާއްވަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ފާޅުކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން އަލީ ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާލީ ގޮތުން މި ދަތި ދުވަސްކޮޅު މަޖިލިސް އެއް އަހަރަށް ސަސްޕެންޑް ކޮށްގެން ދައުލަތަށް 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެހެން އެކަން ކުރުމަށް އެއްބަސްވެވިދާނެތޯ ނިޒާރް ވަނީ ސުވާލު ވެސް އުފައްދާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސުލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް "ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު"ގެ އިބްތިދާއީ ބަހުސް މިއަދު މަޖިލިސް ޖަލްސާގައި ވަނީ ފަށާފަ އެވެ.

ދައުރުން ބޭއްރުން ބޭއްވި އެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ސައްލެ ވިދާޅުވީ އިންތިހާބެއް ބޭއްވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށާއި ހާއްސަކޮށް، ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އިންތިހާބު ބޭއްވުމަކީ ވަކިން ހަރަދު ބޮޑުވާނެ ކަމެއް ކަމަށެވެ. އެގޮތުން ރައްކާތެރި ފިޔަވަޅުތަކާއެކު އިންތިހާބު ބޭއްވުމަށް އިތުރު 7.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ސައްލެ ވިދާޅުވި އެވެ.

ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓް ކުރަން ޖެހޭ ކަމަށާއި އެކަމަށް އެކަނިވެސް 3.5 މިލިއަން ރުފިޔާ ދާނެ ކަމަށް ސައްލެ ވިދާޅުވިއެވެ. އަދި ކޮންމެ ކިއުއެއްގައި ވޯޓުލާން އަންނަ މީހުންގެ ފިނި ހޫނު މިން ބެލުމަށް، ތާމޯމީޓަރަށް އެކަނި 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި 600 އޮފިޝަލުން މަސައްކަތް ކުރާއިރު އެއިން ކޮންމެ މީހެއްގެ ޕާސަނަލް ޕްރޮޓެކްޓް އިކުޕްމެންޓް (ޕީޕީއީ) އަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސައްލެެ ވިދާޅުވި އެވެ.

ރައްކާތެރި ފިޔަވަޅުތަކާއެކު ޖުމްލަ 7.7 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް ސައްލެ ލަފާ ކުރި އިރު، މަޖިލީހުން ފާސްކުރި މިއަހަރުގެ ބަޖެޓްގައި އިންތިހާބު ބޭއްވުމަށް 51 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މީގެ ކުރިން ވިދާޅުވެފައި ވަނީ 70 މިލިއަން ރުފިޔާ ލިބިގެން ނޫނީ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އެހެން ކަމުން އަދި އިތުރު 19 މިލިއަން ރުފިޔާ އިންތިހާބު ބޭއްވުމަށް ބޭނުންވާނެ އެވެ. އެ ބަޖެޓް ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކޮވިޑް 19 ގެ ބަލިމަޑުކަމާއެކު، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ. އެހެން ނަމަވެސް މިހާރު ބިލު ހުށަހެޅީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަަށެވެ.

ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަސްތެރޭގައި އަލުން އިންތިހާބު ބޭއްވުމަޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ފަށަނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވެ އެވެ.

މިހާރު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރެއްގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް