ads
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު-- ފޮޓޯ: މަޖިލީސް
ވޯޓް ލެވޭ މީހުންގެ ލިސްޓްގައި ނުހިމެނޭ ވަރަށް ގިނަ ޒުވާނުން އެބަތިބި: އާދަމް ޝަރީޕް
މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ އިންތިހާބުގައި ވޯޓް ލެވޭ މީހުންގެ ލިސްޓްގައި ނުހިމެނޭ ވަރަށް ގިނަ ޒުވާނުން އެބަތިބި ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީޕް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ އިންތިހާބުގައި ވޯޓް ލެވޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ވަރަށް ގިނަ ޒުވާނުން އެބަތިބި ކަމަށާއި އެ ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ނުލިބިއްޖެ ނަމަ ލޯކަލް ކައުންސިލް އިންތިހާބު ސައްހަ ނުވާނޭ ކަމަށެވެ.

އަދި ވޯޓްލުމުގެ ހައްގު ޒުވާނުންނަށް ލިބޭނެ ގޮތް ގާނޫނުގެ ތެރެއިން ކޮންމެހެން ހަދަންޖެހޭނެ ކަމަށްވެސް އާދަމް ޝަރީޕް އުމަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، އަމިއްލަ ފަރާތަކުން ވަނީ ކައުންސިލް އިންތިހާބަށް އަލުން ހުޅުވާލުމަށް އެދި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. އަނެއްކޮޅުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ބަލައިގެންފައެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ގާނޫނަށް އިސްލާހު ގެނައި ނަމަވެސް، އެހެން އިދާރާތަކުގައި ހުރި އިންތިހާބާއި ބެހޭ ކަންކަން ވެސް ނިންމަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ ގާނޫނު އިސްލާހު ކުރި ނަމަވެސް އިންތިހާބު ފަސްވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ، މި އިންތިހާބާއި ގުޅޭ ގޮތުން ކޯޓުގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. 

އެގޮތުން ނިޔާޒް ވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ގުޅޭ ގޮތުން ކޯޓުގައި އޮތް ތިން މައްސަލައެއް ފާހަގަކުރައްވާފައެވެ. އެއީ ކައުންސިލުތަކުން ވަކި އަދަަދަކަށް ގޮނޑި އަންހެނުންނަށް ހާއްސަކުރި މައްސަލައާއި، އަލުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަ ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލު ކުރި މައްސަލައެކެވެ.  

މަޖިލީހަށް އިސްލާހު ބަލައިގަތުމަށް ފާސްވޯ ވޯޓުގައި ބައިވެރިވި 39 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ބިލް މަޖިލީހަށް ބަލައިގަތުމާއި ގުޅިގެން ވަނީ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ލޯކަލް ކައުންސިލްޔަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް ގެންނަ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ސިއްހި ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަވެސް އިންތިހާބު ބޭއްވޭނެ ޖާގަ ދިނުމާއި، އިންތިހާބުތަކާއި ބެހޭ ގާނޫނާއި، ލާމަރުކަޒީ ގާނޫނުގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ބަދަލު ގެނައުން ހިމެނެއެވެ. މީގެއިތުރުން އިންތިހާބު ބާއްވާނެ ތާރީހު ކަނޑައަޅައި، އިންތިހާބު ބޭއްވުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުންވެސް މި ބިލުގައި ހިމެނެއެވެ. 

މިދިޔަ އަހަރުގެ މާޗު މަހު ބާއްވަން އޮތް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާއި ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނެއްގެ ދަށުންނެވެ. އެގާނޫނުގެ ދަށުން، އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އީސީއިން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނަމަވެސް މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަން ކަށަވަރުވުމުން އިންތިހާބު ވަނީ އެޕްރީލް 3 ގައި ބާއްވަން ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް