ads
ތިން މަސް ވަންދެން އެއާޕޯޓުގައި ދިރިއުޅުނީ އުމުރުން 36 އަހަރުގެ އަދިތްޔާ ސިންގް--
ކޮވިޑް ދެކެ ބިރުން ތިން މަސް ވަންދެން އެއާޕޯޓުގައި ދިރިއުޅެފި
ކޮވިޑުގެ ބަލިމަޑުކަމާ ހެދި ބިރުން ވައިގެ ދަތުރު ކުރަން ދެކޮޅު ހެދި މީހަކު ޗިކާގޯ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަރަހައްދެއްގައި ތިން މަސް ވަންދެން ދިރިއުޅެފި އެވެ.

އުމުރުން 36 އަހަރުގެ އަދިތްޔާ ސިންގް ހައްޔަރު ކުރީ އިއްޔެ އެވެ. އޭނާ އެއާޕޯޓުން ފެނުމުން އެތަނުގެ މުވައްޒަފެއްކަން އަންގައިދޭ އައިޑީ ދެއްކުމަށް އެންގި އެވެ.

އެކަމަކު އޭނާ ދައްކާފައި ވަނީ އެއާޕޯޓުގެ މުވައްޒަފެއްގެ ގެއްލިފައިވާ އައިޑީ އެވެ. އެ ކާޑު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު އެވެ. 

ފުލުހުން ބުނެފައި ވަނީ ލޮސް އެންޖެލެސްއިން އޮހެއާ އިންޓަނޭޝަނަލް އެއާޕޯޓަށް އަދިތްޔާ ފްލައިޓުގައި ދަތުރުކުރީ 19 އޮކްޓޯބަރުގައި ކަމަށެވެ. 

ޗިކާގޯ ޓްރިބިއުންގައިވާ ގޮތުން މުވައްޒަފުގެ ކާޑު އޭނާއަށް ފެނުނީ އެއާޕޯޓް ތެރެއިން ކަމަށާއި އޭނާއަށް ފުރަން ނުކެރި އެއާޕޯޓުގައި މަޑުކުރީ ކޮވިޑުގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ.

އެއާޕޯޓުގައި އޭނާ ދިރިއުޅުނު އެހެން ޕަސަންޖަރުން ދިން އެއްޗެހި ކައިގެން ކަމަށް ބުނެފައި ވެއެވެ. މި މައްސަލަ ކޯޓަށް ފޮނުވުމުން ފަނޑިޔާރު ވެސް ވަނީ ހައިރާންކަން ފާޅުކޮށްފަ އެވެ. 

ތިން މަސް ވަންދެން އެއާޕޯޓް ސެކިއުރިޓީއަށް ނޭނގި އޭނާ އެތަނުގައި ދިރިއުޅުނީ ކިހިނެއްތޯ ފަނޑިޔާރު ސުވާލުކޮށްފައި ވެއެވެ. 

އަދިތްޔާ މީގެ ކުރިން ކުށެއް ކޮށްފައެއް ނުވެ އެވެ. އޭނާގެ ގެ ހުންނަނީ ލޮސް އެންޖެލަސްގަ އެވެ. އޭނާއަށް ޗިކާގޯއަށް ދިޔަ ސަބަބު ސާފުވެފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ވަނީ އޭނާ 1000 ޑޮލަރުން ޖޫރިމަނާކޮށް އެއާޕޯޓަށް ވަނުން މަނާކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް