ads
ޝީރީން އާއި އޭނާގެ ލޯބިވެރިޔާ ނަޖާހް--
ޝީރީންގެ މަރު: މައްސަލަ އިސްތިއުނާފުކޮށް، އަޑުއެހުން ބުދަދުވަހަށް ތާވަލުކޮށްފި
މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއިން ލ. ގަމު، ތުނޑީ، މަރިޔަމް ޝީރީން މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވާ ލ. ކަޅައިދޫ އޯޝަންވިލާ، މުހައްމަދު ނަޖާހުގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއިރު، މި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ ބުދަ ދުވަހުގެ 11:00 އަށެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނިފައިވަނީ މާލޭގެ ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރެއިން، 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު އެވެ. އޭނާ ފެނިފައިވަނީ 31 ޑިސެމްބަރު 2009 އިން ފެށިގެން އޭނާ ގެއްލިގެން ހޯދަމުން އަންނަނިކޮށެވެ. 

އެގޮތުން ޝީރީން ފެނިފައިވަނީ ހަދަމުން ދިޔަ އެގޭގެ ތެރޭގައި ހުރި ގޯނިތަކަކަށް އަޅާފައި ހުރި ކުނިތަކެއް ނަގަން އުޅުމުގެ ތެރޭގައި އެ މަސައްކަތުގައި އުޅުނު މަސައްކަތު މީހާއަށް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ. ޝީރީންގެ މަރުގެ ތުހުމަތު ކުރެވުނީ އޭނާގެ ލޯބިވެރިޔާ ނަޖާހުއަށެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާއަށްފަހު، ދައުލަތުގެ ފަރާތުން މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ 2010 ވަނަ އަހަރުގެ ޖޫން މަހުއެވެ. ދައުލަތުން ނަޖާހުގެ މައްޗަށް ކުރީ ގަސްތުގައި މީހަކު މެރިކަމުގެ ކުށުގެ ދައުވާ އެވެ. 2015 ވަނަ އަހަރުގެ މެއި މަހު ކްރިމިނަލް ކޯޓުން ވަނީ ނަޖާހުގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށް ނިންމާފައެވެ. އަދި އޭނާ ވަނީ ސަލާމަތްވެފައެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުމަކީ ޝީރީން މަރާލި ގޮތް ތަހުގީގަށް ހޯދިފައި ނުވުމުން ކްރިމިނަލް ކޯޓުން ނިންމި ނިންމުމެކެވެ. ޝީރީންގެ ހަށިގަނޑު ފެނުނުއިރު އޮތީ ކުނިވެފައި ކަމުން ޕޯސްޓްމޯޓަމް ހަދައިގެން ނޫން ގޮތަކަށް މަރުވި ސަބަބު ދެނެނުގަނަވޭނެ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އޭނާ ވަޅުލާފައިވަނީ ޕޯސްޓްމޯޓަމް ނުހަދަ އެވެ.

ދައުލަތުން ވަނީ 2015 ވަނަ އަހަރު މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށްފަ އެވެ. މިދިޔަ އަހަރު އޮގަސްޓު މަހު ހައި ކޯޓުން ވަނީ ޝީރީން މަރުވި ސަބަބު ހޯދިފައި ނުވާތީ އެއީ ގަސްދު މަރެއް ކަމަށް ނިންމެން ނެތް ނަމަވެސް ނަޖާހުގެ އަމަލުތަކާއި ހެކި ބަހުން އެއީ ގަސްދަކާއި ނުލައި މީހަކު މެރުން ކަމަށް ނިންމާފައެވެ. އަދި ތައުޒީރީ އަދަބެއްގެ ގޮތުން އޭނާ 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް