ads
މުހައްމަދު ސިޔާޒް- މޯހަން
ސުޕަ ޔުނައިޓެޑުގެ ކޯޗަކަށް މޯހަން
ކްލަބު އީގަލްސްގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދިން މުހައްމަދު ސިޔާޒް މޯހަން ސުޕަ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމަށް ހަމަޖައްސައިފި އެވެ. މިކަން އިތުބާރު ހުރި ފަރާތަކުންވަނީ މި ނޫހަށް ކަށަވަރުކޮށްދީފައެވެ.

ސުޕަ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމަށް ހަމަޖެއްސި މޯހަން، މާދަމާ އޮންނަ ސުޕަ ޔުނައިޓެޑުގެ ޕްރެކްޓިހުގައި ބައިވެރިވާނެ ކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. ސުޕަ ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުގައި ހުރި ނާދު، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އުވާލީ މިއަދުއެވެ. އަދި މޯހަންއާ އެކު ސުޕަ ޔުނައިޓެޑު ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ ބުރާސްފަތި ދުވަހު އެ ކްލަބުން ވެލެންސިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކްލަބު އީގަލްސްއާ އެކު މިދިޔަ އަހަރުގެ ދިވެހި ލީގުގެ ދެވަނަ މަގާމު ހޯދައި، ކްލަބު އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕުން ފުރުސަތު ހޯދައިދިން ކޯޗަކީ މޯހަން އެވެ. މޯހަންވަނީ މިއަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ފަހަތުން އަރައި ވަރުގަދަ މާޒިޔާ ބަލިކޮށްފައެވެ. ކުރިން ދ. ކުޑަހުވަދޫއަށް މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން މޯހަންވަނީ ނިއުރޭޑިއަންޓާ އެކު ބަލި ނުވެ ދިވެހި ލީގު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ގައުމީ ފުޓްބޯޅަ މުބާރާތްވެސް މޯހަންވަނީ ނިއުއަށް ކާމިޔާބުކޮށްދީފައެވެ.

ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމު އަދާކުރި މޯހަންއަކީ އެންމެ ފުރަތަމަ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެކެވެ. މޯހަންވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުވެސް ފުރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް