ads
ރީބްރޭންޑްކޮށްފައިވާ އޭއެފްސީ ކަޕުގެ ލޯގޯ
އޭއެފްސީ ކަޕު އަންނަ މެއި މަހު
މި އަހަރުގެ މެއި މަހުގެ ތެރޭގައި އޭއެފްސީ ކަޕު ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ބާއްވަން އޭއެފްސީން ތާވަލުކޮށްފިއެވެ. އޭއެފްސީން މިހާރު ނިންމާފައިވާ ގޮތުން އޭއެފްސީ ކަޕުގައި ރާއްޖެ ހިމެނޭ ސައުތު ޒޯންގެ ކުޅުން އޮންނާނީ މެއި މަހުގެ ސާދައިން ފެށިގެން ވިއްސަށެވެ.

ކޮވިޑާ ގުޅިގެން އޭއެފްސީންވަނީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕު ކެންސަލްކޮށްފައެވެ. މުބާރާތް ކެންސަލް ކުރިއިރު ރާއްޖޭގެ ކްލަބުތައް ހިމެނުނު ގްރޫޕުން ކޮންމެ ޓީމަކުވެސްވަނީ މެޗެއް ކުޅެފައެވެ. އަންނަ މެއި މަހުގެ ތެރޭގައި އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ބާއްވަން އޭއެފްސީން ނިންމާފައިވާއިރު، ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައިވަނީ ރާއްޖޭން މާޒިޔާއެވެ.

މެއި މަހުގެ ތެރެއަށް އޭއެފްސީ ކަޕުގެ ސައުތު ޒޯން ޝެޑިއުލްކޮށްފައިވާއިރު، އެ ދުވަސްވަރު ދިމާވަނީ ކުޑަ އީދާއެވެ. ކަލަންޑަރުގައި މިހާރު އޮތް ގޮތުން މިއަހަރުގެ ކުޑަ އީދު ދުވަސް މީލާދީ ގޮތުން ދިމާވަނީ މެއި މަހުގެ ސާދަވަނަ ދުވަހާއެވެ. އޭއެފްސީގެ ޝެޑިއުލް މިހާރު އޮތް ގޮތުން ސައުތު ޒޯނުގެ މެޗުތައް ފަށަން ކަނޑައަޅާފައިވަނީވެސް އެ ދުވަހުއެވެ.

މާޒިޔާގެ އިތުރުން އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއާ، ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއަށްވަނީ ސައުތު ޒޯނުން ޖާގަ ކަށަވަރުވެފައެވެ. ސައުތު ޒޯނުގެ ގްރޫޕުގެ ހަތަރުވަނަ ޖާގައަށް ވާދަކުރާނީ ރާއްޖޭގެ ކްލަބު އީގަލްސްއާ، އިންޑިޔާގެ ބެންގަލޫރު އެފްސީ ހިމެނޭ ގޮތުން ޕްރިމިލިނަރީ ބުރަކަށް ފަހު ކުޅޭ ޕްލޭ އޮފުން ކޮލިފައިވާ ޓީމެކެވެ. ޕްރިމިލިނަރީ ބުރު ކުޅުމަށް އޭއެފްސީން މިހާރު ރާވާފައިވަނީ އޭޕްރީލް މަހަށެވެ. ޕްލޭ އޮފްވެސް އޭޕްރީލް މަހު ކުޅުމަށް އޭއެފްސީންވަނީ ނިންމާފައެވެ.

މިއަހަރުގެ އޭއެފްސީ ކަޕު ކުރިއަށް ގެންދަން އޭއެފްސީން ނިންމާފައިވަނީ ސެންޓްރަލައިޒްޑް ފޯމެޓަކަށެވެ. ރާއްޖޭގެ ކްލަބުތައް ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅޭނެ ގައުމެއް އަދި ކަނޑައަޅާފައިނުވާއިރު، މިދިޔަ އަހަރު ކެންސަލް ކުރި އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު އޭއެފްސީން ދިނެވެ. އޭއެފްސީން އެ ފުރުސަތު ރާއްޖެއަށް ދީފައިވަނީ އެހެން އެއްވެސް ގައުމަކުން މުބާރާތުގެ މެޗުތައް އެ ގައުމެއްގައި ކުޅެން ބޭނުން ނުވުމުންނެވެ. ރާއްޖޭގައި ސައުތު ޒޯނުގެ މެޗުތައް ކުޅެން ފުރުސަތު ދީފައި އޮއްވާ އެންމެ ފަހު ވަގުތު އޭއެފްސީން މުބާރާތް ކެންސަލް ކުރީއެވެ.

މެއި މަހުގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންދަން އޭއެފްސީން މިހާރު ނިންމާފައިވީނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން ޝެޑިއުލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް