ads
ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: މަޖިލިސް
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭ ގޮތަށް ބިލް ފާސްކޮށްފި
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް "ސަންސެޓް ގާނޫނަށް" އިސްލާހު ގެނެސް ބިލް ފާސްކޮށްފި އެވެ.

އެ ގާނޫނު ފާސްކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ ވޯޓުންނެވެ.

ބިލަށް އިސްލާހު ގެނައި ނަމަވެސް އަދިވެސް މެއި 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭ ނަމަ 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އެންގުމަށް ބިލްގައި ހިމަނާފައިވެ އެވެ. 

އިންތިހާބު ތާރީހަށް ނުބޭއްވިއްޖެ ނަމަ 30 ދުވަހުގެ މުއްދަތެއް އޮއްވައި މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވައިގެން އެ މުއްދަތު އިތުރުކުރާ ގޮތަށް ބިލުގައި ހިމަނާފައިވާ އިސްލާހަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 އަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރަން އިއްޔެ ހަވީރު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަމީމް ހުށަހެޅުއްވި އިސްލާހެކެވެ. 

އެ އިސްލާހު އެގޮތަށް ބަލައިގަނެ ނިންމުން ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އަދި އެ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވެސް ވަނީ ތާއިދުކުރައްވާފައެވެ.

މިދިޔަ އަހަރުގެ މާޗު މަހު ބާއްވަން އޮތް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާއި ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ ހާއްސަ ގާނޫނެއްގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން، އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އާ އިންތިހާބެއް ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ޖޫން މަހުގެ ދެވަނަ ދުވަހުގެ ދަންވަރު ޖަލްސާއެއް ބާއްވާ ވަނީ "ސަންސެޓް ގާނޫނު" ގެ ނަމުގައި މަޖިލީހުން ގާނޫނެއް ފާސްކޮށްފަ އެވެ. 

އެ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ. އެ މުއްދަތު ހަމަވާނީ އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހަށެވެ. 

އެހެން ނަމަވެސް ކޮވިޑް-19 ގެ ހާލަތު ހަމަޔަކަށް ނޭޅި އިންތިހާބު ފަސްވަމުން ދާތީ އިތުރަށް ފަސްވިޔަ ނުދިނުމަަށް ސަރުކާރުން ވަނީ އެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފަ އެވެ. 

ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ، އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ކަން ކަމަށް ދީފައިވާ ބައެއް މުއްދަތުތައް ކުރު ކުރާ ގޮތަށެވެ. 

އެހެން ނަމަވެސް މިއަދު މަޖިލީހުން އެ ބިލް ފާސްކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން އެދިފައިވާ ގޮތަށް އެ މުއްދަތުތައް ކުރު ނުކޮށެވެ. އެހެންކަމުން ދެން އިންތިހާބު ބާއްވަން ޖެހޭނީ، އިންތިހާބީ ގާނޫނުގައި ބުނާ މުއްދަތުތަކަށެވެ.

އަދި މިއަދު ފާސްކުރި ބިލުގައިވާ ގޮތުން އިންތިހާބު ބޭއްވޭނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަން ޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވުމުން އެ އުސޫލުތައް ހަތް ދުވަސް ތެރޭ ޑިރެކްޓާ ޖެނެރަލް އެކުކަވާލައި އާންމު ކުރަން ޖެހެ އެވެ. 

އެ ބިލަށް އަމަލު ކުރަން ފަށާނީ، ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.

އީސީއިން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނަމަވެސް މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަން ކަށަވަރުވުމުން އިންތިހާބު ވަނީ އެޕްރީލް ތިނެއްގައި ބާއްވަން ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް